އިއްޔެ މޮނީޓަރިންގ ހާލަތަށް ގެނައި ހއ. ދިއްދޫގައި ކާފިއު ވަގުތު އިތުރު ކުރިކަން އެނގިފައި ނެތް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވީ، ދިއްދޫގައި ކާފިއު ވަގުތު އިތުރު ކުރަން ބޭނުންވާކަން އެރަށު ކައުންސިލުން އެޗްޕީއޭއަށް އަންގާފައި ނުވާ ކަމަށެވެ.

މޮނީޓަރިންގއަށް ލާ ރަަށްތަކުގައި އަމަލު ކުރަން ޖެހޭ އުސޫލެއް މިދިޔަ މަހުގެ 25 ވަނަ ދުވަހު އެޗްޕީއޭއިން ވަނީ އާއްމުކޮށްފައެވެ. ޑިރެކްޓަރ އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ނެރުނު އެންގުމުގައި ވިދާޅުވެފައި ވަނީ އެޗްޕީއޭއިން ވަކި ގޮތެއް އަންގަން ދެން މޮނީޓަރިންގއަށް ލާ ކޮންމެ ރަށެއްގައި ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގަން ޖެހޭނެ ކަމަށެވެ. އަދި ކާފިއު ވަގުތަށް ބަދަލު ގެންނާނީ ބަލި ފެތުރޭ މިންވަރު ބެލުމަށްފަހު އެޗްޕީއޭއިން ކަމަށެެވެ.

ރަށެއްގައި ބަލި ކޮންޓްރޯލް ނުވެ ފެތުރެމުންދާ ނަމަ ފިިޔަވަޅުތައް ހަރުކަށި ކުރަން ޓާސްކް ފޯސް އާ ކައުންސިލުން ނިންމާ އެޗްޕީއޭގައި އެދެން ޖެހޭނެއެވެ. އަދި އެޗްޕީއޭ އިން ކައުންސިލަށް ލިޔުމުން އެ ހުއްދަ ދިނުމުން ކައުންސިލަށް ފިޔަވަޅުތައް ހަރުކަށި ކުރުމުގެ ބާރު ލިބިގެން ވެއެވެ.

އިއްޔެ ދިއްދޫ މޮނީޓަރިންގއަށް ލުމުން ކައުންސިލުން ނެރުނު އެންގުމުގައި ވަނީ މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 9:00 އިން 4:00 އަށް އެރަށުގައި ކާފިއު ހިންގާނެ ކަމަށެވެ. އެހެންކަމުން ކައުންސިލުން ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށް ކާފިއު ހިންގަން ނިންމީ އެޗްޕީއޭގެ ހުއްދަ ނެތިއެވެ. މީގެ އިތުރަށް ރަށް މޮނީޓަރިންގއަށް ލާފައި އޮތްއިރު، ރޭ 9:00 އިން 12:00 އަށްވެސް ރަށުގައި ކާފިއު ހިންގާފައެއް ނުވެއެވެ. ކާފިއު ހިންގަން ފެށީ ރޭ 12:00 އިން ފެށިގެންނެވެ.

އެޗްޕީއޭގެ އޮފިޝަލަކު ވިދާޅުވީ، މޮނީޓަރިންގއަށް ލުމުން 9:00 އިން 4:00 އަށް އިންނަ ކާފިއު ފިޔަވާ، ދެން އިތުރަށް ކަފިއު އިއުލާނު ކުރެވޭނީ އެޗްޕީއޭއިން އެންގުމުން ކަމަށާއި، އެފަދަ އެންގުމެއް ދިއްދޫއަށް އަންގާފައި ނުވާނެ ކަމަށެެވެ.

"ކައުންސިލަކުން މިކޮޅަކަށް ނުއެއް ފޮނުވާ، މިކޮޅަށް ފޮނުވީމަ އަޅުގަނޑުމެން ހުރިހާ އެއްޗެއް ބަލާނީ، ބަލާފައި އަންގާނީ. އެރަށެއްގެ ހާލަތު ބަލާފައި، އެޗްޕީއޭއަށް އަންގާނެ ތިމަންނަމެންގެ މިރަށުގެ ހާލަތަށް ބަަލާފައި މިވެނި ކަމެއް އިތުރު ކޮށްދޭން،ދެން މިކޮޅުންވެސް އެ ހާލަތަށް ރިއާޔަތްކޮށްފައި ޑިޒިޝަންތައް ނަގާނީ"، އެޗްޕީއޭ އިން އޮފިޝަލަކު ވިދާޅުވިއެވެ.

ދިއްދޫ މޮނީޓަރިންގއަށް ލީ އެރަށުގައި ކަރަންޓީންގައި ނެތް މީހަކު ކޮވިޑަށް ފައްސިވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބޯންތަށި

    ދިއްދޫ މީހުންނަކީ ތަފާތު ބައެއް، ބޯތަށި ހިޔާކުރި އިރުވެސް އެޗް.ޕީ.އޭ އަކަށް ނާންގާ ، ދެން ކީއްކުރަން ވަކި ކާފިއު އިތުރު ކުރީމަ އަންގަން ވީ ކީ؟ ތަފާތު ދޯ!!!!!!

    8
    1
  2. Maithiri

    Cousilun egotha fiyavalhu naalhanyakaa mi dhidhoo e
    maithiri e nuvaane, e hedhi ranagalha

    9
    2
  3. ކައުންސިލުގެ އިހްތިސޯސް

    އެޗްޕީއޭ ކާފިއުއަށް ވުރެ ކުރުނުވާނަމަ ކޮބާ މައްސަލަ އަކީ؟ ކައުންސިލްއަށް އެންގޭނެ، ކައުންސިލުން ކާފިއު ނެރެ ދިގުކުރަން. އެއީ ލާމަރުކަ ޒީއޭ

    2
    1