އައްޑޫސިޓީން އިތުރު ދެ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު އެސިޓީން ފައްސިވެފައިވާ ދެ މީހުންނަކީ މަރަދޫން ފައްސިވެފައިވާ ދެ ދިވެހިންނެވެ.

އައްޑޫން އިތުރު ދެ މީހަކު ފައްސިވެ ޖުމްލަ އެސިޓީން ފައްސިވި މީހުންގެ އަދަދު ވަނީ 564 އަށް އަރާފައެވެ. އެހެން ނަމަވެސް މިވަގުތު ބަލި ޖެހިފައި ތިބީ 22 މީހަކު ކަމަށް ހޮސްޕިޓަލްގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އެއީ ހިތަދޫން ތިން މީހުންނާއި މަރަދޫން 19 މީހެކެވެ.

އައްޑޫން ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 540 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، ދެ މީހަކު ވަނީ މި ބަލި ޖެހިގެން ނިޔާވެފައެވެ. އަދި މިވަގުތު އެކެއްގެ ހާލު ދެރަވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި ކޮވިޑް-19 ވޭދަނަތައް އިތުރުވާން ފެށުމާއި ގުޅިގެން އެސިޓީގައި ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އަދި މިއަދާއި ހަމައަށް ބަލި ޖެހިފައި ތިބި މީހުން ބެލުމަށް އެސިޓީން ވަނީ 13،775 މީހެއްގެ ސުންކު ނަގާފައެވެ.

އޭގެ ފަހުން ބަލީގެ ވޭދަނަތައް ފެންނަ އިންސައްތަ މަދުވުމުން އެސިޓީގައި އިއުލާނު ކުރި ފިޔަވަޅުތައް ވަނީ އުވާލާފައެވެ.

ރާއްޖޭން މިހާތަނަށް 77،432 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، އޭގެ ތެރެއިން 74،598 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މި ބަލި ޖެހިގެން މުޅި ރާއްޖޭން 221 މީހަކު ވަނީ ނިޔާވެފައެވެ.