ކޮވިޑް-19 ހާލަތު މިހާރު އެންމެ ބޮޑަށް ގޯސްވެފައި އޮތް އިންޑޮނޭޝިއާ އިން ކޮވިޑް ޖެހިގެން އިއްޔެ އިތުރު 1568 މީހުން މަރުވެއްޖެއެވެ. އިއްޔެ އިންޑޮނޭޝިއާ އިން އިތުރު 22404 މީހަކު ކޮވިޑަށް ފައްސިވިއެވެ.

އިއްޔެ އަކީ ފާއިތުވި އެއްމަސް ދުވަސް ތެރޭގައި އިންޑޮނޭޝިއާ އިން އެންމެ މަދު ބަޔަކު ކޮވިޑަށް ފައްސިވި ދުވަހެވެ. އިއްޔެ ކޮވިޑަށް ފައްސިވި މީހުންގެ އަދަދު މަދުވި ނަމަވެސް އިންޑޮނޭޝިއާގެ ހާލަތު އަދި ރަނގަޅު ވަމުން ނާންނަ ކަމަށް އެގައުމުގެ އޮފިޝަލުން ބުނެއެވެ.

ގިނަ ބަޔަކު ކޮވިޑަށް ފައްސިވަމުން އަންނަ އިރު އިންޑޮނޭޝިއާ އަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއްމައްސަލައަކީ ކޮވިޑަށް އެކަށީގެންވާ ވަރަށް މީހުން ޓެސްޓް ކުރެވެން ނެތުމެވެ. އެގައުމުން ދުވާލަކު ކޮވިޑަށް ޓެސްޓް ކުރެވެނީ ގާތްގަނޑަކަށް ތިންލައެއްކަހައި މީހުންނެވެ. ނަމަވެސް އެއަދަދު ފަސް ލައްކައަށް އިތުރު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ބުނެއެވެ.

އިންޑޮނޭޝިއާގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވުމާއިއެކު އެގައުމުގެ ހޮސްޕިޓަލްތައް ވެސް މިހާރު ވަނީ ފުރިފައެވެ. ކޮވިޑްގައި ހާލު ބޮޑުވާ މީހުންނަށް އައިސީޔޫގައި ފަރުވާ ދޭން ޖެހޭއިރު އިތުރު އައިސީޔޫ އެނދުތަކެއް ބައެއް ސަރަހައްދުގައި ނެތް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އިންޑޮނޭޝިއާ ސަރުކާރުން މިހާރު ވަނީ ކޮވިޑް މެނޭޖް ކުރުމަށް މަގުޗާޓެއް ތައްޔާރު ކުރުމުގެ މަސައްކަތް ފަށާފައެވެ. މިމަގުޗާޓްގައި ކޮވިޑްއަށް މީހުން ޓެސްޓް ކުރުމުން އިތުރު ކުރުމާއި، ކޮވިޑް ޖެހޭ މީހުންނާއި ބައްދަލުވާ މީހުން ފަސޭހައިން ދެނެގަނެވޭނެ ގޮތްތައް ހޯދުމާއި އަދި ފަރުވާ ދިނުމުގެ ކަންކަން ވެސް ކުރިއަށް ގެންދާނެ ގޮތް ހިމަނާނެއެވެ. މީގެ އިތުރުން ވެކްސިން ޕްރޮގްރާމް ކުރިއަށް ގެންދާނެ ގޮތުގެ އިތުރު ތަފްސީލްތައް ވެސް މިމަގުޗާޓްގައި ހިމަނާނެ ކަމަށް ސަރުކާރުން ބުނެއެވެ.

އިންޑޮނޭޝިއާ އިން މިހާތަނަށް 3.4 މިލިއަން މީހުން ކޮވިޑަށް ފައްސިވެ 97,291 މީހުން ކޮވިޑް ޖެހިގެން މަރުވެފައި ވެއެވެ.