ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގައި ބައިވެރިވި ކަމުގެ ތުހުމަތު ކުރެވޭ ހަތަރު މީހެއްގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފިއެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ހާމަ ކުރެއްވި ގޮތުގައި، މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާގައި ހައްޔަރު ކުރި މީހުންގެ ތެރެއިން ދައުވާ ކުރަން ފުލުހުން ފޮނުވި ހަތަރު މީހަކަށް ދައުވާ ކުރަން ޕީޖީ އޮފީހުން ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިފައިވާ ކަމަށެވެ.

"މި ދަނޑިވަޅުގައި މި ހަމަލާގެ ތަހުގީގުގައި ހަރަކާތްތެރިވާ ހުރިހާ އޮފިސަރުންނަށް މަރުހަބާ ދަންނަވަން، މި ހަމަލާގައި ބައިވެރިވާ އިތުރު ފަރާތްތައް ހޯދުމުގެ މަސައްކަތް ވެސް އަޅުގަނޑުމެން މި ދަނީ ކުރަމުން، އަޅުގަނޑުމެން ގުޅިގެން ނިރުބަވެރިކަން ބަލިކޮށްލެވޭނެ،" ހަމީދު ލިޔުއްވާފައިވެއެވެ.

ޕީޖީ އޮފީޙުން ވެސް ވިދާޅުވެފައިވާ ގޮތުގައި ފުލުހުން ދައުވާ ކުރަން ފޮނުވާފައިވާ ފަސް މީހުންނާ މެދު ދައުވާ ކުރުމާ މެދު ގޮތްތަކެއް ނިންމާފައިވާ ކަމަށެވެ. އޭގެ ތަފްސީލްތައް ދިނުމަށް ޕީޖީ ހުސައިން ޝަމީމް މިއަދު މެންދުރުފަހު 2:00 ޖަހާއިރު ނޫސްވެރިންނާ ބައްދަލު ކުރައްވާނެއެވެ.

ނަމަވެސް ދައުވާ ކުރަން ފޮނުވި ފަސް މީހުންގެ ތެރެއިން ދައުވާ ކުރަން ޕީޖީން ނިންމާފައި ވަނީ އެއިން ކޮން ހަތަރު މީހަކަށް ކަމެއް އަދި ނޭނގެއެވެ.

ދައުވާ ކުރަން ފޮނުވި ފަސް މީހުނަކީ މި މައްސަލާގައި އެންމެ ފުރަތަމަ ހައްޔަރު ކުރި ފަސް މީހުނެވެ. އެއީ ވ. ތިނަދޫ ހިޔާ އަހުމަދު އަދުހަމް ރަޝީދުއާއި، މއ. ފޭރުގެ މުޖާޒް އަހުމަދުއާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދުއާއި، ލ. ގަން ދުންފިނި އުފާ އަހުމަދު ފާތިހާއި، ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމެވެ.

މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ނަޝީދުގެ ގެކޮޅު ކަމަށްވާ ގ. ކެނެރީގެ ހުންނަ ނީލޯފަރު ހިނގުން މަގާއި މަޖީދީ މަގާ ކަންމައްޗަށްވާ ގޮތަށް ސައިކަލެއް ޕާކްކޮށް އޭގައި ހަރުކޮށްފައިވާ އައިއީޑީ ގޮއްވާލި އެ މައްސަލާގައި މިހާތަނަށް 10 މީހަކު ހައްޔަރު ކޮށްފައިވެއެވެ.

މީގެ ތެރޭގައި ހަމަލާ ރޭވުމުގައި އިސްކޮށް އުޅުނު ކަމުގެ ތުހުމަތުގައި ވެސް މީހަކު ހައްޔަރު ކުރެވުނެވެ. އެއީ ހއ. ހޯރަފުށީ، އަލަނާސިގޭ މުހައްމަދު ތަސްލީމެވެ.

ދެން ހައްޔަރު ކޮށްފައި ވަނީ ގއ. ވިލިނގިލި ހުދުރުމާގެ ފަހުމީ އަލީ، މ. ކުދުހިގެ އިސްހާގް، އއ. މާޅޮސް އަސަރީގެ މުހައްމަދު ނާޒިމް، އަދި ހއ. މޮޅަދޫ ބަހާރުގެ އަބްދުﷲ އަލިމަނިކެވެެ.

ނަޝީދުގެ ހަށިކޮޅަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް އޭޑިކޭއިން ހަފުތާއެއްހާ ދުވަހު ފަރުވާ ހޯއްދެވިއެވެ. ޖަރުމަނުގެ މިލިޓަރީ ހޮސްޕިޓަލަކުން ވެސް ދޮޅު މަހެއްހާ ދުވަހު ފަރުވާ ހޯއްދެވިއެވެ. މިހާރު އެމަނިކުފާނު ހުންނެވީ އިނގިރޭސި ވިލާތުގައެވެ. އެއީ ވެސް އިތުރު ފަރުވާއަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކާނިވާއިން

    އިންސާފުވެރި ޝަރީ ޢަތެއް ހިނގާނެ ކަމަށް އުއްމީދުކުރަން.

  2. އަދުހަމް

    ވަރަށް ބޮޑަށް ބެލެވޭ ވަކި ގޮތަކަށް ތިބޭ ވަކި ކަންތައްތަކަކަށް ތަބާވާ ބަޔަކު އަތްފުނާ އަޅާގެން ހަރުކައްޓޭ މަޑުކަށްޓޭ ކިޔާފަ ދަމާކޫތާ ގެނެސް ހަތްޔަރު ކުރާން ރާވާއިގެން ކުޅޭ ކުޅިގަނޑެއްހެން. ސުވާލު އުފެދޭ ބޮންގީ ހަމަ އެކަނި ނަޝީދުއަށް އަނިޔާވާނޭހެއްތޯ؟ ބޮމުގެ އތިކޮޅުތަކުގަ ވަކި ވަކިން ޓާރގެޓް ލޮކްކޮށްފަ ތޯ؟ ބޮޑީގާޑުންނަށް ކީއްވެތޯ އެވަރު ނެ ބޮޑަތި އަނިޔާނުވީ؟ ފާހަގަ ކުރެވިގެން މިދަނީ ޕޮލިހުން އަތުން ހެކިނުދެއްކި ކޯޓުން ސާބިތު ނުވާކަމަށް ޝަރީއަތް ނިންމާފަ ދޫކޮށްލާފަ ތިބި މީހުން ވެސް މި މައްސަލަތެރެއަށް ދަމާގެންނަށް މަސައްކަތް ކުރާކަމަށް ވަރަށް ބޮޑަށް. މިހެން ކަންކަން ފެންނާތީވެ މި ބުނަނީ މީ ހަމަ ރާވައިގެން ވަކި މަގުސަދެއްގަ ކުޅޭ ކުޅިގަނޑެކޭ. ނަޝީދު ޑުރާމާއޭ ކުޅޭނީ ހައްތާވެސް. ވަގުތު މީހުންނަން ވަރަށް ނުކެރޭނެ މިކަހަލަ ކޮމެންޓް ޕަބްލިޝްކޮށްލަން. ޝުކުރު ކޮއްލާފިއްޔާވެސް ބޮޑުތަނަކުން