ޖިންސީ ގޯނާއާއި ދެކޮޅަށް އައްޑޫގައި ކުރަމުން އަންނަ މުޒާހަރާގައި ތުހުމަތު ކުރެވޭ ފުލުސް މީހާ ހައްޔަރު ކޮށްގެން ގެންދާއިރު، ބިޑި އަޅުވައިގެން ގެންދަން އެސަރަހައްދަށް އެއްވެގެން ތިބި އާއްމުން ޝަރުތުކޮށްފިއެވެ.

އައްޑޫ ސިޓީ ސްކެއާ ސަރަހައްދުގައި މިއަދު ހަވީރު 16:30 ގައި ފެށި މި މުޒާހަރާގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ. މުޒާހަރާގެ ބައިވެރިން ވަނީ އެކަމުގައި ތުހުމަތު ކުރެވޭ ފުލުސް މީހާ ހައްޔަރު ކުރުމަށް ގޮވާލާފައެވެ.

އެސިޓީގެ ކައުންސިލަރުން ހިމެނޭހެން ކުރަމުން އަންނަ މި މުޒާހަރާގައި މިވަގުތު ބައިވެރިން ތިބީ އެފުލުސް މިހާ ދިރިއުޅެމުން އަންނަ ގެ ކައިރިއަށް އެއްވެފައެވެ. އެސަރަހައްދުން ވެސް އޭނާ ހައްޔަރު ކުރުމަށް އާއްމުން ވަނީ ގޮވާލާފައެވެ.

އެފުލުސް މީހާ ދިރިއުޅޭ ގެ ކައިރިއަށް އެއްވެގެން ތިބި އާއްމުންގެ ގިނަ ބަޔަކު ވަނީ ފުލުހުން އޭނާ ގެންދާއިރު، މޫނު ނިވާ ނުކޮށް ބިޑި އަޅުވައިގެން ގެންދިއުމަށް ޝަރުތުކޮށްފައެވެ. އެހެން ނަމަވެސް ފުލުހުން ބުނީ، އޭނާ ނުގެންދެވިގެން އުޅެނީ އާއްމުން އެގެއާ ފުލުހުންގެ ވެހިކަލް ވަށާލައިގެން ތިބުމުން ކަމަށެވެ.

އެ ކުއްޖާގެ އާއިލާގެ މެމްބަރަކު "ވަގުތަށް" ބުނީ ކުއްޖާ އާއި އިތުރު މީހުންގެ ބަޔާންތައް ފުލުހުން ނަގާފައިވީ ނަމަވެސް މިހާތަނަށް އައިއިރު ފުލުސް މީހާ ހައްޔަރުނުކޮށް ވަނީ ބައެއްގެ ނުފޫޒުން ކަމަށެވެ. އަދި އެމީހާ ހައްޔަރުނުކޮށް ހުރީމަ، މައްސަލައަށް ނުފޫޒު ފޯރުވަމުންދާ ކަމަށް އޭނާ ބުންޏެވެ.

އަދި ކުއްޖާގެ އަގު ވައްޓާލަން ރަށު ތެރޭގައި އެކި ވާހަކަތައް ދައްކަމުންދާ ކަމަށް ވެސް އާއިލާ އިން ތުހުމަތު ކުރެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުސް މީހާ ޖިންސީ ގޯނާކޮށްފައި ވަނީ އޭނާގެ އަނބިމީހާގެ ދައްތަގެ ދަރިއަކަށެވެ. އެއަންހެން ކުއްޖާއަށް ފުލުސް މީހާގެ ފަރާތުން ޖިންސީ ގޯނާ ލިބެމުން އަންނަތާ ދުވަސްތަކެއް ވެއްޖެ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮރަލް

    އެމްޑީޕީ އިން އެބުނާ އިންސާފަކީ މިއީ އެވެ.

    20
    3
  2. މަންކީ

    ކުއްޖާގެ އަގު ވައްޓާލީ ކޮންބައެއްތޯ؟؟؟؟