އެމެރިކާގެ ރައީސް ޖޯ ބައިޑެން ކޮވިޑް-19 އިން ދިފާއުވުމަށް ފައިޒާ ވެކްސިންގެ ތިންވަނަ ޑޯޒެއް ޖަހައިފިއެވެ.

ބައިޑެން ވެކްސިންގެ ތިންވަނަ ޑޯޒެއް ޖަހާފައި ވަނީ މީގެ އިރުކޮޅެއް ކުރިންނެވެ.

އުމުރުން 78 އަހަރުގެ ބައިޑެން ވެކްސިންގެ ތިން ވަނަ ޑޯޒެއް ޖެހުމަށް ފަހު ވިދާޅުވީ މިއީ އޭނާ ކުރާ ހިތްވާ ކަމެއް ނޫން ކަމަށެވެ. "ވެކްސިންގެ ބޫސްޓާ ޝޮޓެއް ޖެހުން އެއީ އަޅުގަނޑު ކުރާހިތްވާ ކަމެއް ނޫން. އެކަމަކު އަޅުގަނޑަކީ އުމުރުން 65 އަހަރަށްވުރެ ދޮށީ މީހަކަށް ވާތީ ބޫސްޓާ ޝޮޓެއް ޖެހީ." ބައިޑެން ވިދާޅުވިއެވެ.

ބައިޑެން ވަނީ އެމެރިކާގެ ގިނަ އަދަދެއްގެ މީހުން ވެކްސިން ޖެހުމާއި ދެކޮޅު ހަދަމުން ގެންދާތީ އެކަމަށް މިއަދު ވެސް ފާޑުވިދާޅުވެފައެވެ. ބައިޑެން ވިދާޅުވީ ވެކްސިން ޖެހުމަށް ދެކޮޅު ހަދާ މީހުންގެ ސަބަބުން މުޅި އެމެރިކާ ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށެވެ.

ފައިޒާ ވެކްސިންގެ ފުރަތަމަ ޑޯޒާއި ދެވަނަ ޑޯޒް ޖެހުމުން ވެސް އެއްވެސް ސައިޑް އިފެކްޓެއް ބައިޑެން އަށް ކުރިމަތިނުވާ ކަމަށް ކުރިން ވައިޓްހައުސް އިން ބުނެފައި ވެއެވެ.

ބައިޑެން މިދިޔަ ހުކުރު ދުވަހު ނޫސްވެރިންނާއި ބައްދަލުކޮށް ބުނީ ވެކްސިންގެ ތިންވަނަ ޑޯޒެއް އޭނާ ޖަހާނީ ނޫސްވެރިންގެ ކުރިމަތީގައި ކަމަށެވެ. ނަމަވެސް އޭނާ ތިން ވަނަ ޑޯޒެއް ޖަހާފައި ވަނީ ނޫސްވެރިންގެ ކުރިމައްޗަކު ނޫނެވެ. ވެކްސިން ޖެހި ފަހުން ވެކްސިން ޖެހި މަންޒަރު ފެންނަ ފޮޓޯއެއް ވައިޓް ހައުސް އިން ވަނީ އާއްމު ކޮށްފައެވެ.

އެމެރިކާގައި އުމުރުން 65 އަހަރުން މަތީގެ އެންމެންނަށާއި އަދި އުމުރުން 18 އަހަރާއި 65 އަހަރާއި ދެމެދުގެ މީހުންގެ ތެރެއިން ކޮވިޑް ޖެހިއްޖެނަމަ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު ބޮޑު މީހުންނަށް ވެކްސިންގެ ތިން ވަނަ ޑޯޒެއް ދިނުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. ނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ގެންދަނީ އެއްވެސް ގައުމަކުން ވެކްސިންގެ ތިން ވަނަ ޑޯޒެއް އަދި ނުދިނުމަށް އިލްތިމާސް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ހުސް ދޮގު. ގޮތް ނޭނގޭ އެއްޗެއްސެއް އެމީހުން ނުޖަހާނެ. މިގައުމުގެ ރައީސްވެސް އޮޅުވާލީވެކްސިންއަކީ ބިރެއް. އެމެރިކާއިން މީހުން ގިނައިން މަރުވަނީ ކުއްލިއަކަށް. ކޮވިޑަށްވުރެ ގިނަ މީހުން އެގޮތަށް މަރުވަމުންދަނީ. މިނިވަން ސައިންޓިސްޓުން ބުނަނީ ވެކްސިން ގެ ސަބަބުން ކަމަށް. ދިވެހިރާއްޖޭގަވެސް މިގޮތަށް މީހުން މަރުވުން މިހާރު ވ.ގިނަވެއްޖެ. ނޫސްވެރިން ނިކަން މިކަމުގެ ދިރާސާ ހަަދާލަބަލަ. ފުރާނަތައް ގެއްލިގެން އެދަނީ ވެކްސިން އިން މުއްސަނދިވާންވެގެން ހިންގާ ޖަރީމާއިން.