ދެކުނު އެފްރިކާއިން އެންމެ ފުރަތަމަ ދެނެގަނެވުނު ކޮވިޑް-19ގެ އާ ވޭރިއެންޓް "އޮމިކްރޮން" ގެ ދެ ވޭދަނައެއް ޖަރުމަން ވިލާތުން ފެނުނު ކަން އެ ގައުމުން އިއުލާންކޮށްފިއެވެ.

އޮމިކްރޮންގެ ވޭދަނަތައް ދުނިޔޭގެ އެކިކަންކޮޅުތަކުން މިހާރު ފެންނަން ފަށާފައިވާ އިރު، ގިނަ ގައުމުތަކުން މިހާރު ވަނީ ވޭރިއަންޓާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތައް އަޅަން ފަށައިފައެވެ. އެގޮތުން ދެކުނު އެފްރިކާ ހިމެނޭ ގޮތަށް އެފްރިކާގެ ބައެއް ގައުމުތަކުން މީހުން އެތެރެވުން ވަނީ މަނާކޮށްފައެވެ.

އަދި ބައެއް ގައުމުތަކުން ފުރަބަންދަކާ ދިމާލަށް މިހާރު ވަނީ މިސްރާބު ޖަހައިފައެވެ. މިއީ ކޮވިޑްގެ އާ ވޭރިއަންޓާ ގުޅިގެން މި ފަހުން، މިހާ އަވަހަށް ގައުމުތަކުން ފިޔަވަޅު އަޅަން ފެށި ފުރަތަމަ ފަހަރެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ވެސް ވަނީ ދެކުނު އެފްރިކާ އިން ފުރަތަމަ ފެނުނު ކޮވިޑްގެ ވޭރިއަންޓަކީ ކަންބޮޑުވުން އޮތް ވޭރިއަންޓެއް ކަން އިއުލާންކޮށްފައެވެ.

ދެކުނު އެފްރިކާގެ ސައިންސްވެރިން ބުނާ ގޮތުގައި މިދިޔަ ހަފްތާގައި ފެނުނު އޮމިކްރޮންގައި މިއުޓޭޝަން މައްޗަށެވެ. މި ވޭރިއަންޓް ދެކުނު އެފްރިކާ އާޢި ޖަރުމަނުގެ އިތުރުން އިނގިރޭސި ވިލާތާއި ބެލްޖިއަމާއި އިސްރާއީލުންނާއި ހޮންކޮންގް އިން ވަނީ ފެނިފައެވެ.