އައްޑޫސިޓީން އިތުރު 17 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަންސް ސެންޓުން ބުނީ، މިއަދުގެ ހަވީރު 18:00 އާއި ހަމައަށް ފައްސިވެފައިވާ 17 މީހުންގެ ތެރެއިން 10 މީހަކު ފައްސިވެފައިވަނީ ހިތަދޫން ކަމަށެވެ. އަދި މަރަދޫން ދެ މީހަކު ފައްސިވެފައިވާއިރު، ދެ މީހަކު މަރަދޫ ފޭދޫން ވެސް ވަނީ ފައްސިވެފައެވެ. އަދި އެކަކު ހުޅުދޫން ފައްސިވެފައިވާއިރު، މީދުން ދެ މީހަކު ފައްސިވެފައިވާ ކަމަށް އެސެންޓަރުން ވަނީ ބުނެފައެވެ.

މިއާއި އެކީ އައްޑޫގައި މިވަގުތު ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު ވަނީ 265 އަށް އަރާފައެވެ.

އައްޑޫގެ ވަކިވަކި އަވަށްތަކަށް ބަލާއިރު އެންމެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވެފައި ތިބީ ހިތަދޫގައެވެ. އެގޮތުން ހިތަދޫގައި 177 މީހަކު ތިބިއިރު، މަރަދޫ ފޭދޫގައި ތިނެއް، ފޭދޫގައި 16، މަރަދޫގައި 40، ހުޅުދޫގައި ނުވައެއް، އަދި މީދޫގައި 18 މީހަކު އެބަ ތިއްބެވެ.

އައްޑޫން މިހާތަނަށް 2785 މީހަކަށް ކޮވިޑް ޖެހިފައިވާއިރު، އޭގެ ތެރެއިން 2510 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިވަގުތު މި ބަލި ޖެހިގެން ދެ މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު، 10 މީހަކު އެ ސިޓީން ވަނީ ކޮވިޑް ޖެހިގެން ނިޔާވެފައެވެ.