ދެކުނު އެފްރިކާއިން އެންމެ ފުރަތަމަ ދެނެގަނެވުނު އޮމިކްރޮން ވޭރިއެންޓުގެ ފުރަތަމަ ވޭދަނަ ޒެމްބިއާއިން ފެނިފައިވާ ކަމަށް އެގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ޒެމްބިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ އޮމިކްރޮން ވޭދަނަ ފެނިފައިވަނީ މިދިޔަ ހަފްތާގައި ކޮވިޑް-19 އަށް ފައްސިވީ ތިން މީހެއްގެ ގައިން ކަމަށެވެ.

ޒެމްބިއާއިން އޮމިކްރޮން އަށް ފައްސިވެފައިވަނީ ދެ ފިރިހެނަކާއި އަންހެނެކެވެ. ފައްސިވި ތިން މީހުންގެ ތެރެއިން ދެމީހަކު ދާދި ފަހުން ގައުމުން ބޭރަށް ދަތުރު ކޮށްފައިވާ ކަމަށް ވެއެވެ. ނަމަވެސް، ތިންވަނައަށް ފައްސިވީ މީހަކީ ގައުމުން ބޭރަށް ދަތުރު ކޮށްފައިވާ މީހެއް ނޫން ކަމަށް އޮފިޝަލުން ބުނެއެވެ. އޮމިކްރޮން ވޭރިއެންޓަށް ފައްސިވީ ތިން މީހުންގެ ގައިން ވެސް ބަލީގެ އަލާމާތްތައް ފެނެއެވެ.

މީގެ 23 ދުވަސް ކުރިން ދެކުނު އެފްރިކާއިން ދެނެގަނެވުނު އޮމިކްރޮން ވޭރިއެންޓް މިހާރު 36 ގައުމަކުން ފެނިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމުއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެއެވެ.

މި ވޭރިއެންޓް ދެނެގަނެވުނު އެފްރިކާ ބައްރުގެ ގައުމުތަކުގެ ތެރޭގައި ބޮޓްސްވާނާ، ގާނާ، މޮޒަމްބީކް، ނައިޖީރިއާ، ދެކުނު އެފްރިކާ، ޓިއުނީޝިއާ، ޒެމްބިއާ، ޒިމްބާބްވޭ ހިމެނެއެވެ. ބްރެޒިލް، ކެނެޑާ، މެކްސިކޯ، އެމެރިކާ، އޮސްޓްރޭލިއާ، ހޮންކޮން، އިންޑިއާ، ޖަޕާން، މެލޭޝިއާ، ދެކުނު ކޮރެއާ، އަދި ސްރީލަންކާއިން ވެސް އޮމިކްރޮން ވޭރިއެންޓް ދެނެގަނެވިފައިވެއެވެ.

މީގެ އިތުރުން، މެދުއިރުމަތީގެ ގައުމުތަކުގެ ތެރެއިން އިސްރާއީލް، ސައުދީ އަރަބިއްޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސްއިން އާ ވޭރިއެންޓް ފެނިފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ. އަދި ޔޫރަޕުގެ ގައުމުތަކުގެ ތެރެއިން އޮސްޓްރިއާ، ބެލްޖިއަމް، ޗެކް ރިޕަބްލިކް، ޑެންމާކް، ފިންލެންޑް، ފްރާންސް، ޖަރުމަނު، ގްރީސް، އައިސްލޭންޑް، އިޓަލީ، އަޔަލެންޑް، ނެދަލެންޑްސް، ނޯވޭ، ޕޯޗުގަލް، ސްޕެއިން، ސްވިޑެން، ސްވިޒަލެންޑް، އިނގިރޭސިވިލާތުން ވެސް ވަނީ ވޭދަނަތައް ފެނިފައެވެ.