ކޮވިޑް-19ގެ ހާލަތު ގޯސްފައިވާތީ ގދ. ތިނަދޫގައި ރޭގަނޑުގަޑީގައި ކާފިއު ހިންގަން ފަށައިފިއެވެ.

އެރަށު ކައުންސިލުން ބުނީ، ތިނަދޫގައި ކޮވިޑްގެ ހާލަތު ގޯސްވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ގޮތުން ކޮންމެ ދުވަހެއްގެ ރޭގަނޑު 9:00 އިން ފަތިހު ހަތަރަކަށް ކާފިއު ހިންގަން ނިންމާފައިވާ ކަމަށެވެ.

އެރަށުގައި ކާފިއު ހިންގަން ނިންމާފައި ވަނީ ހަތް ދުވަހުގެ މުއްދަތަކަށެވެ.

ތިނަދޫގައި ހުންނަ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އެރަށުން އިއްޔެ އެކަނިވެސް 48 މީހަކު ކޮވިޑަށް ފައްސިވެފައި ވެއެވެ. އަދި އެރަށުގައި މިހާރުވެސް ބަލި ޖެހިފައި ތިބި 161 މީހަކު އެބަތިއްބެވެ.

އެރަށުގައި ކޮވިޑްގެ ހާލަތު ގޯސްވުމާއި ގުޅިގެން އެރަށަށް އަރާ ފޭބުންވެސް ވަނީ މަނާކޮށްފައެވެ.

ތިނަދޫ ކައުންސިލުން މިއަދު ކުރި އިއުލާނުގައި ވަނީ އިއްޔެ އިން ފެށިގެން އެރަށުގައި ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާކަން ހާމަކޮށްފައެެވެ. އެގޮތުން އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލުމާއި، ރޭގަނޑު 9:00 އިން 4:00 އަށް އެއްގައުމު އުޅަނދު ފަހަރު ދުއްވުމާއި، މަގުމައްޗާއި އާއްމު ތަންތަނަށް މީހުން ނުކުތުން މަނާ ކުރުން ހިމެނެއެވެ. އަދި ޒަރޫރީ ބޭނުންތަކުގައި މެނުނީ ގެއިން ނުނިކުތުމާއި، ޕާޓީތަކާއި، ހަފްލާތައް ބޭއްވުން ހުއްޓާލުމާއި، އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަ މީހުން މަގުމައްޗާއި އާއްމު ތަންތަގައި އެއްވެ ނޫޅުމާއި ސެލޫންތަކާއި ޖިމްތަކާއި، ބޯކޮށާ ތަންތަން ބަންދު ކުރުން ހިމެނެއެވެ.

އަދި ކުޅިވަރުގެ ހަރަކާތްތަކާއި، ގިނަބަޔަކު ބައިވެރިވެގެން ކުރިއަށްގެންދާ ކަސްރަތު ހަރަކަތާތްތައް ހުއްޓާލުމާއި، ޔުނިވާސިޓީތަކާއި ކޮލެޖްތަކަށް ހާޒިރުވެގެން ކިޔަވާދިނުން ހުއްޓާލުމާއި، އޮފީސްތަކުގައި ވީހާވެސް މަދުން މުވައްޒަފުން ނެރެގެން މަސައްކަތް ކުރުމާއި، ޒަރޫރީ ބޭނުމެއްގައި އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުމުގައި އެޗްޕީއޭގެ ގައިޑްލައިނަށް އަމަލު ކުރުން ހިމެނެއެވެ.

އޭގެ އިތުރުން މަސްވެރިން ކައުންސިލްގެ ހުއްދަ ހޯދައިގެން މަހަށް ފުރަންވެސް އަންގާފައި ވެއެވެ.

މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ދަނީ ކޮވިޑް ފެތުރެމުންނެވެ. ހާއްސަކޮށް މާލެ ސަރަހައްދުގައި ކޮވިޑަށް ފައްސިވާ އަދަދުތައް ވަނީ ވަރަށް ބޮޑަށް މައްޗަށް ޖެހިލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަގުލު ފިއްތި

    މީ ފިޔަވަޅު ނާޅާ ވާހަކަ ބުނި މީހުން. މާލޭގަ ނާޅާ ފިޔަވަޅެއް އަތޮޅުތެރޭގަ މި އަޅަނީ ކިހިނެއްވެން. ނުހޮރޮއްޕާން ކުރުން ނޫން އިތުރު ކަމެއްނޫން.