ކޮވިޑް-19 ޖެހިގެން ރާއްޖެ އިން 50 އަހަރުގެ އަންހެނަކު ނިޔާވެ، މިމަހު ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވި މީހުންގެ އަދަދު 11 އަށް އަރައިފިއެވެ.

އެޗްޕީއޭ އިން ދެންމެ ވިދާޅުވީ އދ.ދަނގެތީ ހެލްތު ސެންޓަރުގައި ފަރުވާ ދެމުން ގެންދިޔަ 50 އަހަރުގެ އަންހެނަކު ރޭ 12:24 ކަންހާއިރު ނިޔާވެފައިވާ ކަމަށެވެ.

މިޖަނަވަރީ މަހަކީ މިދިޔަ އަހަރުގެ ޖޫން މަހަށް ފަހު ކޮވިޑް ޖެހިގެން ރާއްޖެ އިން އެންމެ ގިނަ މީހުން ނިޔާވި މަހެވެ.

ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވި މީހުންގެ އަދަދު މިހާރު ވަނީ 272 އަށް އަރާފައެވެ.

ރާއްޖެ އިން އިއްޔެ ވެސް 2609 މީހުން ކޮވިޑް-19 އަށް ފައްސިވިއެވެ. އިއްޔެ ކޮވިޑަށް ފައްސިވި މީހުންނާއިއެކު ރާއްޖޭގައި މިވަގުތު ތިބި ކޮވިޑް ބަލި މީހުންގެ އަދަދު ވަނީ 16666 އަށް އަރާފައެވެ. ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން 57 މީހުންނަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށް ރޭ އާއްމު ކުރި ތަފާސް ހިސާބުތަކުން ދައްކައެވެ. ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކޮވިޑް ބަލި މީހުންގެ އަދަދު ވެސް މިހާރު އަންނަނީ ދުވަހުން ދުވަހަށް އިތުރު ވަމުންނެވެ.

ކޮވިޑަށް ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން ދިޔަ ނަމަވެސް ކޮވިޑް ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅެއް އެޅުމަށް ސަރުކާރުން ނިންމާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު