އިންޑިއާ އައުޓް ކެމްޕޭން ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ހޯރަފުށީ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު އިސްމާއިލް އަނެއްކާ ވެސް ހައްޔަރު ކޮށްފިއެވެ.

ކޯޓު އަމުރެއްގެ ދަށުން މުހައްމަދު އިސްމާއީލް އަނެއްކާ ވެސް ހައްޔަރު ކޮށްފައި މިވަނީ އެމައްސަލައިގައި ހައްޔަރުން ދޫކުރިތާ އެއް ދުވަސް ފަހުންނެވެ. އިއްޔެ އޭނާ ދޫކޮށްލާފައިވަނީ ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ހާޒިރު ކުރުމުންނެވެ.

އިދިކޮޅު ކޯލިޝަންގެ އިސް ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ، ފުލުހުން ކޯޓު އަމުރެއްގެ ދަށުން މުހައްމަދު އިސްމާއިލް ހައްޔަރުކޮށްގެން ގެންގޮސްފައިވާ ކަމަށެވެ.

މުހައްމަދު އިސްމާއީލުގެ އިތުރުން މިމަހުގެ 18 ވަނަ ދުވަހު ޕީޕީއެމްގެ އެކްޓިިވިސްޓެއް ކަމަށްވާ އަލީ ނަސީމް (ޓަކަނޭ) ވެސް ވަނީ ހައްޔަރު ކޮށްފައެވެ. އަދި ޓަކަނޭގެ ބަންދަށް ވަނީ ފަސް ދުވަސް ޖަހާފައެވެ.

ކޯޓު އަމުރު ހިފައިގެން ފުލުހުން މުހައްމަދު އިސްމާއީލް ހައްޔަރު ކުރަނީ

މުހައްމަދު އިސްމާއީލާއި ތަކާނޭ އަކީ އިންޑިއާ އައުޓް ހަރަކާތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ދެމީހުންނެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވަނީ އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ "އިންޑިއާ އައުޓް" ނަމުގައި ކުރިއަށް ގެންދާ އެއްވުންތަކާއި ރެލީތައް ބޭއްވުމުގައި އާއި އާންމުކޮށް ފެންނާނޭހެން އިންޑިއާއާއި ދެކޮޅުކަން ހާމަވާފަދަ ގޮތަކަށް، އިންޑިއާގެ ޤައުމީ ދިދައިގެ ކުލަތަކާއި ނިޝާން ބޭނުންކޮށްގެންނާއި، އިންޑިއާ އައުޓް އަދި އިންޑިއާ އައުޓް ރަމްޒު ވާނޭހެން ލިޔެގެން ބެނާތަކާއި ކުރެހުންތައް އަދި ލިޔުންތައް ތައްޔާރުކޮށް އެތަކެތި މާލެއާއި ރާއްޖޭހެ އެކި ސަރަޙައްދުތަކަށް ފޯރުކޮށްދީ އެހަރަކާތް ރާވާ ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދިރާ

    ފުލުހުންގެ ތެރޭގައި ތިބި އާދައިގެ ކުދިން ލައްވައި ކޯޓު އަމުރު ދީފައި ސިޔާސީ މީހުން ހައްޔަރު ކުރަން މި ފޮނުވަނީ ، ގިނަ ފަހަރަށް ގާނުނީ ސުވާލެއް ކޮއްފިއްޔާ ނޭނގޭ އާދައިގެ ޕެޓްރޯލް ފުލުހުން .ޖަވާބުދާރީ ވާންޖެހޭ ދުވަހަކުން ގަޔަށް ހީސްލެވޭނީ..

    20
    1