އަވަށްޓެރި ސްރީލަންކާ އިން ކޮވިޑް-19 އަށް އިތުރު މީހަކު ފައްސި ނުވާތާ 2 ދުވަސް ވެއްޖެކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީ އިން ވިދާޅުވެއްޖެއެވެ.

ލަންކާގައި މިހައިތަނަށް ޖުމްލަ 102 މީހަކު ވަައިރަސް އަށް ފައްސިވެފައި ވާއިރު، އޭގެ ތެރެއިން ފަރުވާ ދީގެން އަދި ރަނގަޅު ކުރެވިފައި ވަނީ އެންމެ 3 މީހުންނެވެ.

އެ ގައުމުގެ އެކި ހިސާބުތަކުގައި ގާއިމްކޮށްފައިވާ ވައިރަހަށް ޝައްކު ކުރެވޭ މީހުން ޓެސްޓު ކުރާ މަރުކަޒުތަކުގައި 250ށް ވުރެން ގިނަ މީހުން ތިބިއިރު މިދިޔަ ހުކުރު ދުވަހުން ފެށިގެން ލަންކާގައި ވަނީ ކާފިއު އިއުލާން ކޮށްފައެވެ.

ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން މުޅި ލަންކާގައި ކާފިއު އިއުލާން ކޮށްފައިވާއިރު އެ ގައުމުގެ ވެރިރަށް ކޮލަންބޯ އާއި ގަމްޕަހަ ސަރަހައްދު ފިޔަވައި އެހެން ހިސާބުތަކަށް މާދަމާ ހެނދުނު 6ގެ ފަހުން ކާފިއު އުވާލެވޭނެއެވެ. ނަމަވެސް ކޮލަމްބޯ އާއި ގަމްޕަހާގައި ވަކި މުއްދަތެއް ނެތް ގޮތަށް މިހާރު ވަނި ކާފިއު އިއުލާން ކޮށްފައެވެ.

ކާފިއު އިއުލާންކޮށް، އެ ގައުމުގެ ހުރިހާ ފިހާރަތަކެއް ބަންދު ކުރަން ސަރުކާރުން އަންގާފައިވާއިރު، ރައްޔިތުން ފެނާއި ބޯފެނުގެ އިތުރުން އެނޫންވެސް ޒަރޫރީ ބޭނުންތަކަށް ކޮންމެ 3 ނުވަތަ 4 ދުވަހަކުން އެއް ފަހަރު އަންނަނީ 8 ގަޑި އިރުގެ ވަގުތުކޮޅެއް ދެމުންނެވެ. ނަމަވެސް އެ ވަގުތުތަކުގައި ލަންކާގެ ފިހާރަތަކާއި ސުޕަމާކެޓުތައް ތޮއްޖެހި، ރައްޔިތުން އެތައް ގަޑިއިރުތަކެއް ކިއުގައި މަޑުކުރަން ޖެހުމުން ގިނަ ބައެއްގެ ފާޑު ކިޔުން އަންނަނީ ސަރުކާރަށް އަމާޒުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު