ގްރީސްގައި ދާދިފަހުން ރޯވި އަލިފާންގަނޑުން 70 މީހުންގެ ފުރާނަ ސަލާމަތް ކުރި މުސްލިމަކަށް ގްރީސް އިން ރަށްވެރިކަން ދީފިއެވެ. މިސްރުގެ މަސްވެރިއެއް ކަމަށްވާ މުހައްމަދު މޫސާ ވަނީ އަލިފާންގަނޑުގެ ސަބަބުން ފުރާނަ ސަލާމަތް ކުރާނެ އިތުރު ގޮތެއް ނެތިފައި ތިބި ގްރީސްގެ 70 މީހަކު އޭނާ ދޯންޏަށް އަރުވައިގެން އެމީހުންގެ ފުރާނަ ސަލާމަތް ކޮށްދީފައެވެ.

މުހައްމަދުގެ މަސައްކަތް ފާހާގަކޮށް އޭނާ އަށް ރަށްވެހިކަން ދީފައި ވަނީ ގްރީސްގެ ބޮޑުވަޒީރާއި މިސްރުގެ އިމިގްރޭޝަނާއި ބެހޭ މިނިސްޓަރު ބައިވެރިވެ ވަޑައިގެންނެވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އެރަސްމިއްޔާތުގައި މިސްރުގެ އިމިގްރޭޝަން މިނިސްޓަރ ނަބީލާ މަކްރަމް ވިދާޅުވީ މުހައްމަދުގެ މަސައްކަތަކީ ލާމަސީލް މިސާލެއް ކަމަށާއި އޭނާ ވަނީ އޭނާގެ ގައުމު ތަމްސީލް ކުރަން ޖެހޭ އެންމެ މުހިންމު ދަނޑިވަޅުގައި ގައުމު ތަމްސީލް ކޮށްފައި ކަމަށެވެ.

"މުހައްމަދު އަކީ މިސްރުގެ ސަފީރެއް. އޭނާ ވަނީ އިންސާނީ ޙައްޤުތަކާއި، އިންސާނީ ކަރާމާތުގެ އަގު އަދާކުރަން ޖެހުނު އެންމެ މުހިންމު ދަނޑިވަޅުގައި އެފުރިހަމަ ޒިންމާ އަދާކޮށްފައި." ނަބީލާ ވިދާޅުވިއެވެ.

މުހައްމަދު ސަލާމަތް ކޮށްދިނީ އަލިފާންގަނޑުން ސަލާމަތް ވާން މޫދަށް އެރި ތިބި މީހުންނެވެ. އެމީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ތިއްބެވެ.

ޖުލައި މަހުގެ ފަހުކޮޅު ހިނގި އަލިފާނުގެ ހާދިސާގައި ގްރީސްގެ އެޓިކާ އަވަށް ވަނީ އަނދާ އަޅިއަށް ވެފައެވެ. އެސިޓީގެ 90 އިންސައްތަ އެއްކޮށް އަނދައިގެން ގޮސްފައި ވާއިރު އެތައް ދުވަހަކުން މީހުން ބިނާ ކޮށްފައިވާ ގެތަކާއި ވެހިކަލްތައް އަނދާ އަޅިއަށް ވުމުން އަލުން އަވަށް އާބާދު ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށަން ޖެހިފައެވެ.

އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 120 އަށް ވުރެ ގިނައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ަައަައިހަމް

    ޜަނގަޅު މީހެއް

  2. ކާރިސާ

    މިވަރުންވެސް އެއްޗެއްވިސްނޭކަށް ނުވޭތޯ ،، އެންމެން އިސްލާމްވި ނަމަކިހާ ރަގަޅު ....

  3. މީ

    އަލްހަމްދު ލިﷲ. މާޝާﷲ