ތުއްތު ކުދިންނަށް އެހެން މީހުންނަށް ވުރެއް ގިނައިން ނިދި ބޭނުންވާނެއެވެ، އެއީ ކުއްޖާގެ ހެދިބޮޑުވުމަށް އެކަމުގެ ސަބަބުން ގިނަ ފައިދާތަކެއް ކުރާތީއެވެ. ތުއްތު ކުދިންނަކީ ހަމަ ނިދި ބޭނުންވާ ބަޔަކަށް ވީ ހިނދު ގިނަ މައިންނަށް ނުވަތަ ގިނަ ބެލެނިވެރިންނަށް ކުރިމަތިވާ އެންމެ ބޮޑު ތަކުލީފަކީ ގަވައިދުން ކުއްޖާ ނިންދެވުމަށް ދިމާވާ ތަކުލީފުތަކެވެ.

ދަރިފުޅު ނުނިދައިގެން އުޅުމަކީ ގިނަ މައިންނާއި ބެލެނިވެރިން އުފުލާ ބުރައަކަށް ވީ ހިނދު ނިދި ފަސޭހަކުރުމަށް އަދި ނިދި ރަނގަޅު ކުރުމަށް ކުރެވިދާނެ އެތަކެއް ކަމެއް އެބަހުށްޓެވެ. އެގޮތުން ބައެއް ކަންކަން ތިރީގައި އެވަނީއެވެ.

ދުވާލާއި ރޭގަނޑު ވަކިކުރުމަށް ދަރިފުޅު އާދަކުރުން

ދުނިޔޭގެ އާންމު އުސޫލަކީ ދުވާލުގައި މަސައްކަތް ކުރުމަށް ފަހު ރޭގަނޑު އަރާމުކުރުމެވެ. އެއީ ޤުދުރަތީ ގޮތުންވެސް ދުނިޔެ ލައްވާފައިވާ ގޮތެވެ. ނިދުން ރޭގަނޑަށް ހާއްސަވާއިރު ތުއްތު ދަރިފުޅުވެސް ރޭގަނޑަށް ނިންދެވުމަށް އާދަ ކުރާށެވެ. އަދި ދުވާލުގަނޑީގައި ކުއްޖާ މަދުން ނިންދަވާށެވެ. އެކަމުގެ ސަބަބުން ކުއްޖާ ހެދިބޮޑުވަމުން އަންނައިރު ނިދުމުގެ އާދަތަށް ދަސްވެ ހަށިގަނޑުގައި އަށަގަންނާނެތީއެވެ.

ދަރިފުޅަށް އަންނަ ބަދަލުތަކަށް ސަމާލުވުން

ދަރިފުޅަށް އަންނަ ކޮންމެ ބަދަލަކީ އެއާއި މެދު ސަމާލުވާން ޖެހޭނެ ބަދަލެކެވެ. އެގޮތުން ދަރިފުޅު ވަރުދެރަވެ، ލޯ އުނގުޅާ، ކަންފަތަށް ދަމާ ރޮއެ ކަންތައްކުރާތޯ ހާއްސަ އިސްކަމެއް ދީގެން ބަލަން ވާނެއެވެ. އަދި މިފަދަ ކަމެއް ފެނުމުން އަވަހަށް ނިންދަވާށެެވެ. އެއީ ކުއްޖާ ނިދަން ބޭނުންވުމުގެ އިޝާރާތެކެވެ.

ކޮންމެ 2 ގަޑި އިރުން ދަރިފުޅު ނިންދަވަން މަސައްކަތް ކުރުން

ކޮންމެ ދެ ގަޑި އިރުން ދެ ގަޑި އިތުން ދަރިފުޅު ނިންދަވަން މަސައްްކަތް ކުރާށެވެ. އެއީ ތުއްތު ކުދިންނަކީ ފަސޭހަިއން ވަރުބަލިބާ ބަޔަކަށް ވުމުންނެވެ. އަދި ސައިންސްވެރިން ބުނާ ގޮތުގައި ގާތުން ކިރު ދިނުމަށް ފަހު ނިންދަވަން މަސައްކަތް ކުރުމުން ކުއްޖާއަށް ނިދަން ފަސޭހަވެއެވެ.