"ރިއޯ" ނަމަކަށް ކިޔާ ފިލްމް، ކިޔުންތެރިންގެ ތެރެއިން ގިނަ ފަރާތްތަކުން ބަލާފައިވާނޭކަމަށް ބެލެވެއެވެ. ނޫ ކުލައިގެ ރީތި ދޫންޏެއް ދައްކުވައިދޭ މި ފިލްމު ބިނާވެފައި އޮންނަނީ، ބްރެޒިލްގެ މަޝްހޫރު ރިއޯ ޑީ ޖެނީރޯ އަށެވެ. ފިލްމުގައި ދައްކުވައިދެނީ، ދޫނީގެ ބާވަތް ދިރުވުމަށް، އެބާވަތުގެ ދެ ދޫންޏެއް ކުރާ މަސައްކަތެވެ. އެއީ، ބްލޫ އާއި ޖުވެލްގެ މަސައްކަތެވެ.

އެފިލްމުގައި ފެންނަ ބްލޫ ބާވަތުގެ ދޫންޏަށް އަސްލު ކިޔާ ނަމަކީ ސްޕިކްސް މެކާއޯ އެވެ.

ދާދިފަހުން، ސައިންސްވެރިންގެ ޓީމަކުން ނެރެފައިވާ ރިޕޯޓެއްގައި ބަޔާންކޮށްފައިވާ ގޮތުން، ދުނިޔޭގެ ޖަންގަލިތަކުން، އެބާވަތުގެ ދޫނިވަނީ މުޅިންހެން ހުސްވެ، ނެތިގޮސްފައެވެ. މި ބާވަތުގެ ދޫޫގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅެނީ ބްރެޒިލްގެ ޖަންގަލިތަކުގައިކަމަށްވާއިރު، ޖަންގަލިތަކުގައި ހުންނަ ގަސްތައް ކެނޑުމަކީ، މި ބާވަތް ނެތި ދިއުމުގެ ސިއްރުކަމަށް ސައިންސްވެރިން ބުނެއެވެ.

ސްޕިކްސް މެކާއޯ، މިއީ ބްލޫ ކެރެކްޓާ އިން ދައްކާ ދޫނީގެ އަސްލު ބާވަތް

"ބާޑްލައިފް އިންޓަނޭޝަނަލް" ގެ ސައިންސްވެރިން މިކަން ބަޔާންކޮށްފައިވާއިރު ގަސްގަހަކީ، ސްޕިކްސް މެކާއޯ ބާވަތުގެ ދޫނި ހާލި ހަދައިގެން އުޅޭ ތަންތަނެވެ. ދަނޑުވެރިކަމާއި، ގަސްގަހުގެ ލަކުޑި ހޯދުމުގެ ބޭނުމުގައި، ގަސްގަހާގެހި ކެނޑުމުގެ ސަބަބުން، މި ބާވަތުގެ ދޫނި ހާލި ހަދައިގެން އުޅޭނޭ ތަންތަން މަދުވީއެވެ. އެސޮރުމެންގެ އަސްލު ވެށި ގެއްލިގެން ދިޔައީއެވެ.

އެހެންނަމަވެސް، ސައިންސްވެރިން ބުނެފައިވާ ގޮތުގައި މި ބާވަތް މުޅިން ހުސްވެ، ނެތިގޮސްފައިވަނީ ދުނިޔޭގެ ޖަންގަލިތަކުންނެވެ. އަދި، އެކި ތަންތަނުގައި އެކި މީހުން ގެންގުޅޭ ކޮށިތަކުގައި، އަދިވެސް މި ބާވަތުގެ ދޫނި އުޅެދާނެކަމަށް އެފަރާތްތަކުން ބުނެއެވެ. އެހެންކަމުގައިވިޔަސް، އުޅޭނީ 60 އާއި 80 އާ ދެމެދުގެ ދޫނިކަމަށް އެފަރާތްތަކުން އަންދާޒާ ކުރެއެވެ.