ބަޔަކު އައު ލަވައެއް ނެރެފިނަމަ ގިނަ މީހުން އެ ލަވައެއް ބަލާ ނުވަތަ އަޑު އަހާ އުޅެނީ ކޮންމެވެސް އިޝްޤީ ހާސަރުގަނޑެެއް ކަމަށް ހީކޮށެވެ. އެކުން އެހެން ވަނީވެސް އެހެން ޒާތްޒާތުގެ ލަވަތަކަށްވުރެ އިޝްޤީ ނުވަތަ ލޯބީގެ ލަވަތައްވެސް ގިނަ ވީމައެވެ. އެކަމަކު "ގައުމިއްޔަތު" ރަމްޒުކޮށްދޭ ލަވަތައް ވެސް މިހާރަކު ވަކި މަދެކޭ ނުބުނެވޭނެއެވެ.

އެކަމުގެ އެއް ހެއްކަކީ ރެޕް މިއުޒަކަށް މަޝްހޫރް "ސިންބޮލިކް ރިކޯޑްސް"ގެ އާޓިސްޓް އިބްރާހިމް އަރްޝަދު (އަރޭ) ގެ "މީ ރާއްޖެ" ނަމަކަށް ކިޔާ ގައުމީ ލަވައެއް އިއްޔެ ރިލީޒް ކޮށްފައިވާތީއެވެ.

އާންމު ގޮތެއްގައި ލޯބީގެ ލަވަތައް ކިޔާ އުޅޭ އަރޭ މިފަހަރު ބެލުންތެރިންނާއި ހަމައަށް ދޫކޮށްލާފައި މިވަނީ ހަމައެކަނި ލަވައެއް ނޫނެވެ. އަސަރުގަދަ މެސެޖްތަކެއްވެސް ލަވައިގެ ޒަރިއްޔާއިން އޭނާ ވަނީ އެހުންތެރިންނަށް ފޯރުކޮށްދީފައެވެ.

ލަވައާއި ގުޅޭ މައުލޫމާތު "ވަގުތު"އަށް ކިޔައިދެމުން އަރޭ ބުނީ މި ލަވައަކީ ސިންބޮލިކްގެ ރެޕް ލަވަތަކާއި ޚިލާފަށް އެކޯސްޓިކް ލަވައެއް ކަމަށެވެ.

"އަމިއްލަ ފަސްގަނޑު ކަމަށްވާ މި ދިވެހި ގައުމު ދެކެވާ ލޯތްބެއްގެ ސަބަބުން ކުރި މަސައްކަތެއް މިއީ" އަރޭ ބުނިފަދައިން މި ލަވައިގައި މުޅީހެންމެ ކިޔަނީ ދިވެހި ގައުމުގެ ވާހަކަތަކެވެ. ރާއްޖޭގެ ގުދުރަތީ ހިތްގައިމު ކަމާއި މިފަދަ ނިއުމަތެއް ލިބުނީތީ ފަޚުރުވެރިވާ ވާހަކައެވެ.

"2014 ހިސާބުގަ ރައްޓެއްސަކާއި ރިސޯޓަކުން ދިމާވެގެން ޚިޔާލައް އައި ކަމެއް މިއީ. އެއީ ހުސް ލޯބީގެ ލަވަ ހެދުމަށްވުރެ ކޮންމެވެސް ކަހަލަ ރަނގަޅު އެހެން ލަވައެއް ހެދުމަށް" ލަވަ ވުޖޫދަށް ގެނައި ހިސާބުގެ ހަނދާންތައް އައު ކުރަމުން އަރޭ ބުންޏެވެ.

ރާއްޖޭގެ ގުދުރަތްތެރިކަން ފަށުވި އިބާރާތްތަކަކުން ލަވައެއްގެ ސިފައިގައި ގެނެސްދިނުމަށް ލަވައިގެ ލިރިކްސް އަދި މެލޮޑީ ހަދައިފައިވަނީ އަރޭގެ އިތުރުން މުހައްމަދު ރާޒީއެވެ.

މިއީ "މަޓާޓޯ ޓްރެވެލް އެވޯޑްސް" ގެ ނަމުގައި ކޮންމެ އަހަރުކުވެސް ޓުރިޒަމް އިންޑަސްޓްރީން ބާއްވަމުން އަންނަ ހަފްލާގައިވެސް ބޭނުން ކުރަން ހަމަޖެހިފައިވާ ލަވައެއް ކަމަށް އަރޭ ވަނީ ބުނެފައެވެ.

"މީ ރާއްޖެ" އަކީ އެކައުސްޓިކް ލަވައަކަށް ވުމާއެކު، "ޑިމާންޑް"ގެ ގޮތުން ސިންބޮލިކްގެ އެހެން ލަވަތަކާއި އަރާ ހަމަ ނުކުރެވުމަކީ ގާތް ކަމެކެވެ. އަރޭ ވެސް ބުނީ އެކަމަށް އެހާ ބޮޑަށް އުންމީދު ނުކުރާ ކަމުގައެވެ.

ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައިވެސް ގިނަބަޔަކު މި ލަވަ ބެލުމަކީ އަރޭގެ އުންމީދެކެވެ.

ލޯބީގެ ލަވަތަކަށް ލޯބި ކުރައްވާ ފަރާތްތަކަށް އަރޭ ވަނީ އުފާވެރި ޚަބަރެއްވެސް ދީފައެވެ. އެއީ މި މަހުގެ ތެރޭގައި ލޯބީގެ ލަވައެއް ރިލީޒް ވާނެ ކަމުގެ އުފާވެރި ޚަބަރެވެ. އަދި މި ލަވައިގައި އަރޭ އާއިއެކު އިތުރު އާޓީސްޓުންގެ "އަތެއް" ވެސް ވާނެ ކަމަށްވެއެވެ. އަރޭގެ ކުރިއަށް މިއޮތް ލޯބީގެ ލަވައަށް އިންތިޒާރު ކޮށްލުން ކިޔެއްތޯއެވެ!

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބުރޯ

    ލަވަ އޯކޭ. އެކަމަކު މިއީ ސްޕެޝަލް އިފެކްޓެއް. ވަރަށް ރީތިވީސް ރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކާލިނަމަ. ލަވަ ރީތި. ޝުކުރު ހައްގު ތިކުރާ މަސައްކަތަށް.

  2. ޕެސްޓް

    ތި ލަވަ ތިބުނާހާ ރީޗެއްނޫން،. ކަމަކު ނުދޭ. ކޮންމެވެސް އެހެން ކަމަކާ އުޅޭ.

  3. ކިނބޫ

    ތި ލަވަ ޖަޒީރާ މޑޕ އަށް އަރޭ ދީބަލަ..ޕލޒ ކޮން މަޓާޓޯ އެއް އެ މޑޕ ގެ ހައްގަކަށް ތި ހަދާ