މީސްމީޑިއާގެ އެކި މަންސަތަކުގެ ތެރެއިންވެސް ސްނެޕްޗެޓަކީ ގިނަބައެއްގެ މަޤުބޫލުކަން ލިބިފައިވާ ތަފާތު އެޕެކެވެ. އެތައް މިލިއަން ބަޔަކު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި އެޕް ބޭނުންކުރަމުންދާއިރު، ސްނެޕްގެ ޓީމުން މިވަނީ އެފަރާތްތަކަށް އުފާވެރި ޚަބަރެއް ދީފައެވެ.

މިހާރު ބޭނުންކުރަމުންދާ ސްނެޕްޗެޓްގެ އެޕްލިކޭޝަންގެ ފެންވަރު އިތުރަށް ރަނގަޅުކޮށް މިހާރަށްވުރެ ފަސޭހައިން ބޭނުންކުރެވޭނެ ގޮތެއް ވަރަށް އަވަހަށް ހޯދާނެކަމަށް މީގެ ކުރިންވެސް އެ ކުންފުނީގެ ސީއީއޯ ވަޢުދުވެފައިވާއިރު، ރިޕޯޓްތައް ބުނާގޮތުގައި މިހާރު އެ ކުންފުނިން ދަނީ ސްނެޕްގެ އާއެޕްލިކޭޝަން ނެރުމުގެ މަސައްކަތް ކުރަމުންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި މިހާރު އެންމެ ފަހުގެ މަސައްކަތްތައް ކުރިއަށްދާ އެ އެޕްލިކޭޝަންގެ ޓެސްޓިންގ ކުރިއަށްދާއިރު، މިހާރު ބޭނުންކުރަމުންދާ އެޕްލިކޭޝައަށްވުރެ އާ އެޕްލިކޭޝަންގެ ސްޕީޑު އަވަސްވެފައި ބޭނުންކުރަން ފަސޭހަވާނެއެވެ. މީގެ އިތުރުން މިހާރުގެ ޑިޒައިނަށް އާ އެޕްލިކޭޝަންގައި ބަދަލުވެސް ގެނެވިފައިވާނެ ކަމަށް ވެއެވެ.

އެންޑްރޮއިޑް އާއި އައިއޯއެސްއަށްވެސް ސްނެޕްގެ އާ އެޕްލިކޭޝަން ތައްޔާރުކުރަމުންދާއިރު، ޓެސްޓު ކުރުމަށް ދުނިޔޭގެ ބައެއް ސަރަޙައްދުތަކަށް އާ އެޕްލިކޭޝަން ބޭނުން ކުރެވޭގޮތަށް ވަނީ ދޫކޮށްފައެވެ. ނަމަވެސް މި އެޕްލިކޭޝަންގެ މަސައްކަތް އެކީ ނިންމާލައި އާންމުކޮށް ހުރިހާ ފަރާތްތަކަށްވެސް ޑައުންލޯޑު ކުރެވޭގޮތަށް ނެރޭނީ ސީދާ ކޮން ދުވަހެއްގައި ކަމެއް ސްނެޕްގެ ޓީމުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ސްނެޕްޗެޓް އެޕްލިކޭޝަންގެ ޑިވެލޮޕާއެއްކަމަށްވާ ޖޭން މެންޗުން މިކަމާއި ގުޅިގެން ކުރި ޓްވީޓެއްގައި އާ ސްނެޕްގެ ޑިޒައިން ދައްކާލާފައިވާއިރު، އޭނާ ބުނީ އެ އެޕްލިކޭޝަންގައި ވަރަށް ގިނަ ކަންކަން ކުރިއަށްވުރެ ރަނގަޅުކޮށްފައިވާނެ ކަމަށެވެ.