ބޮލީވުޑްގައި އެންމެ ލޯބި ދެ ލޯބިވެރިންގެ ތެރޭގައި ފަހަގަކޮށްލެވޭ ދެ މީހުންގެ ތެރޭގައި ދިޕިކާ ޕަދުކޯން އާއި ރަންވީރް ސިންގ ހިމެނެއެވެ. ލޯބީގެ ގޮތުން ސީދާ ގުޅިގެން އުޅޭކަން މި ދެ ތަރިން ހާމަކޮށްފައިނުވި ނަމަވެސް ދެމީހުން އެކުގައި ނަގާފައިވާ ފޮޓޯތަކުންނާއި، ދެ މީހުންގެ އުޅުން ހުންނަގޮތުން، މާބޮޑަށްވެސް އެކަން ޔަގީންވެއެވެ.

މި ދެތަރިންނާއި ގުޅޭގޮތުން މިހާރު އެންމެ ގަދަޔަށް ދެކެވެމުންދާ އެއް ވާހަކައަކީ މި ދެ ތަރިން ކައިވެންޏަށް ތައްޔާރުވަމުންދާ ވާހަކައެވެ. އެކަން ވަަރަށް ބާރަށް ކުރިއަށް އެބަދެއެވެ. މި ދެތަރިން ކައިވެނި ކުރަން ހަމަޖެހިފައިވަނީ މި އަހަރުގެ ނޮވެމްބަރު މަސް ތެރޭގައެވެ.

އެހެންވެ މިހާރު ރަންވީރުވެސް އެދަނީ މުމްބާއިގައި ހުންނަ އޭނާގެ ގެ ހެދުމުގެ މަސައްކަތްތައް ކުރަމުންނެވެ.

އަދި ގެ ހަދާތީ ރަންވީރު ވަނީ ފަސް ތަރީގެ ހޮޓަލަކަށް ވެސް ބަދަލުވެފައެވެ. ރިޕޯޓްތައް ބުނާގޮތުގައި، ރަންވީރު އެ ހޮޓަލުގައި ގާތްގަނޑަކަށް ދެ ހަފްތާ ވަރު ހޭދަކުރާނެއެވެ.

ދެ މީހުން އެކުގައި އުޅުމަށް ގެ ރަނގަޅު ފެންވަރަށް މިހާރު ހަދަމުން އަންނަ ކަމަށް އިންޑިއާގެ ރިޕޯޓްތައް ބުނި ނަމަވެސް، ދެ މީހުން ދިރިއުޅޭނީ ސީދާ އެގޭގައިކަމެއް އަދި ޔަގީނެއް ނޫނެވެ. އެހެންނަމަވެސް ދެ މީހުންގެ ކައިވެންޏާއި ގުޅޭ ވާހަކަތައް މިހާ ގަދަޔަށް ދެކެވެމުން އަންނައިރު، އަދި އެ ދޭތެރެއިން ރަންވީރް ގެ ހަދަން ފެށުމުން ތަފާތު ގޮތްގޮތަށް ވާހަކަދެކެވެމުން އެބަދެއެވެ.