ދާދިފަހުން މަރުވި ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ސުރިދެވީ ކަޕޫރުގެ ހަޔާތުގެ މައްޗަށް ޑޮކިއުމެންޓްރީއެއް ހަދަން އުޅޭ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓު ކުރަން ފަށައިފިއެވެ.

އިންޑިއާގެ "ޑެކަން ކްރޮނިކަލް" އަށް މައުލޫމާތު ދިން ފަރާތަކުން ބުނީ އެ ޑޮކިއުމެންޓްރީ ހަދަން ނިންމާފައި ވަނީ ސުރިދެވީގެ ފިރިމީހާ ބޮނީ ކަޕޫރު ކަމަށެވެ.

އަދި އެ ޑޮކިއުމެންޓްރީއިން ފެނިގެން ދާނީ ސުރިދެވީގެ އާންމު ދިރިއުޅުމާއި ފިލްމީ އޭނާ ފިލްމީ ދާއިރާގައި ކުރި މަސައްކަތް ކަމަށެވެ. އަދި އޭނާއާ ބެހޭގޮތުން އޭނާގެ އެންމެ ގާތް ރަހުމަތްތެރިންނާއި، އާއިލާގެ މެމްބަރުންނާއި އެކުގައި މަސައްކަތް ކުރި މީހުންގެ ވާހަކަތައް އެ ޑޮކިއުމެންޓްރީގައި ހިމެނޭނެ ކަމަށް ވަނީ ރިޕޯޓު ކޮށްފައެވެ.

"ޑެކަން ކްރޮނިކަލް" އިން ރިޕޯޓު ކުރާ ގޮޮތުގައި ބޮނީ ކަޕޫރު އެ ޑޮކިއުމެންޓްރީ ތައްޔާރު ކުރުމަށް ހަވާލު ކުރަން ނިންމާފައި ވަނީ އެކްޓާ، ޑައިރެކްޓާ އަދި އޭނާގެ ގާތް އެކުވެރިޔާ ޝޭކަރު ކަޕޫރާއެވެ.

އުމުރުން 54 އަހަރުގައި ސްރީދޭވީ މަރުވެފައި ވަނީ ދުބާއީގައެވެ. އެންމެ ފުރަތަމަ ހަބަރު ފެތުރުނީ އޭނާ މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށެވެ. ނަމަވެސް ފޮރެންސިކް ރިޕޯޓުން ދައްކާފައި ވަނީ އޭނާ މަރުވީ އަމިއްލަ ބާތްޓަބްގައި ގެނބިގެން ކަމަށެވެ.

ސްރީދޭވީ ހަށިގަނޑު އަންދާލާފައި ވަނީ މުމްބާއީގެ ވިލެ ޕަރްލޭ ސެވަ ސަމާޖް ކްރެމެޓޯރިއަމްގައި މިދިޔަ ބުދަ ދުވަހު އެވެ. ސްރީދޭވީގެ ހަށިގަނޑު އަންދާލުމަށްފަހު ބާކީވި އަޅިތައް އަޅާފައި ވަނީ ހިންދޫންގެ މުގައްދަސް ރަށެއް ކަމަށްވާ ރާމޭސްވަރަމް ކައިރީ އޮންނަ ކަނޑަށެވެ.