ބިމަށް އަހަރަކު މިލިޔަނެއްހާ ހެލުން އާދެއެވެ. މީގެ ތެރެއިން ގިނަ ބިންހެލުންތައް އަހަރެމެންނަށް އިޙުސާސް ނުކުރެވެނީ، ގިނަ ފަހަރު އޭގެ ދެރަމިނުންނެވެ. އަނެއްބައި ފަހަރަށް އެ އަންނަ ސަރަޙައްދަކީ މީހުން ނޫޅޭ ސަރަޙައްދަކަށް ވުމެވެ.

ޢާއްމު ގޮތެއްގައި އިންސާނުންނަށް ބިންހެލުމުގެ އަސަރު އިޙުސާސްކުރެވޭނީ ރެކްޓަރު މިންގަނޑުން 4 ގެ ބާރުމިނަށް ހެލުނީމައެވެ. އެ މިންގަނޑުން 7 އަކަށް އަރައިފިނަމަ ބެލެވޭނީ އެއީ ވަރަށް ބާރު ހެލުމެއް ކަމުގައެވެ.

26- 12- 2004 ވީ ދުވަހު އޭޝިޔާ ބައްރު ސިއްސުވާލި ބާރުގަދަ ބިންހެލުމަކީ 1900 ވަނަ އަހަރުން ސުރެ މިހާތަނަށް 5 ވަނައަށް އެންމެ ބާރުގަދަ ބިންހެލުމެވެ. ސޫމަތުރާ ޖަޒީރާ ކައިރިން ކަނޑު އަޑީގައި ހިނގި މި ބާރުގަދަ ބިންހެލުމުގެ ބާރު މިނަކީ 9 ރެކްޓަރު ދަރަޖައެވެ. އަދި އޭގެ ފަހުން މި ހެލުންތައް އިންޑިޔާ ކަނޑުގައި އޮންނަ އަންޑަމަން ޖަޒީރާތަކަށް ފޯރާފައިވެއެވެ. އަދި އޭގެ ސަބަބުން ބިޔަ ރާޅުތަކެއް އުފެދި އޭޝިޔާގެ ވަރަށް ގިނަ ޤައުމުތަކެއްގެ އައްސޭރި ސަރަޙައްދުތަކަށް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިވިއެވެ.

މި ފަދަ ކަނޑުއަޑީގެ ބިންހެލުންތަކުގެ ސަބަބުން ކަނޑުގައި ބިޔަ ރާޅުތަކެއް އުފެދެއެވެ. މި ބާވަތުގެ ބޮޑުރާޅަށް ސުނާމީ އޭ ކިޔައެވެ. ''ސުނާމީ" މި ބަސް ނެގިފައިވަނީ ޖަޕާނުބަހުންނެވެ. މިއީ ޖަޕާނުބަހުގެ ދެ އެކުރު ކަމުގައި ވާ "ޓްސޫ" އާއި "ނާމީ" އެކުވެގެން އުފެދިފައި އޮތް އެކުވިނަމެކެވެ. ލަފްޒުގެ ފުރަތަމަ ބައި "ޓްސޫ" ގެ މާނަ އަކީ ބަނދަރެވެ. ދެވަނަ ބައި "ނާމީ" ގެ މާނަ އަކީ ރާޅެވެ.

ސުނާމީ އޭ މި ކިޔާ ރާޅު އުފެދޭ ޙާލަތެއް މެދުވެރިވެގެން އުފެދޭ ރާޅަށް މި ނަން ޢާއްމުކޮށް ކިޔާގޮތަށް ހަމަޖެހުނީ 1963މ ވަނަ އަހަރު ބޭއްވުނު ބައިނަލްއަޤްވާމީ ސައިންސް މަހާސިންތާއެއްގައެވެ.

ދިޔަވަރު ބޮޑުވެގެން އަރާ އުދަ އަށާ އަދިވެސް މި ފަދަ ބޮޑެތި ރާޅުތަކަށް އިނގިރޭސިބަހުގައި "ޓައިޑަލް ވޭވް" އޭ ކިޔައެވެ. އެގޮތުން ސުނާމީ އަށް ވެސް ކިޔާއުޅުނީ ހަމަ މި ނަމެވެ. ޙަޤީޤަތަކީ ދިޔަވަރު ބޮޑުވެގެން އަރާ ބޮޑުރާޅާ ޚިލާފަށް ސުނާމީ އަކީ މުޅިން ތަފާތު ސަބަބުތަކެއް މެދުވެރިވެގެން އަރާ ރާޅެއް ކަމެވެ. ދިޔަވަރަކީ އިރުހަނދާއި ތަރިތަކުގެ ދަމާބާރާ ގުޅުން ހުރިކަމެކެވެ.

އެއާ ޚިލާފަށް ސުނާމީ ރާޅު އެންމެ ގިނައިން އަރަން މެދުވެރިވާ ސަބަބަކީ ބިންހެލުމެވެ. ނަމަވެސް ބިންހެލުމަކީ މިކަން މެދުވެރިވާ ހަމައެކަނި ސަބަބެއް ނޫނެވެ. މިނޫނަސް އެހެން ބައެއް ސަބަބުތައް މެދުވެރިވެގެން ސުނާމީ އަރާފާނެއެވެ. އޭގެ ތެރޭގައި ބިންގަނޑު ކަނޑައިގެން ދިޔުމާއި، އަލިފާންފަރުބަދަ ގޮވުމާއި، ގިނިހިލަ ފަދަ ޖައްވީ ޖިސްމެއް ކަނޑަށް ވެއްޓުން ހިމެނެއެވެ.

ސުނާމީ އުފެދެނީ ކަނޑުގެ އަޑިންނެވެ. އެއަށްފަހު ގަޑިއަކު 750 ކިލޯމީޓަރުގެ ބާރުމިނެއްގައި ދަތުރުކޮށް އައްސޭރި ސަރަޙައްދުތަކަށް ޙަމަލާދެއެވެ. މި ފަދަ ރާޅުތައް އުސްވެގެން 30 އާއި 40 މީޓަރަށް އަރައެވެ. އަދި ގާތްގަނޑަކަށް 100 ހާސް ޓަނު ފެން، އައްސޭރިތަކުގެ ކޮންމެ އަކަ މީޓަރަކަށް ޖަހައެވެ. ނަތީޖާއެއްގެ ގޮތުން ޚުދު ބިންހެލުމުން ލިބޭ ގެއްލުމަށް ވުރެ ބޮޑު ގެއްލުން މި ކަމުގެ ސަބަބުން ލިބެއެވެ.

tsunami2

ތާރީޚުގައި ފާހަގަކުރެވިފައި ހުރި ސުނާމީގެ ޙާދިސާތަކަށް ބަލާއިރު އެއްހާސް އަހަރަށް ވުރެ ކުރިން ވެސް މިފަދަ ރާޅުތައް އަރާފައި އެބަ ހުއްޓެވެ. އޭގެ ތެރެއިން ވެސް އެންމެ އިހުގައި އަރާފައިވާ ކަމަށް ފާހަގަކުރެވިފައިވަނީ ޢީސާގެ ފާނުންގެ މީލާދުގެ ކުރިއަށް 479 ވަނަ އަހަރު އީގާ ކަނޑުގެ އުތުރު ފަރާތަށް އެރި ބޮޑުރާޅެވެ. އަދި ވޭތުވެދިޔަ ދެ ޤަރުނުގައި 300 އެއްހާ ސުނާމީ ޙާދިސާ ހިނގާފައިވެއެވެ. އޭގެ ސަބަބުން ދުނިޔެއަށް އެތައް ޚަރާބަކާ ކުރިމަތިވިއެވެ.

ސުނާމީގެ ތާރީޚު ދުށް އެންމެ މުހިއްމު އެއް ޙާދިސާއަކީ ޖަޕާނުގެ ހުންޝޫ ޖަޒީރާގެ އިރުމަތީ އައްސޭރިއަށް އެރި ބޮޑުރާޅެވެ. މި ޙާދިސާ ހިނގާފައިވަނީ 1896 ވަނަ އަހަރު ގެ ޖޫން 5 ގައި ކަނޑުއަޑީގައި ހިނގި ވަރުގަދަ ބިންހެލުމެއްގެ ސަބަބުންނެވެ. މިއީ ޖިއޮގުރަފީ އިޞްޠިލާޙުން ބުނާނަމަ ކަނޑު އަޑިން ޖަޕާނު ޚަންދަޤުތަކުގައި ހުރި ރެނދު ސަރަޙައްދުއޭ ކިޔާ ސަރަޙައްދަށް އައި ބިންހެލުމެކެވެ. މި ބިންހެލުމުން އުފެދުނު ރާޅުތައް އެއްގަމާ ދިމާއަށް އައީ 30 އަކަށް މީޓަރަށް އުފުލިގެންނެވެ. އަދި ބައެއް އަވަށްތައް ހުރިގޮތަށް ޣަރަޤުވެ ދިހަ ހާހަށް ވުރެ ގިނަ ގެދޮރު ސުންނާފަތިވެ 26 ހާސް މީހުން ގެނބުނެވެ. ދެން އެ ރާޅުތައް ޕެސިފިކު ކަނޑުގެ އިރުމައްޗަށް ފެތުރި ހަވާއީގެ ހީލޫ އޭ ކިޔާ ޖަޒީރާއާ ހަމައަށް ފޯރިއެވެ. އެއަށް ފަހު އެމެރިކާގެ އައްސޭރިތަކަށް އަރައި، ފަހަތަށް ރުޖޫޢަވެ ނިޔުޒިލޭންޑާއި އޮސްޓުރޭލިޔާ އަށް މިސްރާބުޖެހިއެވެ.

ޓެކްޓޯނީ ފޮތިވަރުތަކުގެ ޙަރަކާތް: ބިންހެލުމުގެ ސަބަބު

ބިންހެލުން އުފެދެނީ ކިހިނެއްބާއެވެ؟ އޭގެ ސަބަބަކީ ކޮބައިބާއެވެ؟ މިކަމުގައި އިންސާނުންގެ އެއްވެސް ޢަމަލެއް މެދުވެރިވޭބާއެވެ؟

ޝައްކެއްވެސް ނެތްގޮތުގައި، ދުރު މުސްތަޤުބަލަކަށް ބަލާއިރު އިންސާނުންގެ އެކި އެކި ޙަރަކާތްތަކުގެ ސަބަބުން ބިންހެލުން އުފެދުން އެކަށީގެންވެއެވެ. އޭގެ ތެރޭގައި، ނިޔުކުލިއަރު ގޮއްވުންތަކާއި، ބިމުގެ ބަތާނާގައި ހުރި ތެޔޮތައް ދަމާ ނެރުމާއި، ބިންހެލުން ހިނގާ ސަރަޙައްދުތަކާ ދިމާ މަތީގައި ފެން ހައްޔަރުކުރާ ކަހަލަ އޮޅުތައް (ޑޭމް) ހެދުން ހިމެނެއެވެ.

ނަމަވެސް މިދެންނެވި ޙަރަކާތްތަކުގެ އެންމެ އިހަށް ނަޒަރުހިންގާލިޔަސް، އޭގެ ފެށުން ޤަރުނަކަށް ވުރެ ކުރިއަކަށް ނުދެއެވެ. މާނައަކީ އިންސާނީ ތާރީޚުގައި މީގެ ކުރިން ހިނގާފައިހުރި ބިންހެލުންތަކުގެ ސަބަބަކީ އެފަދަ އިންސާނީ ޙަރަކާތްތައް ކަމަކަށް ބެލޭކަށް ނެތޭއެވެ. ވީމާ އެ ސަބަބުތަކުގެ އެހެން ތަފްސީރަކަށް ދާން އެބަ ޖެހެއެވެ.

ޖިޔޮލޮޖީ ޢިލްމުވެރިންގެ އަރިހުގައި މިކަމުގެ ތަފްސީރެއް ވެއެވެ. ފަހެ 1912 އާއި 1915 އާއި ދެމެދުގެ ފަތުރަތުގައި ޖަރުމަނުގެ ޢިލްމުވެރިއެއް ކަމުގައިވާ އަލްފްރެޑް ވެގިނަރ އޭނާގެ "ކޮންޓިނެންޓަލް ޑްރިފްޓް" ނުވަތަ ބައްރުތައް ކައްސާލުން، މި ނަޒަރިއްޔާ ނެރުއްވިއެވެ. 200 މިލިޔަން އަހަރުއްސުރެ މިއަދާ ހަމައަށް ދުނިޔޭގެ ބައްރުތައް ތަރުތީބުވެގެން އައި ގޮތާއި އޮތް ތަންތަން މި ނަޒަރިއްޔާގައި އޭނާ އަތުރާލިއެވެ.

މި ނަޒަރިއްޔާ ބުނާގޮތުން ދުނިޔޭގެ 5 ބައްރު ކުރިން އޮތީ އެކެތިގަނޑަކަށް އެއް ފަސްގަނޑަކަށެވެ. ދިމާވި އެކި ސަބަބުތަކާ ހުރެ ބިމުގެ ތޮށިގަނޑުން ވަކިވަކިވަމުން އަންނަ ތަންތަންގަނޑުގެ ސިފައިގައި 5 ބައްރު ވަކިވަކިވާން ފެށިއެވެ.

މި މައިދާނުގައި ނުކުތް ހުރިހާ ނަޒަރިއްޔާތަކަކުން ދިޔަފެލައިލައިގެން އުފެދުނު ނަޒަރިއްޔާއެއް 1968 ގައި ނުކުތެވެ. އަދި މި އާ ނަޒަރިއްޔާގެ ކުރިން ނުކުތް ހުރިހާ އެހެން ނަޒަރިއްޔާތަކެއް ތަންޒީމުވެ، މި ކަމަށް ތަފްސީރެއް ލިބުނެވެ. އޭގެ ޞައްޙަކަމަށް ދަލީލުދައްކަމުންނެވެ. މިގޮތުން ބިމުގެ ވަރަށް ގިނަ ޙަރަކާތްތަކާ މެދު ވަރަށް ފައްކާ ތަފްސީރެއް ނެރުނެވެ. އޭގެ ތެރޭގައި ބިންހެލުމުގެ ތަފްސީރުވެސް ހިމެނެއެވެ. އަދި އެއީ ގާތްގަނޑަކަށްހެން ޖިޔޮލޮޖީ ހުރިހާ ޢިލްމުވެރިން އިއްތިފާޤުވެލައްވާ ނަޒަރިއްޔާއެއް ކަމުގައިވިއެވެ. މި ނަޒަރިއްޔާއަށް ދެވުނު ނަމަކީ ޓެކްޓޯނީ ފޮތިވަރުތައް "ޕްލޭޓް ޓެކްޓޮނިކް" އެވެ.

ނަޒަރިއްޔާގެ ޚުލާޞާ ބުނާގޮތުން، ބިމުގެ ތޮށިގަނޑަކީ އެކުވެ ލާމެހިފައިވާ އެއްޗެއް ނޫނެވެ. އަދިކިއެއްތަ، އެ އުފެދިގެން ވަނީ ރެނދުތަކަކުން ވަކިވެފައިވާ، ތާއަބަދު ޙަރަކާތްކުރާ ފޮތިތަކަކުންނެވެ. ކޮންމެ ފޮތިވަރަކީވެސް އޭގެ ޒާތުގައި އެކަތިގަނޑަކަށް އޮންނަ މުސްތަޤިއްލު އެއްޗެކެވެ. މި ފޮތިތައް އޮންނަނީ ބިމުގެ މައިގަނޑު ފަށަލަތައްކަމުގައިވާ ފަށަލަތަކުގެ ތެރެއިން ތޮށިގނޑާ ޖެހިގެން ދެވަނަ ފަށަލަމަތީ ވިރިގެން ދިޔާވެފައިވާފަދަ ޙާލަތެއްގައި ހުރި، ހިލަތަކެއްމަތީ ދެމިދެމިއެވެ.

މި ފޮތިވަރުތައް ތާއަބަދު ޙަރަކާތްކުރުމުގެ ސަބަބުން އެއެއްޗެހި ވަރުދެރަވެ ދެމޭގޮތް ވެއެވެ. އަދި މީގެ ސަބަބުން ފަށްފަށްޖެހުމާއި ރެނދުލުން މި ފޮތިވަރުތަކަށް ކުރިމަތިވެއެވެ. ފަށްޖެހެނީ ކެނޑިނޭޅި މި ފޮތިވަރުތަކަށް ކުރިމަތިވާ ވަރުބަލިކަމާ ހެދިއެވެ. އަނެއްކޮޅުން ގަދަފަދަ ކުއްލި ވަރުބަލިކަމެއްގެ ސަބަބުން ރެނދުލާން މެދުވެރިވެއެވެ. ބިންހެލުން މެދުވެރިވާ ސަބަބަކީ މި ނަޒަރިއްޔާ ބުނާގޮތުން މި ކަންތަކެވެ. ކޮންެމެއަކަސް ބިންހެލުމާ ބެހޭގޮތުން ވާހަކަދައްކާ އިރު މުޅި ނަޒަރިއްޔާގެ ތަފްޞީލު އެއްކޮށް ނުގެނެސް މި ވަރުން މަޤުޞަދު އެބަ ޙާޞިލްވެއެވެ.

ބިމުގެ އެތެރޭގެ އެކުލެވުން އޮންނަ ގޮތް

ބިންހެލުމާ ބެހޭގޮތުން ބެލި ބެލުންތަކުންނާއި ކުރެވުނު ދިރާސާތަކުން ދައްކާގޮތުގައި، އެ ފޮތިވަރުތަކުގެ ކައިރިފަށްތަކޭ ބުނެވޭ ރެނދުތަކުގެ ދޭތެރެއިން ފަށަލަތައް ކުރާ ޙަރަކާތާއި ހިލަތައް އެކެތި އަނެކެއްޗާ ކޭތުމުގެ ސަބަބުން އުފެދި އަރާ ހަކަތަ ބިންހެލުންތަކާއި ގުޅުންވެއެވެ. މި ދެންނެވި ކަންތައްތައް އިތުރަށް ދެނެގަތުމަށްޓަކައި ބިމުގެ ފަށަލަތައް އުފެދިފައިވާ ގޮތް ކުރުގޮތަކަށް ނަމަވެސް ބަލާލަން އެބަ ޖެހެއެވެ. ފަހެ ބިންހެލުން ދެނެގަތުމާއި މިބާވަތުގެ ޤުދުރަތީ ކާރިޘާތައް ދިމާވާ ސަބަބުތައް ދެނެގަނެވޭނީ އެންމެ ފުރަތަމައިނުންވެސް ބިމުގެ އެތެރޭގެ ފަށަލަތައް ހުންނަ ގޮތް އެނގިގެން ކަމަށް ވާތީއެވެ. މިގޮތުން ބިން ބޯޅައެއް ސިފައިގައި އޮންނަ އިރު އޭގެ އެތެރޭގައި އެކުލެވިގެންވާ މައިގަނޑު ތިންބައި ތިރީގައި އެ ވަނީއެވެ.

tsunami3

1- އޮށް (core) މި ބައި އޮންނަނީ ބިމުގެ ސަތަހައިން 2900 ކިލޯމީޓަރު ފުނުގައެވެ. އޭގެ އެންމެ އެތެރެބައި އޮންނަނީ ހަރުކޮންނެވެ. ބޭރު ބައި އޮންނަނީ ވިރިގެން ދިޔާވެފައިވާ ޙާލަތުގައެވެ. މި ދެ ބައި އުފެދިފައިވަނީ ދަގަނޑާއި އަދި ބައެއް އެހެން މާއްދާއިންނެވެ.

2- ބޮނބިގަނޑު (Mantle) މި ފަށަލައަކީ އޮށުގެ ވަށައިގެން އޮންނަ ފަށަލައެވެ. މީގެ ބޯމިނުގައި 2880 ކިލޯމީޓަރަށް އަރައެވެ. މި ފަށަލަ އެކުލެވިގެންވާ ހިލަތަކަކީ އުފެދުމުގައި އޭގެ އެތެރެ ހިމުންކަން ގަދަ ހިލަތަކެކެވެ. ފަށަލައިގެ އެތެރެ ހަރުވެފައި މަތީބައި ވިރިފައިވާ ޙާލަތާ ގާތްކުރެއެވެ. މިއީ ބިންހެލުން އުފެދުމުގައި މުހިއްމު ދައުރެއް އަދާކުރާ ފަށަލައެކެވެ.

3- ތޮށިގަނޑު (Crust) : މިއީ ބޮނބިގަނޑުގެ ވަށައިގެން އޮންނަ އަދ ބިމުގެ އެންމެ ބޭރު ފަށަލައެވެ. މި ފަށަލަ އުފެދިފައިވާ ހިލަތަކުގެ އެތެރެ ހިމުންކަން ތަންކޮޅެއް ކުޑައެވެ. މާކަނޑުތަކުގެ ދަށުން މި ފަށަލައިގެ ބޯމިން ހުންނަނީ ކިލޯމީޓަރުކޮޅެކެވެ. އަދި އުސް ފަރުބަދަތަކުގެ ދަށުން މި ފަށަލައިގެ ބޯމިނުގައި 70 ކިލޯމީޓަރު ހުރެއެވެ.

ކޮންމެއަކަސް ބިމުގެ ތޮށި، ތާއަބަދު ޙަރަކާތްކޮށްކޮށް ހުންނަ އެއްޗެއްކަމުގައި ވާ އެތައް ކަންތައްތަކެއް ވެއެވެ. އޭގެ ތެރޭގައި، ބިމުގެ ތޮށި އުފެދިފައިވާ ހިލަތަކުގެ އެތެރޭ ހިމުންކަމުގައި ހުންނަ ތަފާތުތަކާއި، ބައްރުތަކާއި ކަނޑުތަކާއި ފަރުބަދަތަކުގެ އަޑިން ހުންނަ ހިލަތައް، ބޮނބިގަނޑުފަށަލައިގެ ވިރިފައިހުންނަ ބައި މަތީގައި ދެމޭ އިރު އެ ހިލަތަކުގެ ބަރުމިނުގައި ހުންނަ ތަފާތާއި، ބޮނބިގަނޑު ފަށަލައިގެ މަތީބައި ވިރިގެން ކޯދުލުން ހިމެނެއެވެ. މި ކަންތައްތަކުގެ ސަބަބުން އުފެދޭ ޙަރަކާތްތަކެއް ވެއެވެ.އެއީ:

1- ފޭކުރާ ޙަރަކާތް (Divergent Movement) : މީގެ މިސާލަކީ ކުރިން އެކަތިގަނޑަކަށް އޮތް އެފްރިކާ ބައްރާއި އެމެރިކާ ބައްރު ވަކިވެ ފޭވަމުން ގޮސް އެދޭތެރެ މެދުގައި އެޓްލާންޓިކް މާކަނޑު އުފެދިފައި އޮތް އޮތުމެވެ. އަދި ޢަރަބި ކަރައާއި އެފްރިކާއާ ދެމެދު ފޭވެ، އެދޭތެރޭގައި ރަތްކަނޑު އުފެދިފައި އޮތް އޮތުމެވެ. މި ޙަރަކާތް މިގޮތުގައި ފޭވަމުން ދާނަމަ، އެތައް މިލިޔަން އަހަރެއް ފަހުން ރަތްކަނޑުވެސް ދުނިޔޭގެ ބޮޑެތި މާކަނޑުތައް ފަދަ މާކަނޑަކަށް ބަދަލުވުމަކީ އެކަށީގެންވާ ކަމެކެވެ.

2- ގާތްކުރާ ޙަރަކާތް (Convergent Movement) : މިއީ ފޮތިވަރުތައް އެކަތި އަނެކެއްޗާ ގާތްވެ ތަތްވާ ޙަރަކާތެވެ. މި ޙަރަކާތުގެ ސަބަބުން އުސް ފަރުބަދަތައް އުފެދެއެވެ. އޭގެ މިސާލެއްގެ ގޮތުން އެތެރެވަރި (އިންޑިއަން ސަބްކޮންޓިނެންޓް) އާއި އޭޝިޔާ ބައްރު ޖެހި ތަތްވެގެން އުފެދިފައިވާ ހިމާލިޔާ ފަރުބަދަތައް ހިމެނެއެވެ. އަދި ދެކުނު އެމެރިކާގެ ހުޅަނގު ބިތުގައި އޮންނަ އިންޑީޒް ފަރުބަދަތަކަކީވެސް މިބާވަތުގެ ފަރުބަދަތަކެކެވެ.

3- ކައްސާލާ ޙަރަކާތް: މިއީ އެއްފޮތިމަތިން އަނެއްފޮތި އަރައިގެން ކައްސާލައިގެން ދާދިޔުމެވެ. މިފަދަ ތަންތަނަށް، ބަދަލުވާ ސަރަޙައްދީރޮނގު، ނުވަތަ އިނިގިރޭސި ބަހުންނަމަ (Transform Boundaries) އޭ ކިޔައެވެ.

ބިމުގެ ޗާޓުގައި ބިންހެލުން އަންނަ ތަންތަން

ބިންހެލުމުގެ ފަހަތުގައި ކޮންމެ ކަހަލަ ސަބަބެއް އޮތްކަމުގައި ވިޔަސް އާޚިރުގައި އެ އެއްޗަކީ އެއީ ބިމުގެ ތޮށިގަނޑުން ފޮތިވަރެއް ކައްސާލުމާއި ވިދިގެން ބާންޏެއްގެ ސިފައިގައި ބިމުގައި ފެތުރިގަންނަ ލޮޅުމެކެވެ. އަދި ކައްސާލާ މި ޙަރަކާތް ގިނަ ފަހަރު ދާނީ މާ މައިތިރި އޮމާން ގޮތަކަށް ނޫނެވެ. އަދިކިއެއްތަ، ޙަރަކާތް ކުރާ ބަޔާއި އެބަޔާ ޖެހިގެން އޮންނަ ބައި ކޭއްތުމުގެ ސަބަބުން ވަރަށް ގަދަފަދަ ގޮތެއްގައެވެ.

ލޮޅުމުގެ ބާނިތަކުގެ ބަލި-ގަދަ މިނެއް ކަނޑައަޅާނީ ލޮޅުންއަރަން މެދުވެރިވާ ޙަރަކާތުގެ ގަދަމިނެވެ. އެހެން ގޮތަކަށް ދަންނަވަނީނަމަ އެއީ ހަމައެކަނި ޙާދިޘާއެއްތޯ ނުވަތަ އެކަމުން ދިމާވާނީ ނުރައްކާތެރި ކާރިޘާއެއްތޯ ކަނޑައަޅާނީ މި ދެންނެވި ޙަރަކާތުގެ ގަދަފަދަ މިނަކުންނެވެ. އަދި ބިންހެލުން، ބިމު އަޑީގެ ވަކި ނުކުތާއެއްގައި ފޯކަސް އޭ ކިޔާ ތަނެއް އުފައްދައެވެ. ލޮޅުމުގެ ބާނިތައް މައްޗަށް އަރައިގެން އަންނާނީ މި ދެންނެވި ނުކުތާއިންނެވެ. މިއާ ދިމާވާގޮތުން ބިމުގެ ސަތަހައިގައި ހުންނަ ނުކުތާއަށް ކިޔަނީ ސަތަހީ މަރުކަޒު " Epicenter'' އެވެ.

ދުނިޔޭގައި ބިންހެލުން އަންނަ ތަންތަން ޗާޓަކުން ފާހަގަކުރާއިރު، ފާހަގަވާން އޮންނަނީ ނާތަރުތީބު ޙާލަތެއްގައެއް ނޫންނެވެ. އަދިކިއެއްތަ، އޭގެ ތެރެއިން ބޮޑުބައެއް އެތުރިފައިވަނީ މައިގަނޑު ތިން ލޭނެއްގައެވެ. މި ލޭނުތައް ކަނޑުތަކާއި ބައްރުތައް ހުރަސްކޮށް ވަރަށް ދުރަށް ދެމިފައިވެއެވެ. އޭގެ ތެރެއިންވެސް އެންމެ މަޝްހޫރު އަދި އެންމެ ބާރުގަދަ ލޭނަކީ ޕެސިފިކް ކަނޑުގެ އިރުމަތީ އައްސޭރީގެ ދިގަށް ދެމިފައި އޮތް ލޭނެވެ. މި ގޮތުން މި ލޭނަކީ އެމެރިކާ ދެބައްރުގެ ހުޅަނގު އައްސޭރިފަށާއި އަނެއް ފަރާތުން ޖަޕާނާއި ފިލިޕީންސް އާ އެއް ދިގުމިނަކަށް އެ މިސްރާބަށް ދެމިފައިވާ ދިގު ފީތާއެކެވެ. މި ފީތާ ގެ ކޮޅެއް ނިޔުޒިލެންޑަށާއި އޮސްޓުރޭލިޔާއަށްވެސް ފޯރާފައިވެއެވެ. ދުނިޔެއަށް އަންނަ ބިންހެލުމުގެ 81% އަކީ މި ލޭނުގައި ހިނގާ ހެލުންތަކެވެ. އެ ގޮތުން އެލަސްކާ ގައި 1964 ވަނަ އަހަރު އަދި ޕެރޫގައި 1970 ވަނަ އަހަރު އަދި ޗިލީގައި 1985 ވަނަ އަހަރު، އަދި1923 - 1995 ފަތުރަތުގައި ޖަޕާނުގައި ހިނގި ބިންހެލުންތަކަކީވެސް މި ލޭނުން ހެލިފައިވާ ހެލުންތަކެވެ.

މި ލޭނަށް ''އަލިފާން ބޮޅު" އޭ ވެސް ކިޔައެވެ. ސަބަބަކީ މި ތަންތަނުގައި ގިނަފަހަރަށް ހެލޭ ބިންހެލުންތަކާ ވިދިގެން އަލިފާންފަރުބަދައެއްގެ ގޮވުމެއް ގޮވާކަމެވެ. މީގެ މިސާލަކީ 14 ނޮވެމްބަރު 1992 ވަނަ އަހަރު ކޮލަންބިޔާ ގައި ހެލުނު ބިންހެލުމެވެ. މި ޙާދިޘާ ހިނގިދުވަހުގެ އަނެއް ދުވަހު އިންޑީޒް ފަރުބަދަތަކު މަތިން އަލިފާންފަރުބަދައިގެ ގޮވުންތަކެއް ނުކުތެވެ.

ދެވަނަ ލޭނަކީ ޕެސިފިކް މާކަނޑުގެ ހުޅަނގު އައްސޭރިއާ ދިމާގައި އޮންނަ ލޭނެވެ. މި ލޭނު ފެށިގެން އަންނަނީ ޖަޕާނު ޖަޒީރާތަކާ ހިސާބުންނެވެ. އެއަށްފަހު ޓައިވާން ޖަޒީރާތައް ކައިރިން ގޮސް އިންޑޮނޭޝިޔާ ޖަޒީރާތަކާ ހިސާބަށް ފޯރައެވެ.

ތިންވަނަ ލޭނު ފެށެނީ އިންޑޮނޭޝިޔާ ގެ ޖާވާއިންނެވެ. އެއަށްފަހު ސޫމަތުރާއިން ގޮސް ހިމާލިޔާ ތެރެއިން ލައިފައި ނުކުމެ މެދުތެރޭ ކަނޑު ހުރަސްކޮށް އުތުރު އެފްރިކާއިން ބަޔަކާއި އެކު ގޮސް ނިމެނީ އެޓުލާންޓިކު ކަނޑަށެވެ. ދުނިޔޭގެ 17% ބިންހެލުން އަންނަނީ މި ލޭނުންނެވެ.

މި ލޭނުތަކަކީ އަލިފާންފަރުބަދައިގެ ޙަރަކާތް ވަރަށް ތިޔާގި ސަރަޙައްދުތަކަކަށް ވާތީ ބިންހެލުން ގިނަ ލޭނުތަކެކެވެ. އޭގެ ސަބަބެއްކަމަށް ވަނީ ބިމުގެ ތޮށިގަނޑު އޮފެދިފައިވާ ފޮތިވަރުތައް ބައްދަލުވާ ތަންތަން ކަމުގައި މިތަންތަން ވުމެވެ. ކަނޑުތަކުގެ އަޑީގައި ފޮތިވަރުތައް ތުނިވެފައި ބައްރުގައި ބޮލެވެ. ކުރިންވެސް އިޝާރާތްކުރެވުނު ފަދައިން މި ފޮތިތަކަކީ ބޮނބިގަނޑު ފަށަލައިގެ މަތީބައިގައި ވިރި ދިޔާވެފައިވާ ހޫނު ހިލަތައްމަތީ އޮޔާ ދެމޭ ޒާތަށް ދެމިދެމި ހުންނަ ފޮތިވަރުތަކެކެވެ. އުފެއްދިހަނދު ގެ ފޮޓޯތަކުން ދައްކާގޮތުގައި މި ފޮތިވަރުތައް އަހަރެއްގެ ތެރޭ އެއް ސެންޓިމީޓަރާއި ދިހަ ސެންޓިމީޓަރާ ދެމެދުގެ ދުރުމިނަކަށް ޙަރަކާތްކުރެއެވެ.

މިއާ ޚިލާފަށްވެސް، ކުރިން ބަޔާންކުރެވުނު ލޭނުތަކާ އެއްވެސް ގުޅުމެއް ނެތް ތަންތަނަށް ވެސް ބިންހެލުން އާދެއެވެ.

މައުލޫމާތު: ކަވާސާ

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޕްރޯ

    ފޮޓޯޝޮޕް ލެވެލް = ކިޑްސްް

  2. ހުދު ޖަގިޔާ

    ސިޔާސީ ވާހަކަޔަކަށް ނުވާތީ ކޮމެންޓް ކުރާނެ ބަޔަކު ނެތް! ދިވެހިންގެ ބޮޑު ޢާބާދީޔަށް ތަޢުލީމަށްވުރެ ރަނގަޅަށް ދަސްވެފަހުރީ ސިޔާސީ ކަންތައްތައް!

  3. މުއުމިން

    މާޝާﷲ ލިޔުމަށް

  4. ޙާލު

    ޥަރަށް ސަޅި ލިޔުމެއް