ކުރަން ހުރި މަސައްކަތްތައް ފުނި ޖެހިފައި ހުރި އިރުވެސް އަހަރެންނަށް ބިއްލޫރި ދޮރުތައް ކައިރީ ބޭރު ބަލަހައްޓައިގެން މި ހުރެވެނީ ކީއްވެގެން ކަމެއް ޚުދު އަހަރެންނަކަށް ވެސް ނޭނގެއެވެ. ހެނދުނު ގެ މި ހިތްގައިމު ވަގުތު މާލޭގެ ކާރޫބާރޫ ބޮޑުކަން ފެނި އަންތަރީސް ވިޔަސް، އަހަރެންގެ ސިކުނޑި މަސްއޫލު ވެފައިވަނީ އެހެން ކަމަކަށެވެ. ދުރުން ފެންނަމުން ދިޔަ މަންޒަރުތަކަށް މާ ބޮޑު ސަމާލުކަމެއް ނުދެވުނަސް، އެ މަގުން ހިނގާފައި ދިޔަ ލޫޅާފަތި ހަށިގަނޑެއްގެ ވެރި އަންހެން ކުއްޖާ، އަހަރެންގެ ލޮލުގައި އަޅައިގަތީ އެ ވަތުތުގައެވެ. އެއްވެސް އިޙްތިޔާރަކާ ނުލައި އަހަރެންނަށް "މިޝްޔާ" އޭ ކިޔައި ބާރަށް ގޮވާލެވުނެވެ.

އަހަރެންގެ ހިތުގެ ތެޅުން އަވަސްވެ މުޅި މީހާ ދާ ހިއްލަން ފެށިއެވެ. ޖެހެމުންދިޔަ ފިނިފިނި ވައި ރޯޅީގެ އަސަރުވެސް އަހަރެންނަށް ނުކުރާ ކަހަލައެވެ. ހަމަ ޖެހިލުމުގެ ގޮތުން ފެން ކޯވަރެއް ބޯލައި، ކައިރީގައި ހުރި ގޮނޑީގައި އިށީންދެލީމެވެ. އެއާއެކު ލަހެއް ފަހެއް ނެތި އަހަރެންގެ ހިތި މާޒީގެ ފުން ވިސްނުމަށް ޣަރަޤުވެގެން ދިޔައެވެ.

ސްކޫލު ދައުރުއްސުރެ ވެސް މިޝްޔާ އަކީ އަހަރެން ވަރަށް ގަޔާވާ އަންހެން ކުއްޖެކެވެ. އަހަރެންގެ ގޭ ދޮށު ކުއްޖަކަށް ވެފައި، ކުޑައިރު މިޝްޔާގެ ބައްޕަމެން އަހަރެންގެ އާއިލާއަށް މާލީ ގޮތުންވެސް އެހީތެރިކަން ފޯރުކޮށްދީ ހަދާތީ އޭރު އަހަރެންނަށް މިޝްޔާ އާއި ވާހަކަ ދައްކާކަށް ނުކެރެއެވެ. އަހަރެންނަކީ "ބައްޕަ ނެތް" ކުއްޖަކަށް ވުމުގެ ސަބަބުން، އުޅެން ޖެހުނީ މާކަ ފުދޭ ދިރިއުޅުމެއް ނޫނެވެ. ލައި އުޅުނީ މީހުން ދޭ ބައު އަންނައުނެވެ. އެއް އިރު ކައިފިއްޔާ އަނެއް ދެ އިރު ހުންނަނީ ނުކައެވެ. އަހަރެމެންގެ ނިކަމެތި ދިރިއުޅުމަށް ކިރިޔާވެސް އެހީތެރި ކަމުގެ އަތެއް ފޯރުކޮށްދެނީ މިޝްޔާގެ ބައްޕައެވެ. އެ ދީލަތިކަން އަހަރެން އަބަދުވެސް ހަނދާންކޮށް އެކަމުގެ ބަދަލު ދިނުމަށް، އަހަރެންގެ މަންމަގެ ދުނިޔޭގައި އަބަދުވެސް ބުނާނެއެވެ.

އަހަރެން އުންމީދު ކޮށްގެން ހުރީ ސްކޫލް ދައުރު ނިމުމުން މިޝްޔާ އަހަރެންނާއި ވާހަކަ ދައްކާނެ ކަމުގައެވެ. އޭރު ބައްޕަމެންނަށް އެނގިދާނެތީ ވާހަކަ ދައްކަން ބިރު ގަންނަނީ ކަމުގައެވެ. އެހެންވެ ހުރިހާ ކަމެއް ވެސް ފަހުން އަދި ރަނގަޅުވާނޭ ކަމަށް، ހިތަށް ވިސްނައިދެމުން ކެތްތެރިކަމާއި އެކު އަހަރެން ހުރީ އަށާރަ އަހަރުވެ ޤާނޫނީ ގޮތުން ބޮޑުމީހަކަށް ވަންދެނެވެ. އޭރަކުން 'ކުޑަކުއްޖެކޭ' ބުނެ މި ކަމަށް ހުރަސް އަޅާނޭ އިތުރު މީހެއް ނޫޅޭނެ ތާއެވެ.

ކޮންމެއަކަސް، ވަރަށް ހިތްވަރު ކޮށްފައި އަހަރެން މިޝްޔާއަށް ލޯބި ހުށެހެޅީމެވެ. ކުރިން ވެސް އަހަރެންނާއި މަދުން ނޫނީ ވާހަކަ ނުދައްކާ މިޝްޔާގެ ޖަވާބު ވަރަށް ކުރެވެ. "ކައިވެނި ވެސް ހަރާން ވާނެ. ނޭނގޭ ކަމަށް ނުހަދަބަލަ." އެހެން ބުނުމަށްފަހު އެރޭ މިޝްޔާ އަހަރެންނާއި ވަކިވެގެން ދިޔައީ އަހަރެންގެ މި ހިތުގައި އެތަކެއް ކޫރުން ތަކެއް އަޅުވާފައެވެ. އޭނާ ބުނި އެއްޗެއް ފަހުމް ނުވެގެން އަހަރެން ކިހާ ވަރަކަށް ވިސްނިން ހެއްޔެވެ؟ އެކަމަކު އަހަރެންނަށް ހަމަ އެއްގޮތަކަށް ވެސް ފަހުމް ވާ ގޮތެއް ނުވިއެވެ. ކައިވެނި ހަރާން ވާނެއޭ އެ ބުނީ އަހަރެންގެ ފަޤީރު ކަމަށް ނިސްބަތް ކޮށް ކަމަށް ނިންމައި، ފަހުން އެކަމަކާ ނުވިސްނަމެވެ.

ވަޒީފާއެއް ހޯދުމުގެ ބޭނުމުގައި އަހަރެން މާލެ އައީ އަހަރެންގެ ލޯބިވާ މަންމައާއި އުފަން ބިންވެސް ދޫކޮށް ހިތާއި ދެ ކޮޅަށެވެ. މަންމަގެ ގައިގެ ބާރު ދޫވެ މުސްކުޅިވީ ދުވަހު، އެ މަންމަ ބަލަން ހުރީ ހަމައެކަނި އަހަރެން ކަމުގައި ވާތީއެވެ.

ސްކޫލް ދައުރުގައި ވެސް ރަނގަޅަށް ކިޔެވިފައި ނުވާތީ ރަނގަޅު ވަޒީފާ ގަނޑެއް މިއޮށް ބޮޑު މާލޭން ހޯދުން ވެގެން ދިޔައީ ވެލި ފުށްފުށް ގުނުންހައި އުނދަގޫ ކަމަކަށެވެ. އެހެން އުޅެނިކޮށް ރައްޓެއްސެއް މެދުވެރިކޮށް ކޮންކްރިޓް މަސައްކަތްކުރާ ތަކުން ވަޒީފާ އެއް ލިބުނެވެ.

އުޅެން ޖެހޭލެއް ބުރަ ކަމުން މަންމައަށް ވެސް ގުޅެނީ ވަރަށް މަދުންނެވެ. ލިބޭހައި ލާރި ފޯނަށް އަޅައިގެން ހުސްނުކޮށް ފަހަށް ރައްކާކުރަން މަންމަ އަބަދުވެސް އާދޭހާއި އެކު ކިޔާނެއެވެ. ގައިގައި ބާރު ހުއްޓައި ބައްޔެއް ކަމެއް ވާ ދުވަހަކުވެސް ބޭނުން ކުރެވޭ ވަރަށް ލާރި ރައްކާކުރަން މަންމަ އޭރު ވަރަށް ގިނައިން ކިޔާނެއެވެ. އެންމެ ފަހުން ބޮލަށް އުނދަގޫ ވެގެން އެކަމުގެ ފަހަތުގައިވާ ސަބަބު އަހަރެން މަންމަ ކުރެ އެހީމެވެ. ނަމަވެސް އެދެވޭ ޖަވާބެއްގެ ބަދަލުގައި މަންމަ ބުނީ ދެން އެންމެ ފުރަތަމަ އަހަރެން ރަށަށް ދާ ފަހަރަކުން އެކަމުގެ އަސްލު ސަބަބު ބުނާނެ ކަމުގައެވެ.

ދުވަސްތައް އޭގެ އެންމެ ހަލުއި މިނުގައި ފާއިތުވަމުން ގޮސް ހައެއްކަ މަސް ފާއިތު ހިނގައްޖެއެވެ. އޭރު އަހަރެންވެސް ކުޑަކޮށް ތަރައްޤީވެ އަތްމަތި ވެސް އޭރަށްވުރެ ތަނަވަސް ވެއްޖެއެވެ. މަންމައަށް ވެސް އެއްވެސް ދައްޗެއް ނެތި އުފަލުގައި އުޅެވޭނެ ގޮތް ހަދައިދިނީމެވެ. ނަމަވެސް މި ހަމަސް ތެރޭގައި ވެސް ބަދަލު ނުވި ހަމައެކަނި އެއްޗަކީ އަހަރެންގެ ހިތުގައި މިޝްޔާއަށް އުފެދި ކުރި ނުފޯދުނު ލޯތްބެވެ. އޭރުއްސުރެ ހިތުގައި ލިޔެވިފައިވާ އެ ނަމެވެ. ހިތުގައި ކަނޑާނެގިފައިވާ އެ ފަރިފަރި ސޫރައެވެ.

ފަހުންވެސް، އަހަރެން މިޝްޔާއާ ވާހަކަ ދައްކަން ކުރި މަސައްކަތްވީ ބޭކާރެވެ. ޖެއްސުމަށްހޭ ތިއުޅެނީ ބުނެ އަހަރެން ކުރި ބައްދާލާއިރު، ކޮންމެ ފަހަރަކުވެސް އަހަރެންގެ ހިތުގައި ލައްކަ ސުވާލު ފުނި ޖެހުން ނޫން ކަމެއް ނުވެއެވެ. ޖަވާބަށް އެދި ކިތަންމެ ފަހަރަކު މިޝްޔާ ކުރެ އަހަން ބޭނުންވެޔެވެ. އެކަމަކު ވަކި ކިހިނެއް ހެއްޔެވެ؟

މިއޮތް ތޮއްޖެހިފައިވާ މާލޭން އެތަކެއް އަންހެން ކުދީންތަކެއް ކޮންމެ ދުވަހަކު ފެނި ދެނިވި ދާއިރުވެސް، މިޝްޔާ ނޫން ކުއްޖަކަށް އަހަރެންގެ ހިތް ނުދެވުނީތީ ޚުދު އަހަރެންވެސް ހައިރާންވަމެވެ. އެކަމަކު ލިބެން ނެތް ލޯތްބަކަށްޓަކައި މިހެން ވަގުތުތައް ބޭކާރު ކޮށްލެވޭތީ އަހަރެން ވަރު މޮޔަ މީހެއް ނެތް ކަމުގައިވެސް ވިސްނުނު އަދަދެއް ވެސް ނޭނގެއެވެ.

ހީ ނުކޮށް ހުއްޓާ އަހަރެންގެ ލޯބިވާ މަންމަ އަހަރެންނާ ވަކިވެ ދިޔައީ އަހަރެންގެ މި ނިކަމެތި ހިތް އިތުރަށް ރޮއްވާފައެވެ. ނަސީބު ދެރަ ކަމުން، މަންމަގެ އެންމެ ފަހު ވަގުތު ކޮޅުގައި ވެސް އަހަރެންނަށް މަންމަ ކައިރިއަކު ނުހުރެވުނެވެ.

މަންމަ މި ފަނާވަނިވި ދުނިޔެއިން ވަކިވެ ދިޔުމަށްފަހު އަހަރެން މުޅިން އެކަނިވިއެވެ. އެހެންނަމަވެސް ދިރިއުޅުމައިގެން ކުރިއަށް ދިޔައީ މަންމަގެ ދުނިޔޭގައި ދީފައިވާ ނަސޭހަތްތައް ހަނދާން ކޮށްލަމުންނެވެ.

ރަށުން މާލެ އައި ދޯންޏަކުން އައި ބޭބެއަކު އެއްފަހަރަކު އަހަރެންނަށް ކުޑަކުޑަ ލަކުޑި ފޮއްޓެއް ގެނެސް ހަވާލުކުރިއެވެ. އެއީ މަންމަ އަހަރެންނާއި ހަވާލުކޮށްދިނުމަށް އެދި، މަންމަ ވަކިވެ ދިޔުމުގެ ކުރިން ހަވާލު ކޮށްފައިވާ ފޮއްޓެކެވެ.

ބަރުނޫން އެ ފޮށީގައި އޮތީ ކުޑަކުޑަ ފޮޓޯ އަލްބަމަކާއި ސިޓީއެކެވެ. އެންމެ ފުރަތަމަ ވެސް އަހަރެން އަތް އަވަސް ކުރެވުނީ ހުދު ކުލައިގެ އެ ސިޓީ އާއި ދިމާލަށެވެ. އޭގައިވާ އެއްޗެއް ކިޔުމަށް ކެތް މަދުވެފައިވާ ހާލުގައެވެ. "ލޯބިވާ ދަރިފުޅާއެވެ! މަންމަ މި ވާހަކަ ދަރިފުޅު ގާތު ބުނަން އުޅޭތާ ކިތަންމެ ދުވަހެއް ވެއްޖެއެވެ. ކުޑައިރު ބުނަން އުޅެފައި ވެސް އަދި މާ ކުޑައޭ ހިތާ އަޅާ ނުލެވުނީއެވެ. ބޮޑުވުމަށްފަހުވެސް މަންމަ ދަރިފުޅު ގާތު ބުނަން ވަރަށް މަސައްކަތް ކުރީމެވެ. އެކަމަކު ހަޤީޤަތް އެނގި، ދަރިފުޅަށް ވެދާނެ ގޮތަކާއި މެދު ވިސްނި ބުނަން ހަމަ ފަސްޖެހެވުނީއެވެ. ލޮލުގެ ކޮއި ފަދަ ދަރިފުޅާއެވެ! މި މަންމައަށް މައާފު ކުރާށެވެ. މި ހުރިހާ ދުވަހު މަންމަ އަށް މި އުޅެވުނީ ދަރިފުޅަށް ހަޤީޤަތް ސިއްރު ކޮށްގެނެވެ. ދަރިފުޅާއެވެ! ޤަބޫލު ކުރަން ކިތަންމެ ދަތި ވިޔަސް ދަރިފުޅުގެ ބައްޕައަކީ ހަމަ މިޝްޔާގެ ވެސް ބައްޕައެވެ. އޭރު މަންމަ އަށް ކުރެވުނު އެ ކުށަށް ވެސް މި މަންމަ މަޢާފަށް އެދެމެވެ. އަދި އެނގޭ ހެއްޔެވެ؟ ރަށު އެންމެން އަހަރެމެން ދެމައިން ނިކަމެތިކޮށް މަލާމަތްކޮށް ހެދިއިރުވެސް އެހީވީ ހަމައެކަނި މިޝްޔާގެ ބައްޕައެއް ނޫންހެއްޔެވެ؟ އެމީހުން އަހަރެމެންނަށް އެހީވެދެނީ ވެސް ދަރިފުޅަކީ ވެސް ހަމަ މިޝްޔާގެ ބައްޕަގެ ދަރިއަކަށްވީމައެވެ. މި ވާހަކަތައް  ދަރިފުޅަށް ޤަބޫލުކުރަން މާ ފަސޭހަ ނުވާނެކަން ވެސް މަންމަ އަށް އެނގެއެވެ. އެކަމަކު މިއީ ހަމަ ހަޤީޤަތެވެ. އިތުރަށް އެއްޗެއް އޮޅުން ފިލުވަން ބޭނުން ނަމަ މި ސިޓީ ގެނެސްދިން ބޭބެ ކުރެ އަހާ އޮޅުން ފިލުވާށެވެ. އަދި ބުނަން ހެއްޔެވެ؟ ނަމަނަމަ އެމީހުން ވެދިން އެހީ ހަނދާން ނައްތާނުލައްޗެވެ...." ކޯތާފަތަށް ޖަމާވަމުން ދިޔަ ކަރުނަތައް އަތުގެ ނުފުށުން ފޮހެލުމަށްފަހު ސިޓީ ފައްޖަހާލީމެވެ. އިތުރަށް ކިޔާނެ ހިތްވަރުވެސް ނެތީމަޔާއި އެއްކޮށްނެވެ.

މަޑުމަޑުން ފޮޓޯ އަލްބަމް ވެސް ހުޅުވާލީމެވެ. އޭގައި ހުރީ އަހަރެންގެ އެ ބުނާ ބައްޕަގެ ފޮޓޯ ތަކަކާއި މަންމަގެ ރަންޒަމާނުގެ ދެތިން ފޮޓޯއެވެ.

ކަންތައް މިވީ ކިހިނެއް ހެއްޔެވެ؟ އަހަރެން މިއޮތް ހުރިހާ ދުވަހު ލޯބިވެގެން ހިތް ދީގެން މިއުޅެވެނީ އަހަރެންގެ ލޭ ގެ ގޮތުން ގުޅިފައިވާ ކޮއްކޮ އަށެވެ. މިހާރު، އެ ދުވަހު މިޝްޔާ ބުނި ވާހަކަވެސް ފަހުމް ވެއްޖެއެވެ. ތެދެކެވެ. އަހަރެމެން ދެމީހުންނަށް އެއްގޮތަކަށް ވެސް އެ ނަޒަރަކުން ނުދެކެވޭނެތާއެވެ.

އަހަރެން މިޝްޔާ ދެކެ ވީ އިޝްޤީ ލޯއްބެވެ. އެކަމަކު މިއަދު މި ވަނީ އެ ލޯބި ކަފުންކޮށް، އޭނައަށް ބޭބެއެއްގެ ލޯބި ދޭން މަޖްބޫރު ވެފައެވެ. އިތުރު އެހެން ގޮތެއް ވަކި އެބައޮތް ހެއްޔެވެ؟ކިތަންމެ ބޭނުން ނުވިޔަސް ތަޤްދީރާއި ދެކޮޅު ހެދޭނެ ހެއްޔެވެ؟

ސިއްސައިގެން ގޮސް ޚިޔާލުތަކުގެ ދުނިޔެއިން އަހަރެންނަށް ނިކުމެވުނީ އަހަރެންގެ ފޯން ރިންގްވާ އަޑަށެވެ. އަނެއްކާވެސް އެނބުރި މަސައްކަތުގެ މާހައުލަށް ރުޖޫއަވީ މިޝްޔާގެ ނަން މި ހިތުން ފޮހެލަން މަސައްކަތް ކުރާ ހާލުގައެވެ. އަދި ބޭބެއެއްގެ ލޯބި އޭނާއަށް ދިނުމަށް އުންމީދުކުރަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވަރަށް ރީތި ނިމުނީ ތަ ؟