ކުޑަކަމުދާން ބޭނުންވާ ވަގުތު ކުޑަކަމުނުގޮސް ގިނައިރު ހުރުމަކީ ވަރަށް ގިނަބައެއްގެ އާދައެކެވެ. އެހެން ނަމަވެސް މި އާދައިގެ ސަބަބުން، ހަށިގަނޑަށް އަރައިނުގަނެވޭ ވަރުގެ ނުރައްކާތެރި ގެއްލުންތަކެއް މެދުވެރިވާކަމާއި، އެ ގެއްލުންތައް ލިބޭ މިންވަރު އެނގެނީ މަދު ބަޔަކަށެވެ. މިކަމާއި ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސިއްޙީ ތަޖުރިބާކާރުން ކުރިއަށްގެންދާ ދިރާސާތަކަށް ބަލާއިރު ކުޑަކަމުދާން ބޭނުންވާ ހިނދު ކުޑަކަމު ނުގޮސް ހުރުމަކީ ކޮށްގެންވާނެކަމެއް ނޫންކަން އެނގެއެވެ. އެއީ އަމިއްލަ ނަފްސަށް ކަނޑައެޅިގެން ދެވޭ ގެއްލުމެކެވެ.

ކުޑަކަމު ނުގޮސް ގިނަ ވަގުތުތަކެއް ވަންދެން ހުރުމުގެ ސަބަބުން އެންމެ ޢާންމުކޮށް ޖެހޭ މައްސަލަތަކަސް ބަލާއިރު އެކަމުގެ ސަބަބުން ކުޑަކަމުދާ ނިޒާމުގައި ޖަޒާސީމު އަށަގަތުމަށް މަގުފަހިވެގެންދެއެވެ. މިއީ އެންމެ މައިގަނޑު ގޮތެއްގައި މި ނިޒާމަށް ޖެހޭ ބަލިތަކުގެ އަސްލެވެ. މިގޮތަށް އަށަގަންނަ ޖަރާސީމު އިންފެކްޝަންތަކަށް ބަދަލުވެ އެކަމުގެ ވޭންއަޅަން ފަށާ ހިސާބުން އެކަމަށް ފަރުވާ ހޯދުންވެސް ފަސޭހަ ކަމަކަށް ނުވެއެވެ.

ހަމަ އެހެންމެ ކުޑަކަމު ނުގޮސް ގިނައިރު ހުރުމަކީ، ކުޑަކަމުދާން ބޭނުންވާ ހިނދު އެ ނިޒާމުން ސިކުނޑިއަށް ފޮނުވާ ސިގްނަލެއް އަމިއްލަ އިޚްތިޔާރާއި އެއްގޮތަށް ބަދަލުކޮށް ހަށިގަނޑުގެ ހިނގުންތަކާއި ދެކޮޅަށް ކުރެވޭ ކަމެކެވެ. އެހެންކަމުން ސިކުނޑިއަށް އެ ނިޒާމުން ފޮނުވާ ސިގްނަލް އަލުން އަނބުރާ ނިޒާމަށް ފޯރުވާ ހިސާބުން ކުޑަކަމުދާ ނިޒާމުގެ ދޮރު ބަންދުކޮށްލައެވެ. މިގޮތަށް ބައެއް މީހުނަށް ގިނައިރުތަކެއް ވަންދެން ހިފެހެއްޓުމުގެ ޤާބިލްކަން ލިބިގެންވީނަމަވެސް، އެކަމުން ދާއިމީ ގެއްލުންތަކެއް ކުރިމަތިކުރުވާކަމީ ދިރާސާތަކުން ހާމަވާ ކަމެކެވެ.

ކުޑަކަމުދާ ނިޒާމުގެ ދޮރު ބަންދުކޮށް އެގޮތުގައި ގިނައިރު ހުރުމުގެ ސަބަބުން ކުޑަކަމުދާން ބޭނުންވާ ހިނދު އެ ދޮރު ހުޅުވެންޖެހޭ މިންވަރަށް ނުހުޅުވޭގޮތް ދިމާވެއެވެ. މިމައްސލަ މިގޮތަށް ކުރިމަތިވަނީ ކުޑަކަމުދާ ނިޒާމުގެ ބައެއް މަސްތަކަށް ބާރުކޮށްފައި ހުންނަ ހުރުމަށް އެ ނިޒާމު ހޭނުމުންނެވެ. އަދި އެކަން ބަދަލު ކުރުމަކީ ފަސޭހަ ކަމަކަށްވެސް ފަހުން ނުވެއެވެ. އެހެންކަމުން މި މައްސަލަ ކުރިމަތިވުމުން ކުޑަކަމު ދެވުނުނަމަވެސް ވަކި މިންވަރަކަށް ކުޑަކަމުދާތަކެތި ބްލެޑާގެ ތެރޭގައި ހިފެހެއްޓިފައި ހުރެއެވެ.

ކުޑަކަމު ނުގޮސް ގިނައިރު ހުރުމުން ކިޑްނީގެ މައްސަލަތަކާއި ކުރިމަތިވުމަކީވެސް ޢާންމު ކަމެކެވެ. މިގޮތަށް ދިމާވަނީ ކުޑަކަމުދާ ތަކެތި ގިނައިރުވަންދެން ބްލެޑާގައި ފުރިބާރުވެފައި ހުރުމުން އެތަކެތީގައި ހުންނަ ޖަރާޒީމު ކިޑްނީއާއި ހަމައަށް ވާސިލުވުމުންނެވެ. ޢާންމުކޮށް އިންސާނުންގެ ބްލެޑާގައި 500 މިލިލީޓަރުގެ ޖާގައެއްވާއިރު އެ މިންވަރަށް ކުޑަކަމުދާތަކެތި އުފެދުމުން، ކުޑަކަމުދާން ބޭނުންވެއެވެ.

ކުޑަކަމު ނުގޮސް ގިނައިރު ހުރުމަކީ އެކަމުން ގެއްލުން ލިބޭކަމެއްކަން ބައެއް ފަރާތްތަކަށް ނޭނގޭއިރު، އެކަމުގެ ސަބަބުން އިތުރު ބޮޑު ބައްޔެއް ޖެހި ނުރައްކާތެރި ހާލަތެއް މެދުވެރިވުމުގެ ކުރިން އެކަން ދަތުމަކީ މުޙިންމު ކަމެކެވެ. ތިރީގައި މި ހިމަނާލަނީ ކުޑަކަމުދާ ނިޒާމަށް މައްސަލައެއް ކުރިމަތިވިމުން ފެނިދާނެ ބައެއް އަލާމާތްތަކެވެ.

- ކުޑަކަމުދާއިރު ދިލަނެގުން އަދި ތަދުވުން
- ކުޑަކަމުދާއިރު ލޭ ނުވަތަ ދޮސް ހުރުން
- ކުޑަކަމުދާން ބޭނުންވިޔަސް ނުދެވުން
- ކުޑަކަމުގޮސް ނިމޭއިރު ތަދެއް އިހްސާސްވުން
- ދަށްބަނޑުކޮޅަށް ތަދުވުން، ނުވަތަ ދަށްބަނޑުގައި ރިހުން
- ކުޑަކަމުދިއުން ކޮންޓްރޯލް ނުކުރެވުމާއެކު އަބަދު ތިކިޖެހިޖެހި ހުރުން
- ކުޑަކަމުދާ ހޮޅިއަށް ތަދުވުން
- ކުޑަކަމުދާ ތަކެތީގައި ނުބައިވަސްދުވުން ނުވަތަ ނުބައިވަސް ހުރުން
- ގުރުދާ އާއި ދިމާއިން އުނަގަނޑުމަތީގައި ރިހުން ހުރުން
- ގަދަޔަށް ހުންއައުމާޢެކު ހީކެރުވުން

އިސްވެ ފާހަގަކުރެވުނު ކަންކަމަކީ ކުޑަކަމުދާ ނިޒާމުގެ ބައްޔަކުން ނޫން ނަމަވެސް ކުރިމަތިވެދާނެ ކަމެކެވެ. އެހެނަސް އެއިން އެއްވެސް އަލާމާތެއް ފެންނަ ހިނދު ލަސްނުކޮށް ޑޮކްޓަރެއް ނުވަތަ ޞިއްޙީ އެހީތެރިއެއްގެ ލަފާހޯދުމަކީ އެންމެ އިސްކަންދޭންވީ ކަންތަކެވެ. ހަމަ އެހެންމެ ކުޑަކަމުދާ ނިޒާމްގައި މައްސަލައެއް ހުރިކަމުގެ އެއްވެސް އަލާމާތެއް ފާހަގަކުރެވިއްޖެނަމަ އަމިއްލައަށް ދެވިދާނެ ފަރުވާތައް އަވަހަށް ފެށުން މުހިއްމެވެ. އެގޮތުން ގިނައިން ފެންބުއިމަށްފަހު އަވަސް އަވަހަށް ކުޑަކަމުދިއުމަކީވެސް އޮތް ޙައްލެކެވެ.