މާބަނޑު ދުވަސްވަރު ބޮޑުވަމުންދަނީ ހަމައެކަނި ބަނޑެއް ނޫނެވެ. ހަށިގަނޑުގެ ހުރިހާ ގުނަވަންތަކަށްވެސް ބަދަލު އަންނަމުންދެއެވެ. ހާއްސަގޮތެއްގައި އުރަމައްޗަށެވެ. އަދިކިއެއްތަ ހަށިގަނޑުގެ އެހެން ހުރިހާ ގުނަވަންތަކަށް ވުރެ ބޮޑަށް އުރަމައްޗަށް ބަދަލު އާދެއެވެ. މިއީ ވަރަށް ގިނަފަހަރު ވަރަށް ގިނަމީހުންނަށް ފާހަގަ ނުކުރެވޭ ހަގީގަތެކެވެ.

މާބަނޑު ދުވަސްވަރު އުރަމައްޗަށް ހީނުކުރާވަރަށް ބަދަލު އާދެއެވެ. އެއީ ވިހެއުމަށްފަހު އޭގެ ދައުރު އަދާކުރުމަށް ތއްޔާރު ވުމަށްޓަކައެވެ. ތިރީގައި އެވަނީ މާބަނޑު ދުވަސްވަރާއި އަދި ވިހެއުމަށްފަހު އުރަމައްޗަށް އަންނަ ބައެއް ބަދަލުތަކެވެ. އަދި ސަމާލުވާންވީ ބައެއް ކަންތައްތަކެވެ

ފުރަތަމަ ތިންމަހު އުރަމައްޗަށް އަންނަ ބަދަލުތައް

އާއްމުގޮތެއްގައި ބަލިވެއިނުމަށްފަހު އެންމެ ފުރަތަމަ ފެންނަ އަލާމާތްތަކުގެ ތެރޭގައި އުރަމތީގައި ރިއްސަން ފެށުން ހިމެނެއެވެ. އަދި ގިނަފަހަރު ބަލިވެއިންކަން އެނގުމުގެ ކުރިން އުރަމަތީގައި ރިއްސަން ފަށައެވެ. ފުރަތަމަ ތިންމަހު އުރަމަތީގައި އަތްލުމުން ވަރަށް ބޮޑަށް ތަދުވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި އުރަމަތި ފުރިފައި ހުންނަހެން ހީވުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެއީ ބަލިވެއިނުމަށްފަހު އެރަމަތީގެ އިހުސާސްތައް އެތައް ގުނައަކަށް އިތުރުވެގެން ދާތީއެވެ. ވުމާއެކު ކުޑަކޮށް ބީހިލިޔަސް ނުވަތަ ތަނެއްގައި ޖެހުނަސް ވަރަށް ބޮޑަށް ތަދުވުމަކީ ވަރަށް ގާތްކަމެކެވެ.

ދެވަނަ ތިންމަހު އުރަމައްޗަށް އަންނަ ބަދަލުތައް

ބަނޑަށް ވަމުންދާ ދުވަސް އިތުރު ވަމުންދާ ވަރަކަށް އުރަމަތި ބޮޑުވަމުން ފުފެމުން ދާނެއެވެ. ނަމަވެސް މިހާރު ކުރިއަށްވުރެ އުރަމައްޗަށް ވާ އިހުސާސް ކުޑަވާނެއެވެ. ނަމަވެސް އުރަމަތީގެ ބޮޑުމިން ވަރަށް ބޮޑަށް އިތުރު ވާނެއެވެ. އަދި ބަލިވެއިނުމުގެ ކުރިން އުރަމަތި ހުރި ވަރަށްވުރެ 4-6 އިންޗިވަރު ބޮޑުވުމަކީވެސް ވުން ދުރު ކަމެއްނޫނެވެ. ވުމާއެކު އެއް 1-3 ނަންބަރު ބޮޑު ހިއްޕިއެއް ހޯދަން ޖެހުމަކީވެސް އެކަށީގެންވާ ކަމެކެވެ.

އާއްމުގޮތެއްގައި ބަނޑަށް ހަތަރު ފަސްމަސް ވާއިރު އުރަމައްޗާއި އެކު ވައްގަޑަށް ވެސް ބަދަލު އަންނަން ފަށާނެއެވެ. ވައްގަޑާއި ވަށައިގެންވާ އަދިރި ހަންގަޑު ކުރިއަށް ވިރެ އާއްމުގޮތެއްގައި ދެގުނަ ބޮޑުވާނެއެވެ. އަދި ވިހެއުމަށްފަހު ވެސް ގިނަފަހަރު ހަމަ މިވަރަށް ވައްގަޑާއި އަދިރި ހަންގަޑު ބޮޑު ކޮށް ހުންނާނެއެވެ. ބަނޑަށް ދުވަސް އިތުރުވަމުން ދާވަރަކަށް ވައްގަޑާއި ވަށައިގެންވާ އަދިރި ހަންގަޑުގެ ކުލަވެސް ދާނީ އިތުރަށް ބޮޑަށް އަދިރި ވަމުން ކަޅުވަމުންނެވެ. އާއްމުގޮތެއްގައި މިހެންވަނީ ބަލިވެއިނުމުން އުރަމަތީގައި ދައުރުވާ ލޭ ގިނަވުމުގެ ސަބަބުންނާއި ހަށިގަނޑުގައި އިތުރުވާ މިލަނިން ހޯމޯންގެ ސަބަބުންނެވެ.

ފަހު ތިންމަހު އުރަމައްޗަށް އަންނަ ބަދަލުތައް

ވިހަން ގާތްވާ ވަރަކަށް އުރަމަތި ދާނީ ބޮޑުވަމުން ފުފެމުންނެވެ. އަދި އުރަމަތި ބަރުވާ ކަމުގެ އިހުސާސްވެސް މިހާރު އާއްމުގޮތެއްގައި ކުރެވޭނެއެވެ. ހާއްސަގޮތެއްގައި އުރަމައްޗަށް ކިރުއެރެން ފެށުމުން މިއިހުސާސް ބޮޑަށް ކުރެވޭނެއެވެ. ވިހެއުމުގެ ކުރިން އުރަމައްޗަށް އެރޭ ކިރަކީ ރީދޫ ކިރެވެ. މީގައި ދަރިފުޅަށް ބޭނުންވާ ކާނާގެ ބައިތައް ވަރަށް ފުރިހަމައަށް ހުރުމުގެ އިތުރުން ދަރިފުލުގެ ދިފާއީ ބާރު ވަރުގަދަ ކުރުމަށްތަކައި ހާއްސަ އެންޓިބޮޑީސްތަކެއްވެސް ހުންނާނެއެވެ. މިއެންޓި ބޮޑީސްތަކަކީ މައިމީހާގެ ކިރުން ނޫން އެހެން އެއްވެސް ބާވަތެއްގެ ކިރަކުން ކާނާއަކުން ލިބޭނެ އެއްޗެއް ނޫނެވެ. ވުމާއެކު މިހީ ސިއްހަތު ރަނގަޅު ދުޅަހެއު ކުއްޖަކަށްޓަކައި އެންމެ މުހިއްމު ކާނާއެވެ.

މިހާރު ވައްގަޑުގެ ވަށައިގެންވާ ކަލު ހަންގަޑުގައި ބިހިތަކެއް ނުވަތަ ކުދި ގޮށްތަކެއްވެސް އުފެދެން ފަށާނެއެވެ. މިއީ ގާތުންދޭއިރު ފަސޭހަ ކޮށްދިނުމަށްޓަކައި ތެއު އުފައްދާ ބިހިތަކެކެވެ. މި ތެލުގެ ސަބަބުން ގާތުންދޭއިރު ވައްގަޑާއި ވަށައިގެންވާ ކަޅު ހަންގަޑު ސާފުކޮށް އޮމާންކޮށް ހުންނާނެއެވެ.

ވައްގަޑު މިހާރު ކުރިއަށްވުރެ މަޑުވާނެއެވެ. މިއީ ގާތުން ދޭންއިރު ފަސޭހައިން ވައްގަޑު ގުދުކޮށްލުމަށާއި ދަރިފުޅުގެ އަގައިގާ ޖެއްސުމަށް އަދި ދަރިފުޅުގެ އަގައިގާ ވައްގަޑު އޮންނައިރުވެސް އުދަގޫ ނުވާނެހެން އޮތުމަށްޓަކައި އަންނަ ބަދަލެކެވެ.

އުރަމައްޗަށް އަންނަ ބަދަލުތަކުގެ ތެރެއިން ނުރައްކާތެރި އަލާމާތްތައް

އާއްމުގޮތެއްގައި މާބަނޑު ދުވަސްވަރު އުރަމައްޗަށް އަންނަ ހުރިހާ ބަދަލުތަކަކީވެސް ޠަބީޢީގޮތުން އަންނަ ނުރައްކަލެއް ނެތް ބަދަލު ތަކެކެވެ. އެހެންނަމަވެސް ބައެއް ފަހަރު މާބަނޑު ދުވަސްވަރު އުރަމައްޗަށް ރައްކާތެރި ނޫން ބައެއް ބަދަލުތައް އާދެއެވެ. މިއީ ވަރަށް ބޮޑަށް ސަމާލު ވާޏް ޖެހޭނެ ބަދަލު ތަކެކެވެ. ނުވަތަ އަލާމާތްތަކެކެވެ. ތިރީގައި އެވަނީ މިގޮތުން އަންނަ ރައްކާތެރި ނޫން ބައެއް އަލާމާތްތަކެވެ.

- ވައްގަޑު އެތެރެއަށް ވަނުން: މާބަނޑު ދުވަސްވަރު ބައެއްފަހަރު ވައްގަޑު އުރަމަތީގެ އެތެރެއަށް ވަންނަގޮތް ދިމާވެއެވެ. މިއީ ގާތުން ދޭން ފަށާއިރު ވަރަށް ބޮޑެތި އުދަގުލާއި ކުރިމަތި ކުރާ ކަމެކެވެ. ވައްގަޑު އުރަމަތީގެ އެތެރެއަށް ވަދެފައިވާނަމަ ނުވަތަ ބޭރަށް އެކަށީގެންވާ ވަރަށް ނިކުމެފައި ނުހުންނަ ނަމަ ގާތުން ޖައްސާއިރު ދަރިފުޅުގެ އަނގައަށް އެކަށިގެންވާ ވަރަށް ވައްގަޑުގެ ވަށައިގެންވާ ކަޅުހަންގަޑު ވަދެފައި ވޭތޯ ބަލާށެވެ. ރަނގަޅަށް ވަދެފައިވާނަމަ ވައްގަޑު ނިކުތުމުގެ ފުރުޞަތު ބޮޑުވާނެއެވެ. އަދި ދަރިފުޅަށް އާއްމުގޮތެއްގައި ކިރުވެސް ލިބޭނެއެވެ. އަދި އުރަމަތިން ކިރު ބޭރުވެސް ވާނެއެވެ.

- އުރަމަތި ފުރި ބާރުވުން: އުރަމަތި ފުރި ބާރު ވުމަކީ އުރަމަތީގައި ވަރަށް ބޮޑަށް ރިއްސާ ކަމެކެވެ. ހާއްސަކޮށް އަލަތު މައިންނަށެވެ. ވިހެއުމަށްފަހު އާއްމު ގޮތެއްގައި ވަރަށް ގިނަ އަދަދަކަށް އުރަމައްޗަށް ކިރު އެރެއެވެ. މިހުރިހާ ކިރު ބޭރު ނުކުރެވޭނަމަ ނުވަތަ ރަނގަޅަށް ދަރިފުޅަށް ގާތުން ނުދެވޭނަމަ އުރަމަތީގައި ކިރު އިތުރުވެ ބާރުވާން ފަށައެވެ. އަދި ގިނިއިރުވެފައި ހުންނަ ކިރު ކުނިވެ ދޮހަށް ބަދަލު ވުމަކީވެސް އެކަށީގެންވާ ކަމެކެވެ. މިކަންތައް ވިޔަ ނުދިނުމަށްޓަކައި އަދި މިހެން ވެއްޖެ ނަމަ އިތުރަށް ގޯސްވިޔަ ނުދިނުމަށްތަކައި އުރަމަތިން ގާތުން ދީފައި ބާކީ ހުންނަ ކިރު ފެލައި ސާފު ކުރާށެވެ. އަދި ގާތުން ދިނުމަށްފަހު ފިނިފެނުން އުރަމަތި ބޮޑިތާން ކުރާށެވެ. އަދި ގާތުން ދިނުމުގެ ކުރިން ހޫނު ފެނުން ބޮޑިތާން ކުރާށެވެ. ފިނިފެނުން ބޮޑިތާން ކުރުމުން ކިރު އެރޭވަރު ނިސްބަތުން މަދުވާނެއެވެ. އަދި ހޫނުފެނުން ބޮޑިތާން ކުރުމުން އުރަމަތީގައި ހުންނަ ކިރު ފަސޭހައިން ބޭރުވާނެއެވެ.

- ކިރު ހޮޅި ބެދުން: ކިރުހޮޅި ބެދުމުން އުރަމައްޗަށް ތަދުވާނެއެވެ. އަދި ގާތުންދޭއިރު އެކަށީގެންވާ ވަރަށް ކިރު ބޭރަކަށް ނުނިކުންނާނެއެވެ. ވުމާއެކު ގާތުންދޭން ވަރަށް ދަތިވާނެއެވެ. މިކަންތައް ރަނގަޅު ކުރުމަށްޓަކައި ހޫނުފެނުން ބޮޑިތާން ކުރުން ރަނގަޅުވާނެއެވެ. އެންމެ ރަނަގޅު ގޮތަކީ ރަނގަޅަށް ދަރިފުޅަށް ގާތުން ދިނުމާއެކު އުރަމަތި މަސާޖު ކުރުމެވެ. އަދި މިހެން ވެއްޖެނަމަ ގާތުން ދިނުމަކީ ވަރަށް ބޭނުން ތެރި ކަމކެވެ. އެއީ މިކަން ރަނގަޅު ނުވެ ހުރެއްޖެ ނަމަ އުރަމަތި ރަތްވުމާއެކު ދުޅަވެ ނޫފައި ގަތުމަކީ އެކަށިގެންވާ ކަމެކެވެ.

- ރަތްވެ ދުޅަވުން ނުވަތަ ނޫފައިގަތުން: މިއީ މާބަނޑު ދުވަސްވަރު އަދި ގާތުންދޭ ދުވަސްވަރުވެސް ވެދާނެ ކަމެކެވެ. މިހެންވަނީ އާއްމުގިތެއްގައި އުރަމައްޗަށް ޖަރާސީމެއްގެ ސަބަބުން ޖެހޭ ބައްޔަކުންނެވެ. މިހެން ވުމުން އުރަމައްޗަށް ވަރަށް ބޮޑަށް ތަދުވެ ރިއްސާނެއެވެ. އާއްމު ގޮތެއްގައި ގިނަފަހަރު މިހެންވަނީ ކިރު ހޮޅިއެއް ބެދިފައި ހުރުމުގެ ސަބަބުން، އުރަމައްޗަށް އެރޭ ކިރު އެއްކޮށް ފެލައި ސާފު ނުކުރެވުމުގެ ސަބަބުން އަދި ވައްގަޑު ފާރު ވުމުގެ ސަބަބުންނެވެ. މިހެންވާއިރު އުރަމތީގެ ބައެއް ހިސާބުތައް ހުންނާނީ ވަރަށް ބޮޑަށް ހަރުވެފައެވެ. އަދި އެތަންތަނުގައި ވަރަށް ބޮޑަށް ތަދުވާނެއެވެ. ހުންނާނީ ބޭރަށް ރަތްވެފައެވެ. މިހެންވެއްޖެ ނަމަ ޑޮކުޓަރެއްގެ ލަފަޔާއި އެކު އެންޓިބަޔޮޓިކެއް ބޭނުން ކުރަން ޖެހޭނެއެވެ. އަދި ގިނަފަހަރު މިހެންވަނީ ވައްގަޑު ފާރުވުމުގެ ސަބަބުން ކަމަށް ވާތީ ވައްގަޑު ފާރުވެއްޖެ ނަމަ މިހެން ނުވަނީސް ފަރުވާ ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ގާތުންދިނުން

ބަލިވެއިނުމަށްފަހު އަދި ވިހެއުމަށްފަހުވެސް އުރަމައްޗަށް ބަދަލު އަންނަމުން ދެއެވެ. އެއީ އުރަމަތީގެ ދައުރު ދަރިފުޅަށް ކިރު ހޯދައިދިނުމުގެ ވަޒީފާ އަދާ ކުރުމަށެވެ. ގާތުންދިނުމަކީ ވަރަށް އާދައިގެ ކަމެކެވެ. ވިހެއުމަށްފަހު ކޮންމެ މީހަކަށްވެސް ގާތުންދޭން އެނގޭނެއެވެ. ނަމަވެސް މީގެ މާނައަކީ ގާތުން ދިނުމުގައި ހުރިހާ ކަމެއް އެންމެ ފުރިހަމައަށް އެނގޭނެއެކޭ ނޫނެވެ. ބައެއް ކަހަލަ ކަންތައް އިތުރަށް އެނގެން ޖެހޭނެއެވެ. ތިރީގައި އެވަނީ ގާތުން ދޭއިރު ފަރުވާތެރިވާން ޖެހޭ ބައެއް ނުކުތާތަކެވެ.

- ގިނަގިނައިން ގާތުން ޖައްސާށެވެ. ދަރިފުޅަށް ގިނަގިނައިން ގާތުން ޖެއްސުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ. އެއީ ދަރިފުޅުގެ ހުރިހާވެސް ކާނާއެއް ހުންނާނީ މައިމީހާގެ އުރަމަތީގައެވެ. އަދި ގިނަގިނައިން ގާތުންދޭނަމަ އުރަމތި ފުރިބާރެއްވެސް ނުވާނެއެވެ.

- ފިނިފެނުން ބޮޑިތާން ކުރާށެވެ. އުރަމަތި ފުރި ބާރުވާނަމަ ގާތުން ދިނުމަށްފަހު އުރަމަތި ފިނިފެނުން ބޮޑިތާން ކުރާށެވެ. އުރަމައްޗަށް ފިނި ވުމަކީ ކިރުއެރޭމިންވަރު މަދު ކުރާކަމެކެވެ. ވީމާ ކިރުގިނައިން އެރުމުގެ ސަބަބުން އުރަމަތި ފުރިބާރުވާނަމަ މިގޮތަށް ކަންތައް ކުރުމުން ކިރުއެރޭ މިންވަރު މަދުވެ ފުރިބާރުވުމުގެ ފުރުޞަތު ކުޑަވުމުގެ އިތުރުން އުރަމައްޗަށްވާ ތަދުވެސް ކުޑަވާނެއެވެ.

- ހޫނުފެނުން އުރަމަތި ބޮޑިތާން ކުރާށެވެ. ނުވަތަ ހޫނުފެނުން ފެންވަރާށެވެ. ހޫނުފެނުން ބޮޑިތާން ކުރުމަކީ ކިރު ބޭރުވާން ފަސޭހަވެ ގާތުން ޖައްސާއިރު ދަރިފުޅަށް ފަސޭހައިން ބުއްބޮވޭނެ ކަމެކެވެ. ހމައެއާއި އެކު މިއީ ކިރު އުފެދޭމިންވަރުވެސް އިތުރުވާނެ ސަބަބެކެވެ.

- ގާތުން ޖައްސާއިރު ވައްގަޑު ރަގަޅަށް ދަރިފުޅުގެ އަގަޔަށް ލާށެވެ. ގާތުން ޖައްސާއިރު ވައްގަޑާއި އަދި ވައްގަޑުގެ ވަށައިގެންވާ ކަޅު ހަމުން ބޮޑުބައެއްވެސް އޮންނަންވާނީ ދަރިފުޅުގެ އަގަޔަށް ލެވިފައެވެ. ހަމައެކަނި ވައްގަޑު ނުވަތަ ވައްގަޑުގެ ކޮޅުގައި ދަރިފުޅު ތުންޖަހައިގެން އޮންނަ ނަމަ ބުއްނުބޮވޭނެއެވެ. ވައްގަޑުން ކިރުބޭރުވާން ހުންނަ ހޮޅިތައް މިހެން އޮތުމުން ފިތޭނީއެވެ. ނަމަވެސް ވަށައިގެންވާ ކަޅުހަންގަޑާއެކު އަގަޔަށް ލައިފައިވާނަމަ ތުންފަތުން ނުވަތަ ހިރުގަނޑުން މިބަޔަށް ފިއްތާލާއިރު ވަރަށް ފަސޭހައިން ވައްގަޑު ކޮޅުން ކިރު ބޭރުވާނެއެވެ. މިގޮތަށް ގާތުން ޖެއްސުމުން ވައްގަޑު ފާރުވުމުގެ ފުރުޞަތުވެސް ކުޑަވާނެއެވެ. ނަމަވެސް ހަމައެކަނި ވައްގަޑު ޖައްސާނަމަ ވަރަށް ފަސޭހައިން ވައްގަޑު ފާރުވާނެއެވެ.

މައުލޫމާތު: ކަވާސާ

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އިފުރީތު

    ވަގުތުގެ ކިޔާނިމޭއިރު ހިއްސުތަށްހޭލާ..ސިފަކުރުން ގަނޑު ރަނގަޅުކަމުން.

    1
    1
    • ބުޗީ

      ބޯ ފެޅޭނެ ހުވާ..ހީހީ ހަލާކު

      1
      1
  2. ސ ނުން ސޮނި މުގާބޭ (އަންނި)

    ބާބުލް ބުއްބުގެ ބާބު
    މިބާބަކީ ބުކާއި ބުކުގެ ވަށާގެންވާހާތަންތަނާއި ބުކުގެ ޕޯސްޓްމޯތަމް ހަދާއިރު އެ ބުކާއި ވައިއެޅިފައި ވާހާބަޔަކު ބުކުގެ ހިދުމަތް ހޯދިގޮތާއި މިނޫންވެސް އެންމެހާ ކަންކަން ލިޔެވި ފައިވާ، ފުރާވަރުގެ ކުދިން މިބާބު ކިއުމުން ބޮޑުވެފާ ހުރިކަމުގެ އިހްސާސް ކުރެވޭ ބާބެވެ. އަލިފް ހާ

    1
    1
  3. ށަމްސު

    ވަރަށް ފުރިހަމަ ލިއުމެއް.

    4
    1
  4. ކެރީމާ

    އަޅުގަޑު ވަރަށް އިހްލާސްތެރިކަމައިއެކު މި އާޓިކަލް ކިޔާފިން އެކަމު މި ކޮމެންޓް ކޮށްފަ އަސްލުނަން ޖެހުމުން އަންހެނުން ރަތަށްއަރާފަ ބުނާނެ ފުކެއް ބޮޑުވަރުތީ ކާފަރު ވިޔަސް. ކީއްކުރަން ކީ އެ ލިޔުން އާނ .. އިގޭ އެ ފޮޓޯ ބަލާ ހިތުން...

    1
    1
  5. ޔަމްޔަމް

    ވަރަަށް ފުރިހަމަ

  6. މުއުމިން

    މާޝާﷲ މައުލޫމާތު ރަނގަޅު ލިޔުމެއް

  7. ލާހޫރޭ

    ލިޔުނު މީހާއަށް އަސަރެއް ކޮށްފަހުރިކަމަށް ލަފާކުރެވޭ

  8. ޢެެއްބައި މަދު

    ސްޓްރެޗް މަާކާއި ހަންގަނޑު އެލުވުންް ފަދަ ކަންކަންވެސް އިތުރު ކޮށްލިނަމަ މީހުން ހޭލުންތެރިވާނެ، އަންހެނުންނަށް ފުރައްސާރަކުރާ މީހުންނަށް ނޭނގޭކަންކަން މިހުންނަނީ

  9. މޯޑް

    ރަހަލާފަދަ