ފެނަކީ އިންސާނުންގެ ދިރިހުރުމަށް މުހިންމު ދައުރެއް އަދާކޮށްދޭ އެއްޗެކެވެ. އެހެނީ އިންސާނާގެ ހަށިގަނޑުގެ ފަސްދޮޅަސް އިންސައްތައަކީ ފެނަށް ވުމުންނެވެ.

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކޮންމެ ދުވަހަކުވެސް ފެނުގެ ކޮންމެވެސް މިންވަރެއް އިންސާނުންނަށް ބޭނުންވެއެވެ. އަދި ފެނުގެ ފައިދާ އޭގެ އެންމެ އެދެވޭ ގޮތުގައި ބޭނުންނަމަ ދުވާލެއްގެ މަށްޗަށް ފެން ބޯން އޮންނަ މިންގަނޑަށް ފެން ބުއިމަކީ މުހިންމު ކަމެކެވެ.

ފެނަކީ އެއިން ހަށިގަނޑަށް އެތަކެއް ފައިދާއެއް ކުރާ ބުއިމެކެވެ. ސައިންސްވެރިންގެ ނަޒަރުގައި އިންސާނާގެ ހިތާއި ސިކުނޑީގެ 73 އިންސައްތަ އަދި ފުއްޕާމޭގެ 83 އިންސައްތަ އަދި ހަންގަނޑުގެ 64 އިންސައްތަ އާއި މަސްތަކާއި ގުރުދާގެ 79 އިންސައްތައިގެ އިތުރުން ކަށިތަކުގެ 31 އިންސައްތައަކީ ފެނެވެ.

އަދި ކަނޑައެޅިފައިވާ މިންވަރަށް ފެންބުއިމުގެ ސަބަބުން ހަނދާން ގަދަކޮށްދެއެވެ. އަދި އުމުރުން ދުވަސްވާ ވަރަކަށް ހަނދާން ކޮށިވުމަށް ނިމުމެއް ގެނެސްދެއެވެ. އަދި ހަށިގަނޑުގައި އޮކްސިޖެން ދައުރުކޮށްދިނުމުގައި އެހީތެރިވެދޭ "ރެޑްބްލަޑް" ސެލްސް އޭގެ އެންމެ ފުރިހަމަ ގޮތުގައި ދައުރު ކުރުމަށްވެސް ފެނަކީ މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. އަދި ހަންގަނޑަށް ޖެހޭ ތަފާތު ބަލިތަކުން ރައްކާތެރިކޮށްދިނުމާއި ފުރަމޭގެ މައްސަލަތަކާއި ކިޑްނީގައި ހިލައުފެދުން ފަދަ ކަންކަން ފެން ބުއިމުގެ ސަބަބުން ދުރުކޮށްދެއެވެ.

މީގެ އިތުރުން ހަށިގަނޑުން ވިހަ މާއްދާތަށް ބޭރުކުރުމުގައިވެސް ފެނުގެ ދައުރު ބޮޑެވެ. އެހެނީ ނަޖިހާއިއެކުވެގެން ހަށިގަނޑުން ބޭރުވާންޖެހޭ ވިހަމާއްދާތައް ބޭރުވުމަށްޓަކައި ހަށިގަނޑުގައި އެކަށީގެންވާ މިންވަރަކަށް ފެންހުންނަންޖެހޭތީއެވެ. މިގޮތަށް ބޭރުވާންޖެހޭ ވިހަމާއްދާތައް ބޭރުނުވެ ހަށިގަނޑުގައި ހަރުލާހުންނަނަމަ، މިކަމުގެ އަސަރު މަޑުމަޑުން ހަށިގަނޑަށް ކުރަންފަށައެވެ

އަދި ފެންބުއިމުގެ ސަބަބުން ހިތަށް ކުރާ ބާރު ކުޑަކުރުވައެވެ. އެހެނީ ޑީހައިޑްރޭޝަން ނުވަތަ ހަށިގަނޑުން ފެންމަދުވާނަމަ ހިތަށްކުރާ ޕްރެޝަރު ބޮޑުވެއެވެ. ސަބަބަކީ ހަށިގަނޑުގެ މަސްތަކަށް ބޭނުންވާ އޮކްސިޖަން ފޯރުކޮށްދޭ “ރެޑްބްލަޑްސެލް”ގެ މަސައްކަތް ލަސްވަމުންދިއުމާއި ގުޅިގެން ހަށިގަނޑަށް ބޭނުންވާ އޮކްސިޖަން ފޯރުކޮށްދޭން ހިތް އިތުރަށް މަސައްކަތް ކުރަންޖެހޭތީއެވެ.