"މަންދީރަ ބޮޑުބެރު"އޭ ބުނެފިނަމަ ނޭނގޭނެ ދިވެއްސެއް ވަރަށް މަދުވާނެއެވެ. އެއީ "މަންދީރަ ބޮޑުބެރު" ޓީމްގައި މަޝްހޫރް ހުނަރުވެރިންވެސް ތިބުމާއިއެކުމެ، ގިނަ ފަރާތްތަކެއްގެ ތާއީދުވެސް މަންދީރައަށް ލިބިފައިވާތީވެސް މެއެވެ.

"މަންދީރަ" އެންމެ ފުރަތަމަ އުފެދިގެން ދިޔައީ 2007 ވަނަ އަހަރު "ކޭ.އާރް ދަ ފެމިލީ" ގެ ނަމުގައެވެ. ނަމަވެސް އޭގެފަހުން ޓީމްގެ ނަން "މަންދީރަ"އަށް ބަދަލުވެ ބޮޑުބެރުގެ ދާއިރާގެ އުސް އައްޔަކަށް ވާސިލްވުމުގެ ކަމަރު ބަނދެ، މަސައްކަތް ފެށިއެވެ. އެގޮތުގެ މަތިން މަސައްކަތް ކޮށް، މިހާރު "މަންދީރަ" އިން މިވަނީ ކާމިޔާބު ކަމާއެކު އަށްއަހަރު ނިންމާލާފައެވެ.

"މަންދީރަ" އަށް އަށްއަހަރު ފުރުމުގެ އުފާވެރި މުނާސަބަތު ފާހަގަ ކުރުމަށް ރޭގައި ހާއްސަ ހަފްލާއެއް ބާއްވާފައިވާއިރު، މި ހަފްލާގެ ތެރެއިން ގިނަ ފަރާތްތަކަށްވަނީ ހަނދާނީ ފިލާ ހަވާލު ކުރެވިގެން ގޮސްފައެވެ.

"މަންދީރަ" އަށް އަށްއަހަރު ފުރުމުގެ އުފާވެރި މުނާސަބަތު ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތު - ފޮޓޯ: މަންދީރަ

މި ހަފްލާގެ ތެރެއިން 2017 ވަނަ އަހަރުގެ "މަންދީރަ"ގެ ބެސްޓް ޕާފޯމާ އެވޯޑާއި މިފަހަރު މުޅިން އަލަށް "މަންދީރަ"އިން ތައާރަފުކުރި "ކާށިދޫ އަބްދުއްރަހުމާން މެމޯރިއަލް އެވޯޑް" ވެސް ވަނީ ހަވާލު ކޮށްފައެވެ.

"ބެސްޓް ޕާފޯމާ އެވޯޑް 2017" ލިބިފައިވަނީ "މަންދީރަ" ޓީމުގެ ހުނަރުވެރިޔާ އަހުމަދު ސާއިހްއަށެވެ. އަދި އަލަށް ތައާރަފު ކުރެވުނު "ކާށިދޫ އަބްދުއްރަހުމާން މެމޯރިއަލް އެވޯޑް" ލިބިފައިވަނީ އަބްދުލް ރައްޒާގަށެވެ.

ކާށިދޫ އަބްދުލްރަހްމާން މެމޯރިއަލް އެވޯޑް ލިބިފައިވަނީ އަބދުލް ރައްޒާގަށް - ފޮޓޯ: މަންދީރާ

"މަންދީރަ"ގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ސަންގު ޓީވީ ހަރަކާތްތެރިވި ނަމަވެސް ރޭގެ ހަފްލާގައި "މަންދީރަ" އިން ވަނީ އެމީހުންގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް "ވަގުތު ނޫސް" ހަމަޖައްސާ އެގްރީމެންޓައިގައި ސޮއިވެސް ކޮށްފައެވެ.

"ވަގުތު" އާ ވާހަކަ ދައްކަމުން މަންދީރަ ބޮޑުބެރު ޓީމްގެ އެސިސްޓެންޓް މެނޭޖަރ އަހުމަދު ވަލީދު (ފިއްޓެ) ބުނީ ފުަރަތަމަ "މަންދީރަ" ފެށިގެން ދިޔައީ ފަނަރަ މެންބަރުންނާއިއެކުގައި ކަމަށާއި ނަމަވެސް މިހާރު މަންދީރައިގައި ޖުމްލަ 45 ފަންނާނުން ތިބޭނެ ކަމަށެވެ. އަދި އޭގެ ތެރޭގައި ބޮޑުބެރުގެ ޓީމްގެ އިތުރުން "މަންދީރަ"ގެ ބޭންޑް ޓީމްވެސް ހިމެނޭ ކަމަށާއި މިދިޔަ އަހަރު ޓީމްގެ ކުރިއެރުމަށްޓަކައި ބޭންޑާއި "މަންދީރަ" އަންހެން ޑާންސް ޓީމް "ބާނި" ވެސް އުފެދުނު ކަމަށް އެނާ ވަނީ ބުނެފައެވެ.

"މަންދީރަ" އަށް ލިބޭ ފުރުސަތު ތަކުގައި އަބަދުވެސް އެކި ފަހަރު އެކި ކުދިންނަށް ފުރުސަތު ދޭ އިރު، ހުނަރުވެރިން ތަކެއް އުފެއްދުމަށް "މަންދީރަ" ވަރަށް ބޮޑު އިސްކަމެއްދީގެން މަސައްކަތް ކުރާކަން ފާހަގަވެއެވެ. އެގޮތުން އެންމެ ފުރަތަމަ މަންދީރައިގައި ނަގާކިޔުމަށް ހާއްސަ އެންމެ ދެމީހުން ތިބި ނަމަވެސް މިހާރު މައިގަނޑު ގޮތެއްގައި ލަވަ ނުކިޔާ އެއްވެސް ފަންނާނަކު މަންދީރައަކު ނޫޅެއެވެ.

ބެސްޓް ޕާފޯމަރ2017 އެވޯޑް ހާސިލްކުރީ އަހުމަދު ސާއިހް - ފޮޓޯ: މަންދީރާ

ޕްރެކްޓިސް ތެރޭން ހުނަރު ދައްކާލާ ހިސާބުން މަންދީރައިން އަބަދުވެސް ޓީމްގެ މެންބަރުންނަށް މި ދާއިރާއިން ކުރިއެރުން ހޯދަ ދެވެން އޮތް ގޮތަކުން އެކަން ކޮށްދެވޭތޯ ބަލައެވެ. އެގޮތުން ރާޢްޖޭގެ އެންމެން ދަންނަ "ލެޖެންޑް" ރައްޒާގު ދޮންބެއަކީ "މަންދީރަ" ފައުންޑާއަށްވުމާއެކު، އޭނާގެ ކިބައިން ބޮޑުބެރުގެ އޭރިއާ ފިލާވަޅުތައް ލިބިގަނެ، އިތުރަށް ކުރިއަށް ދިޔުމަށްވެސް ފަސޭހަ މަގު ވަނީ ފަހިވެފައެވެ. އަދި ކުދިންނަށް ވޯކަލް ސެޝަންތައް ވެސް ކުރިއަށްގެންގޮސް އިތުރަށް ހުނަރުވެރި ބަޔަކަށް "މަންދީރަ" ޓީމް ހެދުމަށް ގިނަ ގުނަ މަސައްކަތް "މަންދީރަ" އިން ކުރަމުން ގެންދާކަން ފާހަގަވެއެވެ.

"މަންދީރަ" އަށް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީއަކީ "ބޮޑުބެރު ޖެލެންޖް 1، 2، 3" ކާމިޔާބު ކުރުން ކަމަށް ފިއްޓެ ބުންޏެވެ.

"މަންދީރަ ނޫނީ ބޮޑުބެރު ޖެލެންޖް 1،2 މިހާތަނަށް ލިބުނު އެއްވެސް ބޮޑުބެރު ޓީމެއް ނީންނާނެ." ފަޚްރުވެރިކަމާއެކު "މަންދީރަ" އަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ ކިޔައިދެމުން ފިއްޓެ ބުންޏެވެ.

މަންދީރަ ބޮޑުބެރު ގްރޫޕް - ފޮޓޯ: މަންދީރާ

ފާއިތުވެދިޔަ އަށް އަހަރު ތެރޭ "މަންދީރަ" އަށް އެކިފަރާތްތަކުގެ ދީލަތި އެހީތެރިކަން ވެސް ވަނީ ލިބިގެން ގޮސްފައެވެ. އެގޮތުން ސްޓިޗް ޕާޓްނާއެއްގެ ގޮތުގައި "ޑަބަލް ސްޓިޗް، ކެފޭ އެންޑް ރެސްޓޯރެންޓް ޕާޓްނާއެއްގެ ގޮތުގައި "ކްލަބް 360"، ކޮސްޓިއުމް ޕާޓްނާއެއްގެ ގޮތުގައި "އެކްސްޓްރާ އިންވެސްޓްމެންޓް" ގެ އެހީތެރިކަން މަންދީރައަށް ވަނީ ލިބިގެންގޮސްފައެވެ.

ކުރިއަށް އޮތް އަހަރުތަކުގައިވެސް މިހާރެކޭ އެއްގޮތަށް "މަންދީރަ" އިން ކާމިޔާބު ކަމާއެކީ ކުރިއަށް ދިޔުމަށް "ވަގުތު" ޓީމުން އެދެމެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބޮޑުބެރު ތާރީޙް ވަގުތުން އޮޅުވާލައިފި!

    މަންދީރާ ބޮޑުބެރު ޗެލެންޖް 1 އަދި 2 ގެންދިޔަ ގޮތެއް ވިދާޅުވެވިދާނެތޯ؟ ހަރުބީ ގެންދިޔައީ ފެންކޭސްތޯ؟

    • Anonymous

      އެކަކަަަަ ދެއެއްގެ ވަަހަކައެއްނުުން
      އެއްވަނަ އަދި ދެވަނައައް ހޮވުނު ވަަަހަކަ އެއިިިި ބެެެެެބެެެ

  2. ސާރ

    ބައެއް މީހުނަށް ނޭނގި ތިއްބާ މެމޯރިއަލް ވޮރެންޓުވެސް ލިބިއްޖެ