ބޮލީވުޑްގެ ތަރި ސަންޖޭ ދަތުއަށް މަރުވެފައިވާ އޭނާގެ ސަޕޯޓަރެއްގެ ހުރިހާ މުަދަލަކާއި ފައިސާއެއް ލިބުމުން އެ ތަކެތި ބޭނުންނުވާކަމަށް ބުނެފިއެވެ.

ސަންޖޭ ބުނީ އޭ ސަޕޯޓަރަކީ ކާކުކަން ނޭނގޭ ކަމަށާއި، އަދި އެއްވެސް އިރެއްގައި ބައްދަލުވި މީހެއްވެސް ނޫންކަމަށް ވާއިރު، އެތަކެތި ބޭނުން ނުވާކަމަށެވެ. އެ ސަޕޯޓަރަކީ ނިޝީ ހަރިޗަންދްރާ ޓްރިއްޕަތްއެވެ. އޭނާ މަރުވެފައި ވަނީ އުމުރުން 62 އަހަރުގައެވެ.

މިދިޔަ ޖެނުއަރީ މަހު ޓްރިއްޕަތް މަރުވިއިރު، އޭނާއަކީ ސަންޖޭގެ ވަރަށް ބޮޑަށް ސަޕޯޓް ކުރާ މީހެއްްކަމަށް ވެއެވެ. އަދި އޭނާގެ ފިލްމްތައް ބަލާ މީހެއްކަމަށް ވެސް ވެއެވެ.

މިދިޔަ މަސް ތެރޭގައި ސަންޖޭއަށް އެންގީ އޭނާގެ ސަޕޯޓަރަކު ފައިސާތަކަކާއި ބައެއް ކަހަލަ އަގުބޮޑެތި މުދާތަކެއް ދޭން ބޭނުންވެ އެތަކެތި ބޭންކަށް ލިބިފައިވާކަމަށެވެ. ސަންޖޭ ބުނީ، އެ ފޭންގެ އެ ނިންމުމަށް އުފާކުރާ ކަމަށާއި، ނަމަވެސް އޭނާއަކީ އެ ފައިސާގެ ހައްގުވެރި ފަރާތެއް ކަމަށް ގަބޫލުނުކުރާ ކަމަށެވެ.

ސަންޖޭގެ ވަކީލު ބައެއް ނޫސްތަކަށް ބުނީ، ޓްރިއްޕަތް ސަންޖޭއަށް ފައިސާދޭން ނިންމާއި އެތަކެތި ބެންކާއި ހަވާލުކޮށްފައިވުމުން ހައިރާންވާކަމަށެވެ. އަދި އޭނާގެ ދޭން އުޅުނު ފައިސާގެ އަދަދުވެސް ނޭނގޭކަމަށް ވަކީލު ބުންޏެވެ.

ސަންޖޭ އެ ފައިސާ ބޭނުންނުވާތީ މިހާރު ބޭންކުން މަސައްކަތް ކުރަނީ އެ ފައިސާތައް އެނބުރި ޓްރިއްޕަތުގެ އާއިލާއަށް ފޮނުވުމަށް ގާނޫނީ ގޮތުން ކުރަން ޖެހޭ ކަންތައްތައް ކުރުމަށެވެ.

ބައެއް ނޫސްތައް ބުނާގޮތުގައި، ޓްރިއްޕަތް މަރުވީ ބަލިވެ ގިނަ ދުވަސް އުޅުމަށްފަހުއެވެ. ޓްރިއްޕަތްގެ އާއިލާގައި މަންމައަކާއި ދައްތަޔަކު އެބަހުރިކަމަށް ވެސް ވެއެވެ.

ސަންޖޭއަކީ މުއްސަނދި އެކްޓަރެކެވެ. އޭނާ މިހާތަނަށް 100 އެއްހާ ފިލްމް ކުޅެފިއެވެ.