އެންމެންވެސް އަގުހެޔޮކޮށް އެއްޗެއް ލިބޭނަމަ ވަރަށް އަވަހަށް އެ ތަކެތި ގަންނަން ބޭނުންވާނެއެވެ. އަދި ވަކިން ހާއްސަކޮށް އެއީ ވަަރަށް އަގުބޮޑުކޮށް ލިބޭ އެއްޗެއް ހާއްސަ ހާލަތެއްގައި އަގު ހެޔޮކޮށް ވިއްކަނީ ކަމަށްވާނަމަ މިފަދަ އެއްޗެއް ގަންނަން ބޭނުންވާ މީހުން އިތުރުވެއެވެ. އައިފޯނަކީ ވެސް އެތައް ބަޔަކު ބޭނުންވާ އެއްޗެކެވެ. އެފަދަ އެއްޗެއް އަގުހެޔޮކޮށް ލިބޭނަމަ ގަންނާނެ ކިތަންމެ ބަޔަކު އެބަތިއްބެވެ.

މިއީވެސް އެފަދަ ހެއްކެކެވެ. މެލޭޝިޔާގެ އެޕަލް ރީސެލާއަކުން މާ އަގުހެޔޮކޮށް އައިފޯން ވިއްކަން ފެށިއެވެ. އެ މީހުން އުޅުނީ ވެއާހައުސް ސޭލްއެއް ބޭއްވުމަށެވެ.

އެގޮތުން އެންމެ 50 ޑޮލަރަށް އެތަނުން އައިފޯން ވިއްކަން ފެށިއެވެ. އެހެން ނަމަވެސް ކުއްލިއަކަށް އެ އަގުގައި އެ މޯލް އިން ފޯން ވިއްކުން ހުއްޓާލަން މަޖުބޫރުވެއްޖެއެވެ. އެއީ ފިހާރަ ކުރިމަތީގައި 11000 އެއްހާ މީހުން އައިފޯން ގަތުމަށް ކިއު ޖެހުނީމައެވެ.

އެ މޯލް އިން އެންމެ އަގު ހެޔޮކޮށް ވިއްކަމުން ދިޔައީ އައިފޯން 5އެސްއެވެ. އޭގެ 10 ފޯނެއް އެ މީހުުންގެ ސްޓޮކްގައި އެއިރު ހުއްޓެވެ މީގެ އިތުރުން އެހެން ފޯންތަކާއި، މެކްބުކް އާއި އެޕަލްގެ އެ ނޫން ޕްރޮޑަކްޓްތައް ވެސް ޑިސްކައުންޓް އަގެއްގައި އެ ފިހާރައިން ވިއްކަމުން ދިޔައެވެ.

އެ ސޭލް ފެށުމުގެ ކުރިން އެ މީހުން އިޝްތިހާރު ވެސް ކުރިއެވެ. ސޭލް ފެށުމުގެ 19 ގަޑިއިރު ކުރިން މީހުން ކިއުއަށްއަރަން ފެށިކަމަށް ވެއެވެ.

އެ މޯލްއިން އެ ފޯންތައް ވިއްކުން ހުއްޓާލަން ޖެހުނީ ރައްކާތެރިކަމަށް އެޅޭ ފިޔަޅެއްގެ ގޮތުންކަމަށް ވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު