ސައުދީ އަރަބިއްޔާގެ ހުޅަނގު ދެކުނުގައި ހިނގި އެކްސިޑެންޓެއްގެ ވީޑިއޯ މިހާރު ވަނީ އާއްމުވެފައެވެ. އެ ވީޑިއޯއިން ފެނިގެން ދަނީ ކާރެއް ދުއްވަން އިން ޑްރައިވަރަށް އެ ކާރު ކޮންޓްރޯލް ނުވެ ކާބޯތަކެތި ވިއްކާ ފިހާރައެއްގެ ތެރެއަށް ކާރު ބާރު ސްޕީޑްގައި ވަދެގެން ދާ މަންޒަރެވެ.

ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި ޖިޒާން ޕްރޮވިންސްގެ ސަމްތާހް ސިޓީގައި ހުންނަ އެ ފިހާރައިގެ ބިއްލޫރިގަނޑުގައި ކުއްލިއަކަށް ކާރު ޖެއްސުމުގެ ކުރިން އެތަނުގެ ބޭރުން ކާރު އެ ފިހާރަ ކައިރިއަށް ދަތުރު ކުރާ ތަނެވެ. ނަމަވެސް ދެން ފެނިގެން ދަނީ އެ ކާރު ކޮންޓްރޯލް ނުވެ ގޮސް އެތެރޭގައި މަސައްކަތް ކުރާ މީހެއްގެ ގައިގައި ޖެހި ގޮސް އެ ސަރަހައްދުގައި ހުރި ރެކްތަކުގައި ކާރު ޖެހޭ ތަނެވެ.

މި ހާދިސާގައި އެ މީހާއަަށް އަނިޔާވެފައެއް ނުވެއެވެ.

ސައުދީ ނިއުސް ޕޯޓަލް އަލް މާސްޑް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ކާރު ދުއްވަން އިނީ އަންހެނެކެވެ. މި އެކްސިޑެންޓް ހިނގި ސީދާ ތާރީހެއް ސާފެއް ނުވެ އެވެ. އަދި ކަމާ ބެހޭ ފަރާތްތަކުގެ ބަހެއް ވެސް ނުލިބެ އެވެ.

މިދިޔަ ފެބްރުއަރީ މަހު މީސް މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ވެރިރަށް ރިޔާޒުގެ ދެކުނުގައި އޮންނަ ސައުދީ ގެ އަލް ޚަރްޖް ސިޓީގައި ވެސް މިފަދަ އެކްސިޑެންޓެއް ހިނގާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު