ބޮލީވުޑްގެ ކާމިޔާބު ފިލްމު "ވީރް ޑީ ވެޑިން" ގެ އެކްޓަރު ސުމީތު ވީޔަސް އާއި ޓެލެވިޒަން އެކްޓްރެސް އެކްތާ ކައުލް ކައިވެނިކޮށްފިއެވެ.

ހަމައެކަނި އާއިލާއާއި ރައްޓެހިންނަށް ދައުވަތު ދެވިގެން، މި ދެތަރިންގެ ކައިވެނީގެ ހަފްލާ ކުރިއަށް ގެންގޮސްފައިވަނީ ކަޝްމީރްގައެވެ.

ކައިވެނީގެ ކުރިން އިންޑިއާގެ ސަގާފަތާއި އެއްގޮތަށް ބާއްވަން ޖެހޭ މެހެންދި ފަދަ ހަރަކާތްތަށް ވަނީ މި މަހުގެ 13 ވަނަ ދުވަހު ކުރިއަށް ގެންގޮސްފައެވެ.

މީގެ ކުރިން އެކްތާއާއި ސުމީތު ޑޭޓް ކުރަމުން ދިޔައީ އާންމުންނާއި ސިއްރުންނެވެ. ނަމަވެސް މިދިޔަ މަހުގެ ތެރޭގައި މި ދެމަފިރިން އެންގޭޖްވުމާއެކު، ސުމީތު ވަނީ ހުރިހާ ކަމެއް އާންމުކޮށް އޭނާ އެކްތާ ދެކެ ލޯބިވަނީ ކީއްވެ ކަމާއި ކިހާ ވަރަކަށް ލޯބިވާކަން ބުނެދީ ޕޯސްޓެއް ކޮށްފައެވެ.

ދާދިފަހުން އެކްތާ މީޑިއާ ތަކަށް ދިން އިންޓަވިއުއެއްގައިވެސް އޭނާ ވަނީ ސުމީތު އަށް ތައުރީފްކޮށް އަދި އޭނާއާ ކައިވެނި ކުރެވޭތީ އުފާވާ ކަމަށް ބުނެފައެވެ.

'ތިމާ ދެކެ ލޯބިވާ މީހަކާ ކައިވެނި ކުރެވުމަކީ އުފާލިބޭނެ ކަމެއް، އެކަމަކު ކްރަޝް އަކާ ކައިވެނި ކުރެވުމަކީ ކާމިޔާބީއެއް. އަހަރެންނަށް ސުމީތުއާ ކައިވެނި ކުރެވޭތީ އުފާވޭ." އެކްތާ ބުނެފައިވެއެވެ.

އެކްތާ އިތުރަށް ބުނެފައިވަނީ ސުމީތު އެނާގެ މައިންބަފައިންގެ ރުހުން ހޯދަށް އެގެޔަށްވެސް އައިކަމަށާއި ޕްރޮޕޯސް ކުރީވެސް އޭގެފަހުން ކަމަށެވެ.

ސުމީތު ވަނީ މީގެ ކުރިންވެސް އެކްޓްރެސް ޝިވާނީ ޓަންކްސޭލް އާއި އެހެން ކައިވެންޏެއް ކޮށްފައެވެ. ނަމަވެސް މި ދިޔަ އަހަރުތެރޭ އެ ކައިވެނި ވަނީ ރޫޅިފައެވެ.

ކިޔުންތެރިންގެ ހިޔާލު