ބޮލީވުޑްގެ މަސްހޫރު ތަރި އިރްފާން ޚާނަށް ޖެހިފައިވާ ބަލީގެ އަސްލު ހާމަވެއްޖެއެވެ.

އިރްފާން ޚާން ވަނީ މީގެ ދެ ދުވަސްކުރިން ކުރި ޓްވީޓެއްގައި އޭނާއަށް މަދުން ނޫނީ ނުޖެހޭ ބައްޔެއް ޖެހިފައިވާ ކަމަށާއި އެބައްޔަށް ޝިފާ ހޯދުމަށްޓަކައި އޭނާ އާއި އާއިލާ މަސައްކަތް ކުރަމުން ގެންދާކަމަށާއި އޭނާގެ ސަޕޯޓަރުންނާއި މީޑިޔާއިން އެ ބައްޔާގުޅިގެން ތަފާތު ވާހަކަ ނުދެއްކުމަށް އެދިފައެވެ.

ރިޕޯޓްތައް ބުނާގޮތުން އިރްފާން ޚާން އަށް ޖެހިފައިވަނީ ބްރެއިން ކެންސާއެވެ. އަދި އެބައްޔަށް ފަރުވާ ހޯދުމަށްޓަކައި އިންޑިޔާގެ ޕްރައިވެޓް ހޮސްޕިޓަލެއް ކަމަށްވާ ކޮކިލަބެން ހޮސްޕިޓަލްގައި އޭނާ ވަނީ އެނދުމަތިކުރެވިފައި ކަމަށް އެ ހޮސްޕިޓަލުގެ މުވައްޒަފަކާއި ހަވާލާދީ އިންޑިޔާގެ ބައެއް ނޫސްތަކުގައި ވަނީ ހަބަރު ފަތުރާފައެވެ.

ނަމަވެސް އިރްފާން ޚާންގެ ސްޕޯކްސް ޕާސަން ވަނީ އެވާހަކަ ދޮގު ކޮއްފައެވެ. "އެއީ ދޮގެއް. އިރްފާން ޚާން އެ ހޮސްޕިޓަލް ގައި އެދުމަތިކޮއްފައެއް ނުވޭ" އިރްފާން ޚާންގެ ސްޕޯކްސް ޕާސަން މީޑިޔާތަކަށް ހިއްސާކޮއްފައިވާ މައުލޫމާތެއްގައި ބުނެފައިވެއެވެ. އިރްފާން ޚާން އަށް ކެންސަރު ޖެހިފައިވޭތޯ ނޫސްވެރިޔަކު ސުވާލުކުުރުމުން ސްޕޯކްސްޕާސަން ވަނީ "ވީހާވެސް އަވަހަކަށް އަހަރެމެން ތިކަމާ ވާހަކަ ދައްކާނަން. މިވަގުތަށް ބުނާނެ އެއްޗެއް ނެތް" ކަމަށެވެ. އިރްފާން ޚާންގެ ގާތް މީހަކުވެސް ވަނީ އެނާއަށް ޖެހިފައިވަނީ ބްރެއިން ކެންސާކަމަށް ބުނެފައެވެ.

އިރްފާން ޚާންގެ ދިގު ފިލްމީ ކެރިޔާގައި އޭނާ ވަނީ ބޮލީވުޑްގެ އިތުރުން ހޮލީވުޑްގައިވެސް ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން އޭނާ ކުޅެފައިވާ ބޮލީވުޑްގެ ކާމިޔާބް ފިލްމް ތަކުގެ ތެރޭގައި "ސަލާމް ބޮމްބޭ"، "ހާސިލް"، "މަޤްބޫލް"، "ދަ ލަންޗް ބޮކްސް"، "ޕިކޫ" އަދި :ހިންދީ މީޑިޔަމް" ހިމެނެއެވެ.

ހޮލީވުޑްގައި އިރްފާން ޚާން ވަނީ "ސްލަމް ޑޯގް މިލިނިއަރ"، "ދަ ނޭމް ޝޭކް"، "ދަ އެމޭޒިން ސްޕައިޑާ މޭން"، "ލައިފް އޮފް ޕައި" ފަދަ ކާމިޔާބު އެތަށް ފިލްމެއް ކުޅެފައެވެ. ބޮލީވުޑްގެ ތަރިންތަކުގެ ތެރެއިން ހޮލީވުޑްގައި އެއްމެ ކާމިޔާބު ފަންނާނަކީވެސް އިރްފާން ޚާންއެވެ.

އިރްފާން ޚާންގެ ބަލީގެ ސަބަބުން ދީޕިކާ ޕާޑޫކޯން އާއި އެކުގައި ކުޅެން ހަމަޖެހިފައިވާ ފިލްމް ވަނީ ލަސްކޮށްފައިކަމަށް ފިލްމްގެ ޑައިރެކްޓަރ ވިޝާލް ބަރްވާޖް ވަނީ ބުނެފައެވެ. އިރްފާން ޚާން އެންމެ ފަހުން ކުޅެދީފައިވާ ފިލްމަކީ ތަނޫޖާ ޗަންދުރާގެ "ގަރީބް ގަރީބް ސިންގަލް" އެވެ.