ބޮލީވުޑް އެކްޓްރެސް ދިޝާ ޕަތާނީ އާއި އެކްޓަރު ޓައިގާ ޝްރޮފް އާއި ދެމެދު ލޯބީގެ ގުޅުމެއް އޮންނަ ކަމަށް އަޑުއަރާފައިވާތާ ދުވަސްތަކެއް ވެއްޖެއެވެ. ދެމީހުން އެކުގައި "ޑިނާ" ތަކުންނާއި ސިނަމާ ތަކުންނާއި އަދި އެ ނޫންވެސް އާންމު ތަންތަނުން ފެނިފައިވާއިރު، މި ދެމީހުން އުޅެމުންދަނީ ސިއްރުން އެހެނަސް ލޯބީގެ ގޮތުން ގުޅިގެން ކަމަށް ގިނަ ބަޔަކު ދެކެއެވެ.

މިފަދަ ހީކުރުންތައް ހީކުރަމުންދާ ފަރާތްތަކަށް ދާދިފަހުން ޓައިގާ ވަނީ ސާފު ޖާވާބެއް ދީފައެވެ. އެފަދަ ފަރާތްތަކާއި އެއްބަސްވުމުގެ ބަދަލުގައި ޓައިގާ ބުނީ އެދެމީހުންނަކީ ގާތް ރައްޓެހިން ކަމަށެވެ.

"އަހަރެމެންނަށް ރައްޓެހިންނަށް ވެވިދާނެ އެއްނު. އެކަމަކު އަހަރެމެންނަކީ އާދައިގެ ރައްޓެހިންނެއް ނޫން. ވަރަށް ގާތް ރައްޓެހިން،" ޓައިގާ ބުނެފައިވެއެވެ.

ނަމަވެސް މިކަމާއިގުޅިގެން، އެއްވެސް އަންހެނަކާއި ފިރިހެނަކަށް "ޖަސްޓް ފްރެންޑްސް"ގެ ގޮތުގައި ނޫޅެވޭނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ މީސްމީޑިއާގައި ކޮމެންޓް ކުރަމުންނެވެ. އަބަދުވެސް ރައްޓެހިންނަށް ތައުރީފު ކޮށްއުޅޭ ޓައިގާ ވަނީ އޭނާގެ "ގާތް" ރަހުމަތްތެރި ދިޝާއަށް ވެސް ތައުރީފް ކޮށްފައެވެ.

"ދިޝާ އަކީ ވަރަށް ރީތި އަދި އެހާމެ ހިތްވަރުގަދަ ހާޑްވޯކިން މީހެއް. ރީތި މީހެކޭ ކިޔާފައި ފޮނި ގޮތެއްވެސް ނުހުރޭ. މިހާރު ކާމިޔާބު ފަންނާނުންގެ ތެރޭގައިވެސް ދިޝާ ހިމެނޭނެ. އެކަމަކު ކާމިޔާބީއަށްފަހު އޭނާއަކަށް ބަދަލެއް ނާދެ. ހަމަ ވަރަށް ސިންޕަލް ނައިސް،" ދިޝާ އަށް ތައުރީފް ކުރަމުން ޓައިގާ ބުންޏެވެ.

މީގެ ދުވަސްގަނޑެއް ކުރިން ދިމާވި ދިޝާ އާއި ޓައިގާ އިތުރަށް ގުޅުން ބަދަހިވީ، ފިލްމު "ބާގި 2" ގެ ޝޫޓިންގެ ތެރެއިން ކަމަށް އެދެމީހުން ބުނެއެވެ.