ކުވައިތުގެ ސޯޝަލް މީޑިއާގައި ނުފޫޒުގަދަ މޮޑެލް އަރަބި ދުނިޔޭގައި މަޝްހޫރު "އަރަބިކް ކިމް ކާޑޭޝިއަން" އަސްލު ނަމުންނަމަ ފޮއުޒް އަލް ފަހްދު އިސްރާއީލްގެ ކުންފުންޏެއްގެ އުފެއްދުމެއް އިސްތިހާރު ކުރާތީ އޭނާ އަށް ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒު ވެއްޖެއެވެ.

ފޮއުޒް ގެންދަނީ އިސްރާއީލްގެ ގަހަނާ ކުންފުންޏެއްގެ އުފެއްދުންތައް އިސްތިހާރު ކުރުމަށް ސޯޝަލް މީޑިއާގައި ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އަދި ބްރޭންޑް އެމްބެސަޑަރެއްގެ ގޮތުގައި އޭނާ ގެންދަނީ ގިނަ ހަރަކާތްތަކެއްގައި ބައިވެރިވަމުންނެވެ.

ނަމަވެސް ފަލަސްތީން ރައްޔިތުންގެ ހުރިހާ ޙައްޤަކަށް އަރަައިގަންނަމުން ގެންދާ އިސްރާއީލް ކުންފުންޏެއްގެ އުފެއްދުމެއް އިސްތިހާރު ކުރާތީ އަރަބި ދުނިޔޭގައި ހާއްސަކޮށް ކުވައިތުގައި އޭނާ އަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

ސޯޝަލް މީޑިއާގައި ފޮއުޒް ޓެގް ކުރުމަށް ފަހު މީހަކު ބުނެފައި ވަނީ "ކަލޭ ތިވިއްކަނީ ފަލަސްތީން ރައްޔިތުންގެ ލޭ. ތިއީ ކޮންފަދަ ކަމެއް؟"

ހުޅަނގުގެ ގައުމުތަކުން ގެންދަނީ ފަހަކަށް އައިސް މެދުއިރުމަތީގައި ވަރަށް ބޮޑަށް އެމީހުންގެ އުފެއްދުންތައް އިސްތިހާރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެއީ މެދުއިރުމަތީގައި މުއްސަނދިން ގިނަ ވުމުންނާއި އަރަބިން ވިޔަފާރި ކުރާ މިންވަރު ފަހަކަށް އައިސް އިތުރު ވަމުން އަންނާނީ ބޮޑު ނަފައެއް ހޯދުމުގެ ފުރުސަތު ފަހިވެފައި ވާތީއެވެ.

ފޮއުޒް އަށް ކުރިމަތިވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން އިސްރާއީލްގެ ކުންފުނީގެ ވިޔަފާރި ރަނގަޅު ވުމުގެ ބަދަލުގައި ވިޔަފާރި އިތުރަށް ދަށްވާނެ ކަމަށް މިހާރު ވަނީ ލަފާ ކުރެވިފައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު