މިއަހަރުގެ ނޮވެންބަރު މަހުގެ ހަތްވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ބޮލީވުޑްގެ ފިލްމު "ތަގްސް އޮފް ހިންދުސްތާން" ގެ ފުރަތަމަ ޓީޒާ އާންމުކޮށްފި އެވެ. އެ ފިލްމުގެ ފުރަތަމަ ޓީޒާ އާންމުކުރީ ފިލްމުގެ ލޯގޯ އާންމުކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައެވެ. މި ފިލްމުގެ ފުރަތަމަ ޓީޒާއާއެކު ފިލްމުގެ ޓްރެއިލާއަށް ސަޕޯޓަރުންގެ މެދުގައި އޮތް ޝައުގުވެރިކަން ވަނީ އިތުރުވެފައެވެ.

ކުޅަދާނަ އެކްޓަރ އާމިރް ޚާން އާއި ބޮލީވުޑްއަށް ބޮޑު އިންގިލާބެއް ގެނެސްދިން ބަތަލު އަމިތާބް ބައްޗަން، ފާތިމަތު ސަނާ ޝެއިހް އަދި ކެޓްރީނާ ކައިފް މުހިންމު ރޯލުތަކުން ފެނިގެންދާ ތަގްސް އޮފް ހިންދުންތާނަކީ އެތަށް ގޮތަކުން ހާއްސަވާ ފިލްމެކެވެ. އެހެނީ މި ފިލްމަކީ އާމިރް ހާން އާއި އަމީތާބް ބައްޗަން އެކުގައި އެއް ފިލްމަކުން ފެނިގެންދާނެ ފުރަތަމަ ފިލްމަށް ވުމުންނެވެ.

"ތަގްސް އޮފް ހިންދުސްތާން" އަކީ 1839 ވަނަ އަހަރު ނިކުތް ނޮވެލް މެއޮޑީވްސް ލިޔެފައިވާ "ނޮވެލް ކޮންފެޝަން އޮފް އަ ތަގް" މި ވާހަކައިގެ މައްޗަށް ބިނާކޮށް ގެނެސްދޭ ފިލްމެކެވެ. އެ ވާހަކަ ބިނާވެފައި އޮންނަނީ އިންޑިއާގައި އިނގެރޭސިން ވެރިކަންކުރިއިރު، އިނގެރޭސިންނަށް އެ ގައުމުގައި ހަމަޖެހިގެން އުޅުނަ ނުދިނުމަށްޓަކައި މަސައްކަތްކުރި "ތަގެއް" ނުވަތަ ގޭންގު ސްޓާރެއްގެ މައްޗަށެވެ.

މި ފިލްމު ނޮވެމްބަރ 7 ވަނަ ދުވަހު ރިލީޒް ކުރިއަސް އާންމު ސިނަމާތަކުގަިއ މި ފިލްމު އަޅުވާނީ ނޮވެމްބަރ މަހުގެ 8 ވަނަ ދުވަހުގައެވެ. "ތަގްސް އޮފް ހިންދުސްތާން" އަކީ ވިޖޭ ކްރިޝްނާ އަޗަރިޔާ ޑައިރެކްޓް ކޮށް ކުޅަދާނަ ޕްރޮޑިޔުސަރ އަދިއްތިޔާ ޗޯޕްރާ ޕްރޮޑިޔުސް ކުރާ ފިލްމެކެވެ.މި ފިލްމު އުފައްދާނީ ރަޝް ރާޖް ފިލްމުގެ ދަށުންނެވެ.

ކިޔުންތެރިންގެ ހިޔާލު