އެހެން އަހަރުތަކާ އެއްގޮތަށް މި އަހަރުވެސް އެތަކެއް ކުދިންނެއް މުޅިން އަލަށް ބޮލީވުޑުން ފެނިގެންގޮސްފިއެވެ. ފެބުރިއަރީ މަހު މަރުވި އެކްޓްރެސް ސްރީދޭވީގެ އަންހެން ދަރިފުޅު ޖަންވީ ކަޕޫރް އާއި އެކްޓަރު ސައިފް އަލީ ޚާންގެ ދަރިފުޅު ސާރާ އަލީ ޚާން އާއި އެކްޓަރު ޝާހިދު ކަޕޫރްގެ ކޮއްކޮ އިޝާން ކައްޓަރު ވަނީ މުޅިން އަލަށް ބޮލީވުޑަށް ތައާރަފުވެ، އެހެންނަމަވެސް ގިނަ ބައެއްގެ ލޯބި ހޯދާ ގިނަ ފިލްމު ޕްރޮޑިއުސަރުންގެ ސަމާލުކަން ހޯދާފައެވެ.

އަލަށް ތައާރަފުވި މި ތަރިންނަކީ ކޮންމެވެސް ގޮތަކަށް ބޮލީވުޑްގެ ފަންނާނަކާއި އާއިލީ ގުޅުން ތިބި ކުދިންނެވެ. އަދި ކުޑައިރުއްސުރެވެސް ފިލްމުތަކަށް ގޮސް އެ ދާއިރާގެ ކަންކަމުގައި ކުޑަކޮށް ނަމަވެސް ހަރަކާތްތެރިވި ކުދިންނެވެ.

މިފަދަ ތަރިިންނާއި ޚިލާފަށް އެކްޓްރެސް ކާޖޮލް އާއި އެކްޓަރު އަޖޭ ޑޭވްގަންގެ އަންހެން ދަރިފުޅު އުމުރުން 15 ވަނަ އަހަރުގެ ނީސާ ބޮޑުވަމުން އަންނަނީ މީޑިއާއަށް މާ އާންމުނުވެއެވެ. ނަމަވެސް އެހެން ތަރިން ފަދައިން ބޮޑުވުމުން ބޮލީވުޑުން ފެނިގެންދާނެ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

މިކަމާއި ގުޅިގެން ކާޖޮލް ބުނީ ވަކި ބޮލީވުޑަށް ވަނުމަށް ޕްރެޝާ ނުކުރާނެ ކަމަށާއި ނީސާ ބޭނުން ދާއިރާއަކުން ކުރިއަށް ދިޔުމަށް ހިތްވަރު ދޭނެ ކަމުގައެވެ.

"ނީސާ ލައިފްގަ ކުރަން ބޭނުން ކޮންމެ ކަމަކަށް އަހަރެން ސަޕޯޓް ދޭނަން. މަންމަ އާއި ބައްޕަ ފިލްމު ކުޅޭތީއޭ ކިޔާފައި ބޮލީވުޑަށް އައުމަށް ބާރެއްވެސް ނާޅާނަން. ހަމަ ނީސާ ބޭނުން ދާއިރާއަކުން ކުރިއަށް ދާން ވީ. އަހަރެންގެ ފުލް ސަޕޯޓް ލިބޭނެ" ކާޖޮލް ބުނެފައިވެއެވެ.

އޭގެ އިތުރުންވެސް ކާޖޮލް ބުނެފައިވަނީ އޭނާއަށް ފިލްމުތަކުގައި މަސައްކަތް ކުރެވެނީވެސް ދަރިންގެ އެއްބާރުލުމާވެސް އެއްކޮށް ކަމަށާއި އެންމެ އުފާވަނީ ނީސާގެ އެއްބާރުލުން ލިބޭތީ ކަމަށެވެ.

ކާޖޮލް ބެލުންތެރިންނާއި ހަމައަށް ދެން އެންމެ އަވަހަށް ފެނިގެންދާނީ އޮކްޓޫބަރު 12 ވަނަ ދުވަހު ރިލީޒް ކުރާ ފިލްމު "ހެލިކޮޕްޓާ އޭލާ" އިންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޚާމޯޝް

    ފިލްމު ކުޅޭކަށް ބާރެއް ނާޅާނެ. ބައްޕަ ޕްރޮޑިއުސްކޮށް މަންމަ ޑައިރެކްޓްކުރާ ފިލްމު ނުކުޅެފިއްޔާ ހުރިހާ އެހީއެއް ކެނޑުނީކަމަށް ބުނާނީ.