އިތުރު ފިލްމެއްގެ މަސައްކަތް ކުރުމަށް ބޮލީވުޑް އެކްޓްރެސް ދިޕިކާ ޕަދުކޯން އާއި މަޝްހޫރް ޑައިރެކްޓަރު މެގްނާ ގުލްޒާރު އާއި ދެމެދު ވާހަކަ ދެކެވިފައިވާ ކަމަށް ބޭރުގެ ޚަބަރުތައް ބުނެފިއެވެ

ބޮލީވުޑްގައި ކާމިޔާބު ކަމެއް ލިބުނު ފިލްމު "ރާޒީ" ވެސް ޑައިރެކްޓް ކުރި މެގްނާ ވަނީ މީގެ ކުރިންވެސް، ފިލްމު "ޗާލްބާޒް"ގެ ރީމޭކް އެއް އުފައްދަން ބޭނުން ކަމަށް ބުނެފައެވެ.

"ޗާލްބާޒް" އަކީ ދެ ޓުވިންސްއެއްގެ ދިރިއުޅުން ދައްކުވައިދޭ އަދި 1989 ވަނަ އަހަރު ނިކުތް ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާ ފިލްމެކެވެ.

އެހެންކަމުން، ބައެއް ފަރާތްތަކުން ބުނަމުންދަނީ ދިޕިކާ ލީޑް ރޯލުން ފެންނަ ގޮތަށް މެގްނާ އުފައްދަން އެއުޅެނީ "ޗާލްބާޒް"ގެ ރީމޭކެއް ކަމަށެވެ.

ދިޕިކާ އާއި މެގްނާ ކުރެ އެކަކުވެސް ފިލްމާއި ގުޅޭ ގޮތުން ވަކި އެއްޗެއް ބުނެފައި ނުވާއިރު، ފިލްމާއި ގުޅޭ ހުރިހާ ކަމެއް އަދި ކޮންފޯމް ނުވާކަމަށް ލަފާ ކުރެވެއެވެ.

ފިލްމު "ޕަދުމާވާތު" އިން މޮޅު އެކްޓިން އެއް ދައްކައިދިން ދިޕިކާ އޭގެ ފަހުންވެސް އިތުރު ފިލްމެއް ކުޅުމަށް އެއްބަސްވިއެވެ. ނަމަވެސް އެ ފިލްމުގައި ދިޕިކާ އާއިއެކު ހަރަކާތްތެރިވާ އެކްޓަރު އިރްފާން ޚާންގެ ބަލި ހާލަތު ހުރި ގޮތުން އެ ފިލްމުގެ މަސައްކަތްތަށް ވަނީ ޑިލޭވެފައެވެ.

ފިލްމު "ޕަދުމާވާތު" އާއި އެއްގޮތަށް މެގްނާގެ މި ފިލްމުގައިވެސް ދިޕިކާ ތަފާތު ރޯލަކުން ފެނިގެންދާނެ ކަމަށް އުންމީދު ކުރާކަމަށް އޭނާގެ ފޭނުން ދަނީ ބުނަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު