މި އަހަރު ބޮލީވުޑުގައި އުފެދުނު އެއް "ސެލެބްރިޓީ ކަޕްލް" ކަމުގައިވާ ބޮލީވުޑާއި ހޮލީވުޑްގެ ފިލްމު ތަކުންވެސް ފެންނަ އެކްޓްރެސް ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޯނަސްގެ ލޯބީގެ ގުޅުމާއި ވަރަށް އަވަހަށް އެ ދެ ފަންނާނުން ކައިވެނި ކުރަން އުޅޭ ވާހަކަ ނޭނގޭ މީހަކު މަދުވާނެއެވެ.

މިދިޔަ މަހުގެ 18 ވަނަ ދުވަހު "ރޮކާ" ސެރެމަނީއެއް ވެސް ބާއްވާފައިވާއިރު، ޕްރިޔަންކާއާއި ނިކް ވަނީ ދެ ފަރާތު އާއިލާއާ ބައްދަލުކޮށް އުފާވެރި ވަގުތުތަކެއް ދެ ފަރާތު އާއިލާއާއެކު ވެސް ހޭދަކޮށްފައެވެ.

މިހާރު ނިކް އާއި ޕްރިޔަންކާ ކައިވެންޏަށް ވާން ޖެހޭ އެކިއެކި ތައްޔާރީތައް ވަމުން ދާއިރު، ދާދިފަހުން ނިކް ވަނީ އޭނާ ޕްރިޔަންކާއަށް ހިތް ކީ ސަބަބުވެސް ހާމަކޮށްފައެވެ. އަނެއްކާވެސް މިފަހަރު ނިކް މިވަނީ އެ ގުޅުމުގެ އިތުރު ވާހަކައެއް ހިއްސާކޮށްފައެވެ. އެއީ ޕްރިޔަންކާ އާއި ގުޅުން ބޭއްވުނު އަސްލު ސަބަބެވެ.

ދާދިފަހުން ނިކް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ޕްރިޔަންކާއާ ގުޅުން ބޭއްވުނު އަސްލު ސަބަބަކީ ދެމީހުންވެސް އާއިލާއަށް އޮންނަ ލޯތްބާއި ތިމާ ދެކެ ލޯބިވާ މީހުންނަށް އިސްކަން ދޭ ދިނުން ކަމުގައެވެ.

"ޕްރިޔަންކާ އާއި ގުޅުން ބޭއްވުނު ވަރަށް ގިނަ ސަބަބުތައް އެބަހުރި. އެކަމަކު އެންމެ ބޮޑު އެއްކަމަކީ އަހަރެމެން ދެމީހުންވެސް އާއިލާ ދެކެ ވަރަށް ލޯބި ވެފައި ތިމާ ދެކެ ލޯބިވާ މީހުންނަށް ވަރަށް އިސްކަންދެން. މިކަހަލަ އެއްގޮތް ކަންތައްތަކެއް ދެމީހުންގެ މެދުގައިވެސް ހުރި. އެހެންވެ ޕްރިޔަންކާއާ ގުޅުން ބޭއްވުނީ" ނިކް ބުނެފައިވެއެވެ.

މީގެކުރިން ނިކް ބުނެފައިވަނި އޭނާއާއި ޕްރިޔަންކާއާ ފުރަތަމަ ވާހަކަދެއްކީ މެސެޖްކޮށްގެން ކަމަށެވެ. އަދި އެެގޮތަށް ހަ ވަރަަކަަށް މަސް ދުވަހު އުޅުނުކަމަށާއި އޭގެ ފަހުން ދެ މީހުން މެޓް ގާލާއިން ދިމާވި ކަމަށާއި މަދުމަދުން ބައްދަލުކޮށް، އެ ގުޅުން ބަދަހިވާން ފެށިކަމަށް ވެސް ނިކް ވަނީ ބުނެފައެވެ.

މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ނިކް އާއި ޕްރިޔަންކާ ވަނީ އެންގޭޖްވެސް ވެފައެވެ.