ބޯ ކިރު ކޮޅެއް ފަދަ ދޮންވެލި ތުނޑީގެ ރާޅު ފެން ކުރީގައި، ދެ ކޮޅަށް ދުވެލަ ދުވެލަ ތިބި ކުޑަކުޑަ ދެ ކުދިންނަށް ނަޒަރު ހުއްޓާލައިގެން އަހަރެންނަށް އިނދެވުނީ ކިހާ އިރަކު ކަމެއްވެސް ނޭގެއެވެ. ޖެހެމުންދިޔަ ފިނިފިނި ވައި ރޯޅީގެ ސަބަބުން، ވަޔަށް ދޫކޮށްލެވިފައިވާ އަހަރެންގެ އިސްތަށިގަނޑު، އިރުކޮޅުކޮޅާ ރަނގަޅު ކޮށްލަން ޖެހެއެވެ. މޫނުމައްޗަށް އިސްތަށިކޮޅު ވެއްޓޭ ކޮންމެ ފަހަރަކު، ދުރުން ފެންނަމުންދާ މަންޒަރު ފުސްވެއެވެ. އަހަރެންގެ ހިތި މާޒީ ފަދައިންނެވެ.

އެ ކުޑަކުޑަ ދެ ކުދިން ފެނުމުން އަހަރެންގެ ހަނދާނަށް އަންނަނީ އަހަރެންގެ ކުޑައިރުގެ ހިތްދަތި ދިރިއުޅުމެވެ. އެ ކުދިންނާއި ޚިލާފަށް ކުޅެލާ މަޖާކުރުމުން މަޙްރޫމްވެގެން އުޅެން ޖެހުނު ދުވަސްތައް މަތީންނެވެ. ކުޑަކުއްޖަކު ފެންނަ ކޮންމެ ފަހަރަކު އެ ހިތްދަތި ހަނދާންތައް އާވެ އާލާވަމުން ދެއެވެ. އެކަމަކު މިއަދު އެ ހަނދާންތައް އާލާކޮށްގެން ވާން އޮތީ ކޮން މޮޅެއް ހެއްޔެވެ؟ ލިބެން އޮތީ ކޮން ފައިދާއެއް ހެއްޔެވެ؟ ކިތަންމެ ބޭނުންވިޔަސް ހަޤީޤަތެއް ބަދަލެއް ނުކުރެވޭނެ ވިއްޔާއެވެ. އެއީ އަހަރެންގެ ތަޤްދީރު ރޭވިފައި އޮތް ގޮތްކަމަށް ޤަބޫލުކޮށް ހަޤީޤަތާއި ކުރިމަތިލުން ނޫން އިތުރު އެހެން ގޮތެއް ވެސް ނޯންނާނެއެވެ.

އެންމެ ކުޑައިރުއްސުރެވެސް އަހަރެން އުޅެ ބޮޑުވީ މަންމައާއި ދޮންބައްޕަ ގާތުގައެވެ. ދުވަހަކުވެސް އަސްލު ބައްޕައެއް ހަމަ ލޮލަކަށް ނުދެކެމެވެ. ބައްޕަ ކިތަންމެ ދެކިލާ ހިތްވިޔަސް، ބައްޕަ އަހަރެންނާއި ބައްދަލުކުރާކަށް ބޭނުމެއް ނުވެއެވެ. ބައްޕަގެ ލޯބިން އަހަރެން މަޙްރޫމް ވާން ޖެހުނީ އަހަރެންނަށް ކޮން ކުށެއް ކުރެވިގެން ކަމެއް ވެސް ނޭނގެއެވެ.

އަބަދުވެސް ހިތުގައި ފުނިޖެހޭ ޝަކުވާތައް ބަނޑުންކޮށްލެވެނީ މަންމައަށެވެ. ނަމަވެސް އެދެވޭ ޖަވާބެއް ދިނުމުގެ ބަދަލުގައި މަންމަ އަބަދުވެސް އިސްކުރަނީ ރުންކުރު ރާގު ގަނޑެކެވެ. “އަބަދު ބައްޕަ ބައްޕަ. އޭނަ ނުދުވާނެ ކަލޭ ފަހަތަކުންނެއް ކަލެ ކިތަންމެ ވަރަކަށް ދުވިޔަސް. ބަލަ ނުވިސްނޭތަ މަ މި ކިޔާ އެއްޗެއް؟ ދޮންބައްޕައަކަސް ފާރިޝް ކަލެއަށް ކިހާ ރަނގަޅު. ބޯހިޔާ ކޮށްލައިގެން ތިޔަ އުޅެވެނީ ވެސް ހަމަ އޭނަގެ ދީލަތި ކަމުންނޭ” އެއީ އަހަރެން ނުލާހިކު ދެރަވި ދުވަހެކެވެ. މަންމަ އަހަރެންނަށް ނިސްބަތްކޮށް "ކަލޭއޭ" ބުނެފާނެއެކޭ ހިތަށްވެސް ނާރައެވެ. އަމުދުން ދޮންބައްޕަ ރަނގަޅުކޮށްފައި އަހަރެން ހިތުގައި ޖައްސާލާނެ ކަމަށް އުންމީދުވެސް ނުކުރަމެވެ.

ތެދެކެވެ. ދޮންބައްޕަ ހެވެވެ. ހުރިހާ ޚަރަދެއް ބަލަހައްޓަމުން އެ ގެންދަނީ ވެސް އޭނައެވެ.އެއްވެސް ކަމަކަށް ދަތި ނުވެ މި އުޅެނީވެސް އޭނާގެ "ވަރަ" ގަނޑުގެ ބާރުންނެވެ. މަންމައަށް ވެސް ނުލާހިކު އަޅާލައެވެ. އެކަމަކު އެވަރުން ފުދޭ ހެއްޔެވެ؟ ދެން އަހަރެން ކޮބައި ހެއްޔެވެ؟ އޭނާގެ ސަބަބުން އަހަރެން އުޅެން ޖެހޭ، ވޭންނުން ފުރިގެންވާ މި ދިރިއުޅުމުގެ ވާހަކަ ދައްކައި، ވަކާލާތު ކުރާނެ ބޮލެއް ލޮލެއް އެބަހުރި ހެއްޔެވެ؟ ނޫނެކެވެ. ނެތެވެ . އެންމެ ގާތުން މަންމަ އަށް ވެސް، މުޅިން ބުރަ ވެވެނީ ދޮންބައްޕަ ކޮޅަށެވެ.

އެހެން ކުދިން ކުޑައިރު، ބައްޕަމެންގެ ކޮނޑަށް އަރައި، ހީ ސަމާސަކޮށް ހަދައެވެ. ބައްޕަ ގައިގައި ބައްދާލާ، ބައްޕަގެ އަތުގައި ހިފާލައިގެން ހަވީރު ފިންޏަށް ހިނގާލަން ދެއެވެ. އެކަމަކު އަހަރެން އެހެން ހެއްޔެވެ؟ ނޫނެކެވެ. ހާސް ބައި ތަފާތެވެ. ބައްޕައެއްގެ ލޯބި ނުލިބޭތާ، ތަހަންމަލު ކުރަން ޖެހެނީ ދޮންބައްޕަގެ އަނިޔާވެރި ކަމެވެ. އެ ވޭނީ ބިރުވެރިކަމެވެ.

ކުރިން މި ކިޔައިދެވުނީ އަދި އަހަރެންގެ އެންމެ ކުޑައިރުގެ ހާލަތު ހުރި ގޮތެވެ. ބޮޑުވެ ފުރާވަރަށް އެޅެމުން އައި ދުވަސްކޮޅު އުޅެން ޖެހުނީ އަދި އެޔަށް ވުރެ މާ ހާލުގައެވެ. މާ ހިތްދަތި ކޮށެވެ.

ފުރާ ފުރިހަމަވެ ތަސައްވަރުފުދިފައިވާ، އަހަރެންގެ ނިޔަނެތި ހަށިގަނޑު ފެނި، ދޮންބައްޕަގެ ހިތްނިޔަތް ގޯސްވާން ފެށީ އަހަރެންގެ ވަކި ކޮންކުށެއް އޮވެގެން ހެއްޔެވެ؟ ކުރިންވެސް އިސްތަށިގަނޑުގައި ހިފާ ދަމާ އަނިޔާކުރި ނަމަވެސް، ގައިގެ އެހެން ތާކު އަތެއް ނުލާނެއެވެ. ނަމަވެސް ފަހުން ފަހުން އައިސް، އެކަންވެސް ވީ އާދަ އަކަށެވެ. މަންމަ ރަށްކަހަން ނުވަތަ ބޮނބިތަޅަން ދާ ވަގުތު ބަލާފައި، އަހަރެންގެ ކުށެއް ކޮންމެވެސް ގޮތަކުން ހޯދާނެއެވެ. މުޅިން ވެސް އަހަރެންނަށް ކުރެވޭ ކުށްތައް ފެންނާނީ މަންމަ ގޭގައި ނޫޅޭ ވަގުތު ތަކުގައި އެކަންޏެވެ.

އަހަރެންގެ ކުށެއް ނުފެނިއްޖެނަމަ ކޮންމެވެސް ދޮގު އިލްޒާމެއް އަހަރެންގެ ބޮލުގައި އަޅުވާނެއެވެ. ޖަހަން އަތް މަޅާލަފައިވެސް، މޭ މަތީގައި ނަމަވެސް އަތުން ބީހި ނުލާ އެންމެ ފަހަރެއްވެސް ނުދެއެވެ. މޫނުމަތީ ޖަހާލަނީ މަޑަކުން ވެސް ނޫނެވެ. ޤުދުރަތުން އަހަރެންނަށް ލިބިފައިވާ ޖަންބެއްފަދަ މޫނު ގިނަ ފަހަރު ހުންނަނީ ރަތް އަރާފައެވެ. މިހެންވެ، ބޭރަށްދާން ލަދުގަނެ ގޭގަ އޮތުން އާދަ އަކަށްވެސް ހެދީމެވެ.

އަތުގައި ފޯނެއް ނެތުމާއި އެކު މި ހިތްދަތި ދިރިއުޅުން އެހެން މީހަކަށް ހިއްސާ ކުރެވޭނެ އިތުރު ގޮތެއްވެސް އޭރަކު ނެތެވެ. ނަމަވެސް ގޭދޮށުގައި އުޅޭ އަހަރެންނާއި އެއްފުރައިގެ އަންހެން ކުއްޖަކަށް އަހަރެން މި ވާހަކަތައް ދިޔައީ ހިއްސާ ކުރަމުންނެވެ. ދޮންބައްޕަ ގޭގައި ނޫޅޭ ވަގުތު ބަލާފައި، އަހަރެން އެ ގެޔަށް ގޮސް ކަންތައްތައް ވަމުންދާ ހުރިހާ ގޮތެއް އޭނައަށް ކިޔައިދެމެވެ. ރޮއިރޮއިފައި ޝަކުވާ ކުރަމެވެ.

އެ ރަހުމަތްތެރިޔާގެ ލަފާގެ މަތިން އަހަރެން ދެން އަވަސްވީ އެ ދަންތުރައިން ސަލާމަށްވެވޭނެ މޮޅު ގޮތެއް ހޯދުމަށެވެ. ފިލައިގެން އެހެން ރަށަކަށް ދިޔުމަށެވެ. މަންމަ ދޫކޮށްފައި ދާން ހިތް ނުރުހުނަސް، އަހަރެންގެ އަމިއްލަ ސަލާމަތްކަން ހޯދަންވެސް މި އޮތީ މަޖުބޫރު ވެފައެވެ. މިހާވަރުން ކަންތައްތައް ދަންޏާ، އިތްފަތްތެރިކަން ވެސް ދާދި އަވަހަށް ގެއްލުން ގާތެވެ. އެހެންވާކަށް އަހަރެންނަކަށް ނުރުހެވޭނެއެވެ. އޭގެ ކުރިން ސަލާމަތީ ފިޔަވަޅު އަޅަން ޖެހޭނީ ހަމަ އަހަރެން ނޫން ހެއްޔެވެ؟

ފަތިހެއްގެ ހިތްގައިމު ވަގުތު ސިއްރު ސިއްރުން ގޭން ނިކުމެގެން، އަހަރެން ބަނދަރާއި ދިމާއަށް މިސްރާބު ޖެހީ ތެޅި ތެޅި އޮތް ހިތަކާއި އެކުގައެވެ. ކިސުޅި ވެފައިވާ އިސްތަށިގަނޑު މޫނު މައްޗަށް ވައްޓާލީ، މޫނު މަތީ ހުރި އަނިޔާތަކުގެ އަސަރު މީހުންނަށް ފެންނަން ބޭނުން ނުވާތީއެވެ.

ރަހުމަތްތެރިޔާގެ އެހީތެރިކަމާއި އެކު އަހަރެން ބަދަލުވީ ކައިރި ރަށެއްގައި އުޅޭ އޭނާގެ ބޮޑު ދައިތަ ކައިރިއަށެވެ. އަލުން އައު ދިރިއުޅުމެއް ފަށައި، ކުރިން އަހަރެންގެ ހަޔާތުގައި ޖެހުނު ލައްގަނޑު ފޮހެލަން މަސައްކަތްކުރާ ހާލުގައެވެ

ﷲގެ އިރާދަފުޅުން މިއަދު އަހަރެން މި އުޅެނީ ނުލާހިކު ހަމަޖެހިގެންނެވެ. މާ ފުދޭ ދިރިއުޅުމެއް ނޫނަސް، އެއްވެސް ކަހަލަ ބިރެއް ނެތި ހަމަޖެހިލައިގެންނެވެ. ބޮޑު ދައިތަ އަހަރެންނަށް ނުލާހިކު ހެވެ. ގެއްލިފައިވާ މައިވަންތަ އަދި ބަފައިވަންވަ ކުލުނުން އަހަރެންގެ ވީރާނާ ވެފައިވާ ހިތަށް ހަމަޖެހުން ގެނެސްދެއެވެ.

އަދިއަދަށް ދާންދެންވެސް މަންމަގެ އެއްވެސް ޚަބަރެއް ނުވެއެވެ. އަހަރެން ގެއްލިގެން ހޯދާކަށް ވެސް ނޫޅެއެވެ. އަޅެ މަންމަ ހަމަ އަހަރެން މަތިން ހަނދާންވެސް ނުވޭ ބާވައެވެ؟ އަހަރެން ދެކެ ކުޑަކޮށްވެސް ލޯބިނުވަނީ ބާވައެވެ؟

ރަޙްމަތްތެރިޔާގެ ފަރާތުން މަންމަގެ ޚަބަރު ދަބަރު މަދު މަދުން ނަމަވެސް ލިބެއެވެ. ހާލު އަހުވާލު ރަނގަޅު ކަމުން، އެ ކަމާ އުފާ ކުރާ ހާލު، މަންމައަށް ހެޔޮ ވިސްނުން ދެއްވާތޯ އަހަރެން އަބަދުވެސް ހުންނަނީ ދުޢާ ކޮށްލަކޮށްލައެވެ.

ސިއްސައިގެން ގޮސް އަހަރެންނަށް ހިޔާލީ ދުނިޔެއިން ނިކުމެވުނީ މަޣްރިބް ނަމާދަށް ބަންގި ގޮވުމުންނެވެ. އޭރު ދޮންވެލި ގަނޑުގައި ކުޅެން އުޅުނު ދެ ކުދިންވެސް ފެންނާކަށް ނެތެވެ. އަވަސް އަވަހަށް ތެދުވެ، ގެޔަށް ދާން ހިނގައިގަތީމެވެ. އަހަރެން އުޅުނު ހިތްދަތި ދިރިއުޅުން ވިސްނި، މަންމަގެ އޯގާތެރިކަމަށް ހިތް އެދި ގޮވާ ހާލުގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މައި

    ވ ސަޅި

  2. އެ މީހާ

    ތިކަހަލަ ކުއްޖަކު މަވެސް ބޭނުމީ.