ބޮލީވުޑްގެ ކާމިޔާބު ތަރިންތަކުގެ ތެރޭގައި ހިމެނޭ އެކްޓްރެސް އާލިއާ ބަޓް އާއި އެކްޓަރު ވަރުން ދަވަން ހިމެނޭއިރު، މި ދެ ތަރިންނަކީ ވެސް އެކުއެކީގައި ބޮލީވުޑަށް ނިކުތް ދެ ތަރިންނެވެ. އެއީ 2012 ވަނަ އަހަރު ކަރަން ޖޯހަރު ޑައިރެކްޓްކުރި ފިލްމު "ސްޓޫޑެންޓް އޮފް ދަ އިޔާ" އިންނެވެ.

އޭގެފަހުން ވަރުން އަދި އާލިއާވެސް ކާމިޔާބު އެތަކެއް ފިލްމުތަކަކުން ފެނިގެން ގޮސްފައިވާއިރު، އޭގެ ތެރެއިން ބައެއް ފިލްމުތައް ވަނީ ބޮކްސް އޮފީހުންވެސް ޖާގަ ހޯދާފައެވެ. ގައިމުވެސް ހުނަރުގެ ގޮތުން ދެ މީހުން ގާތްގަނޑަކަށް އެއްވަރުވާނެ ކަން މިކަމުންވެސް އެނގެއެވެ.

ނަމަވެސް އިންޑިއާގެ ފިލްމީ ދާއިރާގެ އުސޫލު އޮންނަ ގޮތުން، އަބަދުވެސް އަންހެން ފިލްމީ ތަރިންނަށްވުރެއް ފިރިހެން ތަރިންނަށް ގިނައިން ލާރި ލިބެއެވެ. ވަރުން ބުނީ މިއީ އިންސާފުވެރި ގޮތެއް ނޫން ކަމަށާއި އޭނާއާއި އެއްވަރަށް އާލިއާއަށްވެސް ލާރި ލިބެން ވާނެ ކަމަށެވެ.

"އާލިއާ އާއި އަހަރެންނާއި އެއް ފިލްމެއް ކުޅެންޏާ، އެ ފިލްމެއްގެ ކާމިޔާބީގައި ވެސް ދެމީހުންގެ ޝާމިލްވުން ވާނީ އެއްވަރު. ހަމައެކަނި ފިރިހެން ލީޑް ތަރި މޮޅު ވެގެނެއްނޫން އެ ފިލްމެއް ކާމިޔާބު ވާނީ. އެހެންވެ ދެ ލީޑް ތަރިންނަށްވެސް އެއްވަރަކަށް ލާރި ލިބެން ވާނެ" ވަރުން ބުނެފައިވެއެވެ.

"އަހަރެން އަބަދުވެސް އާލިއާ ކައިރި ބުނަން މާ މަދުންނޭ ފިލްމުތަކުން ލާރި ނަގަނީ. އެޔަށްވުރެން އަގު ބޮޑު ކޮށްލާށޭ" ވަރުން އިތުރަށް ބުނެފައިވެއެވެ.

ވަރުން މި ގޮތަށް ބުނެފައިވަނީ، އޭނާ އާއި އާލިއާގެ ގާތް ރަހުމަތްތެރިކަމުން ކަމަށާއި ދެމީހުން އެއް ފިލްމެއް ކުޅެންޏާ، ވަރުން އެކޭ އެއްވަރެއްގެ އާމްދަނީ އެއް އާލިއާއަށްވެސް ލިބުމަށް އެދޭތީ ކަމަށްވެސް ރިޕޯޓްތަކުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޫބެ

    ތިޔަހާ ދެރަވަންޏާ ލިބުނު ލާރިން ބައެއް އެޅިނަމަ އެވީނު. ހުސްއަނގަ.

    • މަ މިއު މަ

      ހާދަ ބުއްދި ކޮއްޓޭ ދޯ ތިބޭފުޅާގެ