މާބަނޑު ދުވަސްވަރު ކިހަ ވަރަކަށް ބަރުވާން ޖެހޭތަ؟

މިކަން ބިނާވެގެންވަނީ މާބަނޑުމީހާގެ ދިގުމިނާއި ބަލިވެއިނުމުގެ ކުރިން ހުރި ބަރުދަނުގެ މައްޗަށެވެ. ހަށިގަނޑުގެ ބަރުދަން ހުރީ ނަމޫނާ ބަރުދަނެއްގައި ނަމަ 11 - 16 ކިލޯ ބަރުވަން ޖެހޭނެއެވެ. އެއީ ފުރަތަމަ ތިންމަހު ގާތްގަޑަކަށް 1- 2.5 ކިލޯ ދެން ކޮންމެ ހަފުތާއަކު ގާތްގަޑަކަށް ބައިކިލޯވަރެވެ. މަހަކު ދެކިލޯވަރެވެ. ނަމޫނާ ބަރުދަނަށްވުރެ ހަށިގަނޑު ލުއިނަމަ ގާތްގަޑަކަށް 12.5-18 ކިލޯ ބަރުވަން ޖެހޭނެއެވެ. އަދި ނަމޫނާ ބަރުދަނަކަށް ހަށިގަނޑުގެ ބަރުދަން ހުރިނަމަވެސް އެއްމާބަނޑު ދެކުދިންނަށް ބަލިވެ އިންނަމަ ގާތްގަޑަކަށް 15.5- 20 ކިލޯވަރު ބަރުވަނ ޖެހޭނެއެވެ.

އިތުރުވެގެންދާ ބަރުދަނުގެ ސަބަބުން ހަށިގަނޑަށް ކޮންކަހަލަ އަސަރެއް؟

މާބަނޑުދުވަސްވަރު ރިއްސާ ބައެއް ރިއްސުމަކީ އިތުރުވެގެންދާ ގަރުދަނާއި ގުޅުން ހުރި ކަމެކެވެ. ހާއްސަކޮށް ބުރަކަށްޓާއި އުނަގަޑުގައި ރިއްސުމަކީ މިކަމުގެ ސަބަބުން ވާކަމެކެވެ. ފައި ދުޅަވުމާއި ނުވަތަ ފޮއްސިވުމާއި ފައިގެ ކުޑަހުޅުގައި ރިއްސުމަކީވެސް މާބަނޑު ވަރަށްގިނަ އަންހެނުން ކުރާ ޝަކުވާއެކެވެ. ނަމަވެސް މިއީ ބަލިވެއިނުމުގެ ސަބަބުން އިތުރުވާ ލޭގެ ސަބަބުން ވާކަމެކެވެ. އިތުރުވާ ބަރުދަނުގެ ސަބަބުން ވާކަމެއްނޫނެވެ.

ނޯޓް: އަތް ނުވަތަ މޫނު ދުޅަވެ ފޮއްސިވެއްޖެނަމަ ވަގުތުން ޑޮކުޓަރެއްގެ ލަފާ ހޯއްދަވާށެވެ. ފަހަރެއްގައި މިއީ ޕްރީއެކުލަމްޕްސިއާ ފަދަ ބައްޔެއްގެ ނުރައްކާތެރި ސިގުނަލަކަށް ވެދާނެއެވެ.

ބަލިވެއިނުމުން އިތުރުވެގެންދާ ބަރުދަނަކީ ދަރިފުޅު ބޮޑުވުމަށްޓަކައި ވަރަށް ބޭނުންތެރި އެއްޗެކެވެ. މިއީ ވިހެއުމަށްފަހު އެއްފަހަރާ ލުއި ނުވިޔަސް ވަރަށް ބޮޑުތަން ތިރިވެގެންދާނެ ބަރުދަނެކެވެ.

ވިހެއުމަށްފަހު ބަލިވެއިނުމުން އިތުރުވެގެންދިޔަ ބަރުދަން ލުއިކުރުމަށް ކުރެވޭނީ ކޮންކަމެއް؟

އެންމެފުރަތަމަ ހަމަހަމަ ރަގަޅު ކާނާ ކެއުމަށް އާދަކުރާށެވެ. އެއީ މާބަނޑު ދުވަސްވަރުން ފެށިގެންނެވެ. އަދި މިއާއިއެކު ކަސްރަތު ކުރުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ. މިއީ ހަށިގަނޑަށް ގެއްލުމެއް ވުމަކާއި ނުލައި ލުއިވުމަށް ވަރަށް މުހިއްމު ގޮތެކެވެ.

ވިސްނާށެވެ. ބަލިވެއިނުމުން ހަށިގަނޑަށް އިތުރުވެގެންދާ ބަރުދަނުގެ ބޮޑުބައެއް ވިހެއުމަށްފަހު ޠަބީޢީ ގޮތުން އުނިވެގެން ދެއެވެ. އާއްމުގޮތެއްގައި މާބަނޑު ދުވަސްވަރު ބަރުވެގެންދާ 11-16 ކިލޯގެތެރެއިން ގާތްގަޑަކަށް 3.5 ކިލޯއަކީ ދަރިފުޅުގެ ބަރުދަނެވެ. ވިހެއުމާއިއެކު މިބައި ލުއިވެގެންދެއެވެ. އަދި ދަރިފުޅުގެ މަހާއި އެމްނިއޮޓިކު ފެނާއި އިތުރުވެގެންދާ ލޭގައި ގާތްގަޑަކަށް 3.6-5.5 ކިލޯ ހުންނާނެއެވެ. މިއީވެސް ވިހެއުމަށްފަހު މަދުވެގަންދާނެރ ބައެކެވެ. ހަމައެއާއިއެކު ރަހިމު ބޮޑުވުމުން ގާތްގަޑަކަށް 1.8- 2.8ކިލޯ އިތުރުވެއެވެ. މިއީވެސް ވިހެއުމަށްފަހު އުނިވާނެ ބައެކެވެ. ނަމަވެސް މިހުރިހާ ބަރުދަނެއް ލުއި ވުމަށް 9 މަސްވަރު ނަގާނެއެވެ. އަދި މިއަށްވުރެ ގިނަ ދުވަސް ނެގުމަކީވެސް ދުރުކަމެއް ނޫނެވެ.

މައުލޫމާތު: ކަވާާސާ

ކިޔުންތެރިންގެ ހިޔާލު