ޔުނީފޯމުގައި ތިބި ފުލުހުންތަކެއް ޢާންމު ބަޔަކާއެކު ނަށަމުންދިޔަ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވެ އެތައް ބައެއްގެ ސަމާލުކަން އެ ވީޑިއޯއަށް އަމާޒުވެއްޖެއެވެ.

އިންޑިއާގެ އުއްތަރޕްރަދޭޝްގެ ފުލުހުންގެ އިދާރާއެއްގައި މަސައްކަތްކުރާ އެ ފުލުހުން ޢާންމު ބަޔަކާއެކު ނަށާ މަންޒަރު ޢާންމުވެފައި ވަނީ، އެމީހުންނާއި އެކު އެވަގުތު ހުރި މީހަކު ނަގާފައިވާ ވީޑިއޯ ލީކުވުމުގެ ސަބަބުންނެވެ. މި ވީޑިއޯ މިހާތަނަށް ދިހަހާހަށްވުރެ ގިނަ މީހުން ވަނީ ބަލާފައެވެ.

އެ ވީޑިއޯއިން ފެންނަނީ އިތުރުން ހަތަރު މީހަކާއި އެކު ދެ ފުލުހަކު، ފުލުހުންގެ ވެހިކަލުން ބާރަށް ލަވަޖަހައިގެން ނަށަމުންދިޔަ މަންޒަރެވެ. ރިޕޯޓްތައް ބުނެފައިވަނީ މިދިޔަ ހަފްތާގައި ހިނގި މި ހާދިސާ ހިނގި ވަގުތު އެ ދެ ފުލުހުންވެސް ތިބީ ޑިއުޓީގައެވެ.

މިކަމާއި ގުޅިގެން ބައެއް މީހުންގެ ފާޑުކިއުން އެ ދެ ފުލުހުންނަށް އަމާޒުވެފައިވާއިރު، އަނެއް ބަޔަކު ބުނަމުންދަނީ އެއީވެސް ދިރިއުޅުމެއް އުޅެމުންދާ ބައެއް ކަމަށާއި، އެހެން ޢާންމުންނެކޭ އެއްފަދައިން އެމީހުންނަށްވެސް ހިތްހަމަޖެހޭ އެފަދަ ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ހައްޤު ލިބެން ޖެހޭނެ ކަމަށެވެ. އެހެންކަމުން އެއީ އާދަޔާއި ޚިލާފު ކަމަކަށްވެ އެކަމާއި ފާޑުކިއުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށް އެފަރާތުން ދަނީ ބުނަމުންނެވެ.

ޑިއުޓީގައި ތިބެ ދެ ފުލުހަކު ނަށާމަންޒަރު ފެންނަ ވީޑިއޯ ޢާންމުވުމާއި ގުޅިގެން އިންޑިއާގެ ކަމާއިބެހޭ އިދާރާތަކުން ވަނީ އެ ދެމީހުންނާއި މެދު ފިޔަވަޅު އަޅާނެކަން ހާމަކޮށްފައެވެ. އޮފިޝަލަކާއި ހަވާލާދީ އެޤައުމުގެ ނޫހެއްގައި ބުނެފައިވަނީ، ޑިއުޓީގައި ކުރަންޖެހޭ މަސައްކަތް ދޫކޮށްލައި ޢާންމު ބަޔަކާއި އެކު އެފަދަގޮތަކަށް އުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މި ހާދިސާ މިހާރު އިދާރާތަކުން ބަލަމުންދާއިރު، އެދެމީހުން ވަޒީފާއިން ސަސްޕެންޑުކޮށްފައިވާ ކަމުގެ އަޑުވެސް ވަނީ ފެތުރިފައެވެ. މި ހާދިސާ ހިނގާފައި މިވަނީ، އިންޑިއާގެ ތިން ފުލުހަކު ޑިއުޓީގައި ތިބެ މަސްތުވާތަކެތި ބޭނުންކޮށް މަސްތުވެގެން އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ޢާންމުވުމާއި ގުޅިގެން އެ ތިން މީހުން ސަސްޕެންޑު ކުރިތާ ގިނަ ދުވަސްތަކެއް ނުވަނީސްކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު