އޮސްޓްރޭލިއާގައި އުފައްދާ ސްޓްރޯބެރީން ތިނޯސް ފެންނަ މައްސަލަ ވަރަށް ބޮޑަށް ފެންމަތިވެ އެކަންކުރާ މީހަކު ހޯދައިދޭ މީހަކަށް ބައްލައްކަށްވުރެ ގިނަ ޑޮލަރު ދިނުމަށް ނިންމައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މިހާރު ފުލުހުން ދަނީ އެކަމުގެ އުޅުނު މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ފުލުހުން ބުނީ ހަ ބްރޭންޑެއްގެ ސްޓްރޯބެރީގައި މިގޮތަށް ތިނޯސް ފެނިގެން މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އެ ތަކެތި ކެއުމުގެ ކުރިން ބެލުމަށް ދަނީ އަންގަމުންނެވެ.

ތިނޯސް ހުރި ސްޓްރޯބެރީ ބްރޭންޑްތަކުގެ ތެރޭގައި، ދަ ބެރީ އޮބްސެޝަން، ބެރީ ލީޝިއަސް، ޑޮނީބްރޫކް ބެރީސް، ލަވް ބެރީސް، ޑިލައިޓްފުލް ސްޓްރޯބެރީސް، އޮއާސިސް ބްރޭންޑްގެ ސްޓްރޯބެރީސް ހިމެނެއެވެ.

ބައެއް ނޫސްތައް ބުނާގޮތުގައި، އެ ގައުމުގެ ހަ ސްޓޭޓަކުން ވިއްކާ ސްޓްރޯބެރީތަކުގައި ތިނޯސް ހުރެގެން އެކަން ސަމާލުކަމަށް ގެނެސްފައި ވެއެވެ. އެފަދަ ސްޓްރޯބެރީއެއް ކެވިގެން އެކަކު ވަނީ ހޮސްޕިޓަލަށް ވެސް ގެންގޮސްފައެވެ.

މިކަން ކުރާ ބަޔަކު ހޯދައި ފިޔަވަޅު އަޅާނެކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނަމުން އަންނައިރު، މިއީ މީހުންގެ ފުރާނައަށް ނުރައްކާ ކުރުމަށް ކުރަމުން އަންނަކަމެއް ކަމަށް ފުލުހުން ބުނެއެވެ.

ކަމާ ބެހޭ ފަރާތްތަކުން މިހާރު ވަނީ އެ ބްރޭންޑްތަކުގެ ސްޓްރޯބެރީސްތައް ފިހާރަތަކުން ނަގާފައެވެ. އަދި އެ ތަކެތި އެހެން ހިސާބުތަކަށް އެތެރެކުރެވިފައިވޭތޯ ދަނީ ބަލަމުންނެވެ.

ކްއީންސްލޭންޑް ސްޓޭޓް ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ، އެކަން ކުރާ ބައެއްގެ މައުލޫމާތު ހިއްސާކުރާ ފަރާތްތަކަށް 71500 ޑޮލަރަށްވާ އޮސްޓްރޭލިޔާ ފައިސާ ދޭނެ ކަަމަށެވެ.