ޕްރިންސް ހެރީގެ އަނބިކަނބަލުން މޭގަން މާކެލް އާއި ޕްރިންސް ހެރީގެ ރަހުމަތްތެރިންނާއި މެދު "މައްސަލަތަކެއް" އުފެދި ގުޅުން ގޯސްވެފައިވާ ކަމަށް ޝާހީ އާއިލާގެ މައުލޫމާތު އެނގޭ ލިޔުންތެރިއެއް ކަމަށްވާ ލޭޑީ ކޯލިން ބުނެފިއެވެ.

ކޯލިން ބުނީ ހެރީގެ ރަހުމަތްތެރިންގެ ކައިވެނި ޕާޓީތަކަށާއި، ރަހުމަތްތެރިން ދޭ ޕްރައިވެޓް ޕާޓީތަކަށާއި ކެއުންތަކަށް ޕްރިންސް ހެރީ މިހާރު ވަޑައިގަންނަވާއިރު މޭގަން ގެންދަވައެވެ. ނަމަވެސް އެބައްދަލުވުންތަކުގައި މޭގަން ވަރަށް ބޮޑަށް ޕްރިންސް ހެރީގެ ގިނަ ރަހުމްތެެރިންނާއި "ޒުވާބުކޮށް، ބަހުސް ކުރެއެވެ."

ޕްރިންސް ހެރީގެ ގިނަ ރަހުމަތްތެރިންނަކީ ކުޅިވަރެއްގެ ގޮތުގައި ޝޫޓިން އާއި ޖަނަވާރު ޝިކާރަ ކުރުން ފަދަ ކަންތައް ކުރާ މީހުންނެވެ. ނަމަވެސް އެއީ މޭގަން ވަަރަށް ބޮޑު ދެކޮޅު ކަންތައްތައް ކަމަށް ވެއެވެ.

މޭގަން އަކީ ބަޑި ގެންގުޅުމާއި ވަރަށް ބޮޑަށް ދެކޮޅު ހައްދަވާ ބޭކަނބަލެކެވެ. އެހެންކަމުން ކުޅިވަރެއްގެ ގޮތުގައި ވެސް ބަޑި ޖެހުމާއި އޭނާ ދެކޮޅު ހައްދަވައެވެ.

މީގެ އިތުރުން އެއްވެސް ވައްތަރެއްގެ ޖަނަވާރެއް ޝިކާރަ ކުރުމާއި މޭގަން ދެކޮޅު ހައްދަވައެވެ. ނަމަވެސް ޕްރިންސް ހެރީގެ ގިނަ ރަހުމްތެރިންނަކީ ހަފްތާ ބަންދާއި ޗުއްޓީ ދަތުރުތަކުގައި ޖަނަވާރު ޝިކާރަ ކުރަން ދާ މީހުންނެވެ. ޕްރިންސް ހެރީ ވެސް މީގެ ކުރިން ޖަނަވާރު ޝިކާރަ ކުރަން ވަޑައިގަންނަވައެވެ.

ކޯލިން ބުނާ ގޮތުގައި މޭގަން އަކީ އޭނާ ދެކެވަޑައިގަންނަވާ ގޮތެއް ހާމަ ކުރެއްވުމުގައި މީހެއްގެ މޫނަށް ބަލާ ބޭކަނބަލެއް ނޫނެވެ. އެހެންކަމުން ޕްރިންސް ހެރީގެ ރަހުމަތްތެރިނާއި ބަހުސް ކުރަން ވެސް މޭގަން ފަސްޖެހިވަޑައިއެއް ނުގައެވެ. ނަމަވެސް އެއީ ޕްރިންސް ހެރީގެ ރަހުމަތްތެރިންނަށް ކަމުދާ ސިފައެއް ކަމަކަށް ނުވެއެވެ.