މިއީ އިންޑިއާއިން އެގައުމުގެ އަންހެނުންނަށް ގަދަރުކޮށް އެމީހުންގެ ބޭނުންތަކާއި އިހްސާސްތަށް ދެނެގަންނަން ޖެހޭ ވަގުތު ކަމުގައި ބޮލީވުޑްގެ ކުޅަދާނަ ފިލްމީ ތަރު ނަވާޒުއްދީން ސިއްދީގީ ބުނެފިއެވެ.

އިންޑިއާގެ ޙައްލުނުވެ އޮތް ރޭޕް އާއި ޖިންސީ ގޯނާގެ ނުރައްކާތެރި ހާލަތަށް އިޝާރާތްކޮށް ނޫސްތަކުގައި ވާހަކަދައްކަމުން ނަވާޒުއްދީން ބުނީ ދުނިޔޭގެ ތަރައްޤީވެފައިވާ ބައެއް ގައުމުތަށް ފަދައިން އިންޑިއާއިންވެސް އަންހެނުން ބާރުވެރިކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމުއެވެ.

"ހުނޅަގުގެ ބައެއް ގައުމުތަކާއި އަދ ތަރައްޤީވެފައިވާ ބައެއް ގައުމުތަކުން އަންނަނަނީ އަންހެނުން ބާރުވެރި ކުރަން މަސައްކަތް ކުރަމުން،. ހުނޅަގުގެ އަންހެނުންނަށްވެސް އެގައުމުތަކުން އިހްތިރާމް ކުރޭ. އެހެންކަމުން އިންޑިއާގެ އަންހެނުންވެސް އެމީހުންގެ އަމިއްލަ ތަޖުރުބާ ހިއްސާކުރަމުން އަންނަ އިރު އެމީހުންނަށްވެސް އިހްތިރާމް ކުރަން ޖެހޭނެ،" ނަވާޒުއްދީން ބުނެފައިވެއެވެ.

އަދި މިއީ ޒަމާނުއްސުރެއް އިންޑިއާގައި އަންހެނުންނާއި މެދުގައި ކަންކަން ކުރަމުން އަންނަ އިހާނެތިގޮތް ދޫކޮށްލުމުގެ ވަގުތު ކަމަށްވެސް ނަވާޒުއްދީން ބުނެފައިވެއެވެ.

"މިއީ ޒަމާނުއްސުރެއް އިންޑިއާގެ އަންހެނުންނާއި މެދުގައި ކަންކަން ކުރަމުން އައި އިހާނެތިގޮތް ދޫކޮށްލާ އައު ގޮތަކަށް އެމީހުންނާއި މެދު ކަންކަން ކުރަން ޖެހޭ ވަގުތު. މިއީ އެމީހުންނާއި މެދު އެހެން ނަޒަރަކުން ދެކެންވީ ވަގުތު. އަހަރެމެން ގަބޫލުކުރަން ޖެހޭނެ އެމީހުންގެ އިހްސާސްތަކާއި އެމީހުންގެ ބޭނުންތަށްވެސް. އަދި އެންމެ މުހިންމު ކަމަކަށް އެމީހުންނަށް އިހްތިރާމް ކުރަން ޖެހޭނެ،" ނަވާޒުއްދީން ބުނެފައިވެއެވެ،

ނަވާޒުއްދީން ފާހަގަވެފައި އޮންނަނީ އަބަދުވެސް ބުނަން ޖެހޭ ބަހެއް ފަސް ޖެހުމެއް ނެތި ބުނާ އެކްޓަރެއްގެ ގޮތުންނެވެ. އެގޮތުން ޕާކިސްތާނުގެ އެކްޓަރުންނަށް ބޮލީވުޑްގެ ފިލްމުތަކުގައި އެކްޓް ނުކުރެވޭނެ ގޮތަށް ޕާކިސްތާނުގެ ސަރުކާރުން ކަނޑައެޅުމުން އެކަމާއި އެންމެ ބޮޑަށް ނުރުހުން ފާހަގަކުރި އެއް ފަރާތަކީވެސް ނަވާޒުއްދީންއެވެ.

އުމުރުން 44 އަހަރުގެ ނަވާޒުއްދީން އަކީ ރައީސް އާއި މާޓޯ ފަދަ މަޝްހޫރު ފިލްމުތަށް ކުޅެދީފައިވާ އެކްޓަރެކެވެ.