ގިނި ހިލައެއްގެ ޑާޓާ ސާންޕަލް ނެގުމަށް ޖަޕާނުން ގިނި ހިލައަކަށް އުޅަނދެއް ފޮނުވައިފިއެވެ.

ޖަޕާންގެ ޖައްވީ ކަންތައްތަކާއި ބެހޭ އިދާރާއިން ބުނީ "ރުޔޫގު" ނަމުން ނަންދީފައިވާ ގިނި ހިލައަކަށް ޖަފާނުން އިއްޔެ ފޮނުވާލާފައިވަނީ "ހަޔަބުސާ 2" ނަމަކަށް ކިޔާ ކުޑަ އުޅަނދެކެވެ.

ޖަޕާނުން ވަނީ 2005 ވަނަ އަހަރު ވެސް ޖައްވީ އުޅަނދެއް ގިނި ހިލައަކަށް ފޮނުވަން މަސައްކަތް ކޮށްފައެވެ. ނަމަވެސް މި މަސައްކަތް ވަނީ ކާމިޔާބާއި ހިސާބަށް ނުދެވެނީސް ފެއިލް ވެފައެވެ.

ގިނި ހިލައަށް ޖަޕާނުން ފޮނުވާލި އުޅަނދުން އެ ގިނި ހިލާގެ ސާންޕަލް ނަގާނެ އެވެ. އަދި ކައުނުގައި ދިރުން އުފެދިގެން އައި ގޮތް މި ސާންޕަލްތައް ދިރާސާކޮށް ދެނެގަންނާނެއެވެ.

ޖަޕާނުން ފޮނުވާލި މި އުޅަނދުގެ އެހީގައި މި ގިނި ހިލައިގެ ފޮޓޯތަށް ދުނިޔެ އަަށް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ.

ދުނިޔެ ކައިރިން ދަތުރުކުރާ ގިނި ހިލަތަކާއި ކައުނުގައި ވާ ގޮތް ނޭނގޭ ގިނި ހިލައިގެ މައުލޫމާތު އެެއްކުރުމަށް ސައިންސްވެރިން އަބަދުވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެގޮތުން އެމެރިކާގެ ޖައްވީ އިދާރާ ނާސާގެ ސެޓްލައިޓްތަކުން އަބަދު ވެސް އަންނަނީ ދުނިޔޭގެ ވަށައިގެން ދައުރުވާ އަދި ޖައްވުގެ ތެރޭގައި ވާ ގިނިހިލަތަކުގެ މަޢުލޫމާތު ބަލާ ހޯދަމުންނެވެ. އަދި ދުނިޔެއަށް ވެއްޓޭހާ ކައިރީގައިވާ 5000 މީޓިއޯސްއެއް މިހާރުވެސް ނާސާއިން ދަނީ މޮނިޓަރ ކުރަމުންނެވެ.

1996 ވަނަ އަހަރު ދުނިޔެ އާއި ވަރަށް ކައިރިން ބޮޑު ގިނިހިލައެއް ވަނީ ދަތުރު ކޮށްފައެވެ. އަދި އޭގެ ފަހުން 2014 ވަނަ އަހަރު ވެސް ދުނިޔެގާއި މާސް ޕްލެނެޓާއި ދެމެދުން މީގެ ގިނިހިލައެއް ވަނީ ދަތުރު ކޮށްފައެވެ.

ސައިންސްވެރިން ބުނީ މިފަދަ ގިނި ހިލައެއް ކައިރިވާކަން އެނގިއްޖެ ނަމަ އިންޒާރު ދޭން އޮންނާނީ އެންމެ 22 މަސް ކަމަށެވެ.