އަންހެނުންގެ ދުވަހާއި އަމާޒުކޮށް ދުނިޔޭގެ އެކި ހިސާބުތަކުގައި ގިނަ ހަރަކާތްތަކެއް ކުރަމުންދާއިރު އެމިރޭޓްސް އެއާލައިންއިން ވަނީ ދުނިޔޭގެ އެންމެ ބޮޑު މަތިންދާބޯޓު އެއާބަސް އޭ380 ގެ ހުންގާނު އަންހެން އަރަބި ދެ ޕައިލެޓުންނަށް ހަވާލުކޮށްފައެވެ.

އަންހެނުންގެ ދުވަހުގެ އެކި ވީޑީއޯތައް މީސްމީޑިއާގައި ފެތުރެމުންދާ މިދަނޑިވަޅުގައި މިސްރު އެއާލައިންސްގެ ކައްޕި ނެވިން ޑާވިޝް އާއި ޔޫއޭއީގެ އޮޕިސާ އަލް މުހައިރީ އެމިރޭޓްސް އެއާބަސް އޭ380 ގައި ހަރަކާތްތެރިވަމުންދާ މަންޒަރެއް ފެނިގެންދާ ވީޑިއޯއެއްވެސް ވަނީ އާންމުވެފައެވެ.

އެމިރޭޓްސް އިން މީޑިއާއަށް މައުލޫމާތުދިން ގޮތުގައި އެއީ އަންހެނުންގެ ދުވަހަށް އަމާޒުކޮށްގެން ނެރުނު ވީޑިއޯއެއް ކަމަށާއި ކެޕްޓަން ޑާވިޝް އަކީ އޭ380 ގެ ކައްޕި އަކަށްއެރި ފުރަތަމަ އަންހެނާ ކަމަށެވެ. އަދި އޮޕިސަރ އަލް މުހައިރީ އަކީ އެންމެ ކުޑަ އަންހެން ޕައިލެޓްއަކަށް ފުރަތަމަ ފަހަރަށް އޭ380 އަށް އެރި އަންހެނާކަމަށެވެ.

މި ވީޑިއޯ އާންމުކޮށްފައި ވަނީ އެމިރޭޓްސް އެއާލައިންސްގެ ރަސްމީ ޔޫޓިއުބް ޕޭޖް އިން މީގެ 3 ދުވަސް ކުރިންނެވެ. އަދި 3 ދުވަހުގެ ތެެރޭގައި އެ ވީޑީޔޯ ވަނީ 2 މިލިއަނަށްވުރެ ގިނަ މީހުން ބަލާފައެވެ. އަދި ގިނަ ބަޔަކު އެ ވީޑިއޯއަށް ދަނީ ތައުރީޕް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަތިންދާ ބޯޓު ދުއްވުމުގެ ގާބިލުކަން އެއީ ދެ ޖިންސަށްވެސް ލިބިގެންވާ ކަމެކެވެ. އަންހެން ޕައިލެޓުން ހުރިހާ ތަނެއްގައިވެސް މަދެވެ. އެއީ އަންހެނުންގެ ގާބިލުކަން އުނިވީމައެއް ނޫނެވެ. އިޖްތިމާއީ އެކިއެކި ސަބަބުތަކާހުރެ އަންހެނުން އިސްނުނަގަނީއެވެ. މަތިންދާ ބޯޓު ފިޔަވައި އެހެނިހެން ދުއްވާ އެއްޗެހީގައިވެސް އަންހެނުން މަދެވެ.