ޒުވާނުންގެ މެދުގައި ނުހަނު މަޤުބޫލުކަން ހޯދައިފައިވާ, ސްނެޕްޗެޓްގެ 120 މުވައްޒަފުން އެ ކުންފުނިން ވަކިކުރަން ނިންމައިފިއެވެ.

ތިންހާހެއްހައި މުއައްޒަފުން މަސައްކަތް ކުރާ މި ކުފުންޏަށް, ފާއިތުވި އަހަރު މާބޮޑު މާލީ ފައިދާއެއް ލިބިފައެއް ނުވެއެވެ. ޚަބަރުތައް ބުނާ ގޮތުގައި, މުއައްޒަފުން ވަކިކުރަން ނިންމާފައި މި ވަނީ ވެސް ކުންފުނި އިތުރަށް ރަނގަޅުކޮށް، ހިންގުން ހަރުދަނާ ކުރުމަށެވެ. އަދި މިއީ ކުންފުނީގެ ކުރިމަގަށް ވިސްނާފައި އަޅާ ފިޔަވަޅެއް ކަމުގައި ވެސް އެ ކުންފުނިން ބުނެއެވެ.

އެހެން އެޕް ތަކާއި ޚިލާފަށް, ސްނެޕްޗެޓްގެ "ޚާއްސަ ކޯޑް" ތައް, މި ފަހަކަށް އައިސް މި ވަނީ އާންމުންގެ ތެރެއަށް ލީކުވެފައެވެ. ހަމަ އެހެންމެ, މި ކުންފުނީގެ ވާދަވެރިން އިތުރުވެ ، އެމީހުން ވެސް މި ދަނީ އެ ޚާއްސަ ފީޗާރސް ތައް ނަކަލުކޮށް އާންމުންގެ ތަރުހީބު ހޯދަމުންނެވެ. އަދި ސްނެޕްޗެޓްގެ އެންމެ ބޮޑު ވާދަވެރިޔާ ކަމުގައި ބުނެވޭ, އިންސްޓަގްރާމުން ވަނީ ފާއިތުވެދިޔަ އަހަރުވެސް މާލީގޮތުން ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. އަދި ސްނެޕްޗެޓެކޭ އެއްފަދައިން، އަވަސް މުސްތަޤުބަލެއްގައި އިންސްޓަގްރާމުން ވެސް ވީޑިއޯ ކޯލް ކުރެވޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ކޮންމެ އަކަސް، ސްނެޕްޗެޓްގެ އިންޖިނިއަރިން ޓީމުގެ 10 އިންސައްތަ މުއްޒަފުން ވަކިކުރަން ނިންމާފައިވާއިރު، މިކަމުގެ ސަބަބުން މި ކުންފުނީގެ ކުރިމަގަށް ވާނެ ގޮތަކާއި މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.