އުމުރުން 48 އަހަރުގެ ބޮލީވުޑް ކުޅަދާނަ އެކްޓަރު ސައިފް އަލީ ޚާންގެ ކުރިއަށް އޮތް ފިލްމު "ބާޒާރު" ގެ އޮފިޝަލް ޓްރެއިލާ ގްރޭންޑްކޮށް ލޯންޗު ކުރުމަށް ހާއްސަ ހަފްލާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ފިލްމުގެ ޓީމުން ބުނެފިއެވެ.

ފިލްމުގެ ޓްރެއިލަރ ލޯންޗް ކުރުމުގެ ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 25 ވަނަ ދުވަހު ބޮންބޭ ސްޓޮކް އެކްސްޖޭންޖްގައެވެ. މިއީ މިފަދަ ގޮތަށް ހިންދީ ފިލްމެއްގެ ޓްރެއިލާ ބޮންބޭ ސްޓޮކް އެކްސްޖޭންޖްގައި ނެރޭ ފުރަތަމަ ފަހަރެވެ.

ނިކިލް އަދްވާނީ ލިޔެ، ގައުރަވް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ 2013 ވަނަ އަހަރު ނެރުނު ފިލްމު "ދަ ވޮލްފް އޮފް ވޯލް ސްޓްރީޓް" އަސްލަކަށް ބަލައިގެން އުފައްދާފައިވާ ފިލްމެކެވެ. ނަމަވެސް އެ ފިލްމުގައި ތަފާތުޔަކެއް ފެންނާނެ ކަމަށާއި މިވަގުތު ފިލްމާއި ބެހޭ މާ ބޮޑު މައުލޫމާތެއް ދެވެން ނެތް ކަމަށް ފިލްމުގެ ޓީމުން ބުނެއެވެ.

މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އިއުލާނުކޮށްފައިވާ މި ފިލްމުގެ ޕޯސްޓަރުގައިވެސް ސައިފް ވަރަށް ތަފާތު ގޮތަކަށް ފެންނައިރު، މި ފިލްމުގައި ސައިފް އަދާ ކުރަނީވެސް ތަފާތު ރޯލެއް ކަމަށް ފިލްމު ބެލި ބައެއް ފަރާތްތަކުން ބުނެއެވެ. މީގެ ކުރިން ސައިފް ވެސް މިހާރު ތަފާތު އަދި މީހުން ބޮޑަށް ބަލައިގަންނާނެ ކަހަލަ ރޯލުތަކަށް އިސްކަން ދޭ ކަމަށް ވަނީ ބުނެފައެވެ.

އެންމެ ފަހުން ސައިފް ފެނިގެންދިޔަ "ސާކަޑް ގޭމްސް" ގައިވެސް ސައިފްއަށް އެތައް ބައެއްގެ ތައުރީފް ވަނީ ލިބިފައެވެ.