އާންމުކޮށް ނުފެންނަ ކޮޕާ ހެޑް ސްނޭކް ގެ ނަމުން ނަންދީފައިވާ ދެ ބޯ ހުރި ހަރުފައެއް އެމެރިކާގެ ވާޖީނީއާއިން ހޯދައިފިއެވެ.

ހަޕަޓޮލޮޖިސްޓެއް ކަމަށްވާ ޖޯން ޑީ ކޮލޮފާ އޭނާގެ ފޭސްބުކް ޕޭޖްގައި ވިދާޅުވެފައި ވަނީ މި ބާވަތުގެ ހަރުފައަކީ އާންމުކޮށް ނުފެންނަ ހަރުފައެކެވެ. އޭނާ ވިދާޅުވީ އާންމުގޮތެއްގައި ދެ ބޯ ހުންނަ ހަރުފަ އެހާ ގިނަ ދުވަހު ދުނިޔޭގައި ދިރި ނުހުރެއެވެ. އޭނާ އިތުރަށް ވިދާޅުވީ މި ހަރުފަ ޒޫލޮޖިކަލް ފެސިލިޓީ އަކަށް ޑޮނޭޓް ކުރުމަށް ނިންމާފައިވާ ކަމަށާއި އެތާގައި މި ހަރުފަ ބެލެހެއްޓިގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ފޮޓޯ އެމެރިކާގެ ވާޖިނިއާ ވައިލްޑް ލައިފް ކޮންޓްރޯލް ޕޭޖްގައި ޕޯސްޓް ކޮއްފައިވަނީ ސްޓެފާނީ ނަމަކަށް ކިޔާ އަންހެނެކެވެ.

އެމެރިކާގެ ނޫހެއް ކަމަށްވާ ޔޫއެސްއޭ ޓުޑޭގައި ވާގޮތުން މި ހަރުފަ ފެނިފައިވަނީ ސްޓެފާނީގެ ބަގީޗާގެ ތެރެއިންނެވެ. މި ބާވަތުގެ ހަރުފަ އާންމުގޮތެއްގައި 18 އިންޗާއި 36 އިންޗަށް ބޮޑުވެއެވެ.

މީގެ ކުރިން 2016 ވަނަ އަހަރު އެމެރިކާގެ ޓެކްސަސް އިން، ވެސް ވަނީ ދެ ބޯ ހުރި ހަރުފައެއް ފެނިފައެވެ. އެ ފަހަރުވެސް ހަރުފަ ފެނިފައިވަނީ ގޯތި ތެރެއިން ނެވެ.އެ ހަރުފަ ފެނުނު އަންހެންމީހާ ވަނީ އެ ހަރުފަ ގެންގޮސް ޓެކްސަސްގެ ކެމަރަން ޕާކް ޒުލަކާއި ހަވާލުކޮށްފައެވެ.

އެ ޒުލުގެ ފަރާތުން ވާހަކަދެއްކި ބްރަޔަން ހެންލޭ ބުނީ އެ ހަރުފަ މިހާރު ދަނީ އެ ޒުލިގެ ފަރިތަވަމުން ކަމަށާއި އޭގެ ހުރިހާ ކަމެއްވެސް ރަނގަޅު ކަމަށެވެ. ދެ ބޯ ހުރި ހަރުފަ އާންމުންނަށް ދައްކާލުމުގެ މައުރަޒެއް ވަރަށް އަވަހަށް ބޭއްވޭނެ ކަމަށްވެސް އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު