ބޮލީވުޑްގެ ގިނަ ފިލްމުތަކެއް ލިޔެ، ޑައިރެކްޓްކޮށް އަދި ޕްރޮޑިއުސް ވެސް ކުރާ މަޝްހޫރް ފިލްމު އުފައްދާ ފަރާތެއް ކަމުގައިވާ ކަލްޕާނާ ލަޖްމީ މިއަދު މަރުވެއްޖެއެވެ.

ކަލްޕާނާ މަރުވެފައިވަނީ އުމުރުން 61 އަހަރުގައި ކިޑްނީ ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށް މުމްބާއީގެ ހޮސްޕިޓަލެއް ކަމުގައިވާ ކޮކިލަބެން ހޮސްޕިޓަލުގައެވެ.

ކަލްޕާނާ އެންމެ ފުރަތަމަ ބޮލީވުޑުން ފެނިގެންގޮސްފައިވަނީ 1986 ވަނަ އަހަރު ފިލްމު "އެކް ޕަލް" އިންނެވެ. އޭގެ ފަހުން 1988 ވަނަ އަހަރު އޭނާ ވަނީ ޓީވީ ސީރީޒް ތަކުންވެސް ފެންނަން ފަށާފައެވެ.

ކަލްޕާނާ ޑައިރެކްޓްކޮށްފައިވާ ބައެއް ފިލްމު ތަކުގެ ތެރޭގައި ހިމެނެނީ "ކިޔޯން" އާއި "ރުޑާލި" އަދި "ޗިންގާރި" ފަދަ ފިލްމްތަކެވެ. މިއީ 1900 ގެ އަހަރުތަކުގައި ބެލުންތެރިންގެ ތެރޭގައި ވަރަށް މަގުބޫލްވި ފިލްމުތަކެކެވެ.

އޭގެ ތެރެއިން "ޗިންގާރި" އަކީ ކަލްޕާނާ އުފެއްދި އެންމެ ފަހު ފިލްމެވެ.

ކަލްޕާނާ މަރުވުމާއި ގުޅިގެން ބޮލީވުޑްގެ ގިނަ ތަރިންތަކެއް ހިތާމަ ފާޅުކޮށް މީސްމީޑިއާގައި ޕޯސްޓް ކޮށްފައިވާއިރު، އެ ފަރާތްތަކުން ކުރި ޕޯސްޓްތަކުގައި ބުނެފައިވަނީ އަބަދުވެސް ކަލްޕާނާ މަތިން ހަނދާން ވާނެ ކަމަށާއި ފިލްމުތައް އުފެއްދުމުގައި އޭނާ އެ ކުރާ މިންނަތް މަސައްކަތަކީވެސް ފާހަގަކޮށްލަން ޖެހޭ ކަމެއްކަމުގައެވެ. އަދި އޭގެ އިތުރަށް މީހުންނާ މުހާތަބު ކުރާ ހިތްހެޔޮ މިޖާޒުމަތިންވެސް ވަރަށް ހަނދާން ވާނެ ކަމަށް އެ ފަރާތްތަކުން ވަނީ ބުނެފައެވެ.

ފިލްމު ލިޔެ ޑައިރެކްޓްކޮށް ޕްރޮޑިއުސްކުރުމުގެ އިތުރުން ކަލްޕާނާ މަދުމަދުން ފިލްމުތަކުގެ ލަވަތަކަށް ޅެން ހަދާކަން ވެސް ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު